އިދިކޮޅު މޯލްޑިވިއަން
ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބޭއްވި މުޒާހަރާއެއްގައި އެމްޑީޕީގެ ޒުވާނުންގެ
ހިތްވަރުގެ ނައިބު ރައީސް އަހުމަދު މައިމޫން މުހައްމަދު، ފުލުހެއްގެ ގައިގައި
ޖަހައި، ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ފުލުހަށް
ހާޒިރުކޮށްފިއެވެ.

ފުލުހުންގެ
އިދާރާއަށް އޭނާ ދިޔައީ ވަކީލަކާއެކުއެވެ. އަދި ބައްދަލުވުން ނިންމާލުމަށް ފަހު
ރާއްޖެޓީވީއާ ވާހަކަ ދައްކަވަމުން އޭނާގެ ވަކީލު ވިދާޅުވީ، އޭނާގެ މުވައްކިލުގެ މައްޗަށް ކުރެވޭ
ތުހުމަތުގެ ތެރޭގައި ފުލުހެއްގެ ގައިގައި ޖެހުންވެސް ހިމެނޭއިރު، އެކަމާ ގުޅޭ
އެއްވެސް ތަފްސީލެއް ފުލުހުންނަށް ނުދެވުނު ކަމަށެވެ.

ވަކީލު
ވިދާޅުވީ، މައިމޫނުގެ މައްޗަށް ކޮށްފައިވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތެއް
ކަމަށެވެ. އަދި ތަހުގީގަށް އިތުރަށް މައުލޫމާތެއް ބޭނުންވާނަމަ ގުޅާނެކަމަށް
ފުލުހުން ވަނީ މި ބައްދަލުވުމުގައި ބުނެފައެވެ.

މައިމޫނަށް މި ކުރި ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތެއްގެ ގޮތުގައި އަޅުގަނޑުމެން ފާހަގަ ކުރަމުން މި ދަނީ، ވީމާ އެމްޑީޕީގެ ލޯޔަރުންގެ ޓީމުން އެދެނީ މިފަދަ ކަންކަން ފުލުހުންގެ ފަރާތުން ތަކުރާރު ނުކުރުމަށް.
މައިމޫނުގެ ވަކީލު

ނޫސްވެރިންނާ
ވާހަކަ ދައްކަމުން މައިމޫން ބުނީ، އަބަދުވެސް އެމްޑީޕީ އިދިކޮޅުގައި އޮންނައިރު
ފުލުހުންގެ މުއައްސަސާގެ ބޭނުންކޮށްގެން އެމްޑީޕީގެ ސިޔާސީ ޙަރަކާތްތަކުގައި އުޅޭ
ޒުވާނުންނާއި ލީޑަރުންނަށް ހުރަސްތައް ކުރިމަތި ކުރުވުމަށް މަސައްކަތް ކުރާ
މަންޒަރު ފެންނަމުންދާކަމަށެވެ.

މައިމޫން
ވިދާޅުވީ، އެމްޑީޕީން އަބަދުވެސް އިސްކަންދެނީ ސުލްޙަވެރި ސިޔާސީ ޙަރަކާތްތައް
ހިންގުމަށް ކަމަށެވެ. އަދި އެމްޑީޕީން މަގުތަކަށް ނުކުމެ ކަންބޮޑުވުން ފާޅު
ކުރަމުންދަނީވެސް ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅުވާތީކަން އޭނާ ފާހަގަކުރިއެވެ. މި
މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ ސިޔާސީ ގޮތުން ފަހަތަށް
ޖައްސާލުމަށް ކޮށްފައިވާ ތުހުމަތެއްކަން ފާހަގަކޮށް އޭނާ ވަނީ ތުހުމަތުތަކަށް
އިންކާރުކޮށްފައެވެ.

ކޮންމެ ފަހަރަކުވެސް އަޅުގަނޑުމެން އިދިކޮޅުގައި ތިބޭއިރު އެކިއެކި ސިޔާސީ ތުހުމަތުގައި ފުލުހުންގެ މުއައްސަސާ ބޭނުންކޮށްގެން ސިޔާސީ ޕާޓީތަކުގައި ޙަރަކާތްތެރިވާ ޒުވާނުންނާއި ލީޑަރުން ފަހަތަށް ޖައްސާ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެންދޭ.
އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް އަހުމަދު މައިމޫން މުހައްމަދު

އޭނާ ހާޒިރުކޮށްފައިވަނީ
18 އޭޕްރީލް 2026 ވަނަ ދުވަހުގެ ވަގުތެއްގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ
މިނިވަންކަމުގެ ގާނޫނާއި ހިލާފަށް މާލޭގެ އެކި ސަރަހައްދުގެ މަގުތަކަށް އެއްވެ
އަޑުގަދަކޮށް މުޒާހަރާކޮށް އާއްމު ދަތުރުފަތުރު ކުރުމަށާއި، އާއްމު ވިޔަފާރިތަކަށް
ދަތިވާނެހެން ހަރަކާތްތެރިވެ، ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސްއަޅައި،
ފުލުހުންގެ އަމުރަށް ނުކިޔަމަންވެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި
ފުލުހުންގެ ގައިގައި ޖަހާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ އެވެ.