ފ. ފީއަލީގެ ބަނދަރުގައި އޮތް ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު 39 އަހަރުގެ މީހާ މަރުވެއްޖެ އެވެ.
ބުރާސްފަތި ދުވަހު ފުލުހުން ބުނީ، 9 އޭޕްރީލް 2026 ވަނަ ދުވަހު ފީއަލީ ބަނދަރުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެ ހިނގި ހާދިސާގައި އަނިޔާވި ބިދޭސީ މީހާ، ފަރުވާ ދެމުންދަނިކޮށް 4 މެއި 2026 ވަނަ ދުވަހު މަރުވެފައިވާ ކަމަށެވެ. އަދި އެމީހާގެ ހަށިގަނޑު މެއި 5 ވަނަ ދުވަހު ގައުމަށް ފޮނުވާލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
9 އޭޕްރީލް 2026 ގައި ހިނގި މި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެމީހާގެ ހަށިގަނޑުގެ 60 އިންސައްތަ ފިހުނެވެ. އެމީހާ އަށް ފުރަތަމަ ފަރުވާ ދީފައި ވަނީ އެރަށުގެ ސިއްހީ މަރުކަޒުގަ އެވެ. އޭގެފަހުން އައިޖީއެމްއެޗަށް ބަދަލުކޮށް ފަރުވާ ދީފައި ވަނީ ވެންޓިލޭޓަރުގަ އެވެ.
މި ހާދިސާގައި އެ ރަށުގައި މިފްކޯ އައިސްޕްލާންޓް އެއްކޮށް އަނދާ ހުލިފައިވާއިރު، ފާނު މަސްވެރިކަން ކުރާ ދެ ދޯންޏާއި، ވެލިއަރުވާ ދޯންޏެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފަ އެވެ. އަދި އަލަށް ބާލާފައި އޮތް ފައިބަރު ދޯންޏަކަށް އަލިފާނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.