ހަނޑޫ ހުސްވި ކަމަށް ބުނެ ރިޕޯޓް ކުރިކަމަށް ވިދާޅުވެ ބޮޑު ދޮގެއް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ހައްދަވައިފި އެވެ. 

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެޓީވީގެ ނޫސްވެރިޔާ ކުރި ސުވާލަކާ ގުޅިގެން، އެ ސުވާލަށް ޖަވާބު ނުދެއްވައި، މިނިސްޓަރު ސައީދު ވަނީ ވަރަށް ބޮޑަށް ނުރުހުންވެ ވަޑައިގެން ހަނޑޫ  ހުސްވި ކަމަށް ބުނެ ރިޕޯޓު ކުރި ކަމަށް ވިދާޅުވެފަ އެވެ. 

އިއްޔެ އައި އެއް ވާހަކައަކީ މާރުކޭޓުން ހަނޑޫ ހުސްވެއްޖޭ އެނގޭތޯ. ހަނޑޫ ހުހެއް ނުވޭ. މާކެޓުގައި އެހާ ބޮޑު ޓެންޝަނެއް އުފައްދާކަށް ނުވާނެ ނޫންތޯ ދޮގު ޚަބަރެއް ފަތުރައިގެން. ކީއްކުރަންތޯ ހަނޑޫ ހުސް ނުވަނީސް ހަނޑޫ ހުސްވީ އޭ ބުނަންވީ
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު

މިނިސްޓަރު ސައީދު މިމޭރުމުން ވާހަކަ ދެއްކެވުމުން ނޫސްވެރިޔާ ވަނީ އެ ރިޕޯޓުގެ މައުލޫމާތު ސާފުކޮށްދީފަ އެވެ. 

އެގޮތުން ވޭތުވެދިޔަ 2 ދުވަހު ހަނޑޫ ގަންނަން ދިޔަ ފަރާތްތަކަށް ހަނޑޫ ވިއްކާފައިވަނީ ލިމިޓް ކޮށްގެން ކަމަށް އެސްޓީއޯގެ ގަރާޖުގައި ތިބި މުވައްޒަފުން މައުލޫމާތު ދީފައިވާފައިވާތީ ހަނޑުލުގެ ސްޓޮކް ދަށްވެ އެސްޓީއޯ ކާޑު ގުދަނުން ލިމިޓްކޮށް ހަނޑޫ ވިއްކަމުންދާ ކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. 

މީގެ އިތުރުން ހަނޑޫ ވިއްކަމުން ދަނީ ލިމިޓް ކޮށްގެންތޯ ނުވަތަ މިދޭތެރެއިން ލިމިޓް ކޮށްގެން ހަނޑޫ ވިއްކިތޯ ކުރި ސުވާލަށް މިނިސްޓަރު ސީދާ ޖަވާބެއް ނުދެއްވަ އެވެ.