މި
ސަރުކާރު ވެރިކަމަށް އައިސް މަޖިލިސް އިންތިޚާބާއި އެއާ ވިދިގެން އައި
މުއްދަތުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އަށް އަލަށް ނެގި
މުވައްޒަފުންގެ އަދަދާއި، ވަކިކުރި މުވައްޒަފުންގެ އަދަދު ހާމަކުރަން ނުޖެހޭކަމަށް
ކަނޑައަޅައިދިނުމަށް އެދި އެ ކުންފުނިން ހުށަހެޅި މައްސަލަ ކުރިއަށް
ގެންދެވޭނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

މި
މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނުގައި ހޯދަން އެދިފައިވާ މައުލޫމާތަކީ 17
ނޮވެމްބަރު 2023 އިން ފެށިގެން 3 ޖުލައި 2024 އަށް ސްޓެލްކޯއަށް
އައްޔަނުކޮށްފައިވާ މުވައްޒަފުންގެ އަދަދާއި، ނަމާއި، މުސާރައާއި އެލަވަންސްގެ
އިތުރުން، އެ ފަރާތްތަކުގެ ވަޒީފާ އަދާކުރާ ރަށާއި، އެ މުއްދަތުގައި ސްޓެލްކޯގެ
ވަޒީފާއިން ވަކި ކުރެވިފައިވާ ފަރާތްތަކުގެ އަދަދެވެ.

މި މައްސަލައިގައި
2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އައިކޮމްއިން ބޭއްވި
އަޑުއެހުމެއްގައި ސްޓެލްކޯއިން ވަނީ އިޖުރާއީ އިއުތިރާޒެއް ހުށަހަޅާފައެވެ. އެގޮތުން
އެ އިއުތިރާޒުގައި ބުނެފައިވަނީ، މި މައްސަލަ ހުށަހެޅި ފަރާތުގެ ޝަހުސު ކަށަވަރު
ނުކުރެވޭ ކަމަށެވެ. އަދި މައްސަލަ ހުށަހެޅީ ސީދާ ކާކުކަން ކަށަވަރު ނުކުރެވޭއިރު،
މި މައްސަލަ ބަލައިގަނެގެންވެސް ނުވާނެކަމަށް ސްޓެލްކޯއިން ފާހަގަ ކުރެއެވެ.

އެހެންނަމަވެސް،
އައިކޮމްއިން އެކަމުގައި ބުނެފައިވަނީ ސްޓެލްކޯއިން ފާހަގަކޮށްފައިވާ އިޖުރާއީ
ނުކުތާއަކީ މި ޝަކުވާ ކުރިއަށް ގެންދިއުމަށް އޮތް ހުރަހެއް ނޫން ކަމަށެވެ.

އެހެންވެ
ސްޓެލްކޯއިން ހައިކޯޓުގައި އެ ނިންމުން އިސްތިއުނާފުކޮށް އެދުނީ މި މައްސަލަ
ބާތިލުކޮށްދިނުމަށެވެ.

މި
މައްސަލައިގައި އައިކޮމްއިން ހައިކޯޓުގައި އިޖުރާއީ ނުކުތާއެއް ނެގިއެވެ. އެއީ ސްޓެލްކޯގެ
ފަރާތުން ކޮށްފައިވާ އިލްތިމާސަކީ އެއްވެސް އަސާސެއް ނެތް، އެކަށީގެންވާ ސަބަބެއް
ނެތި އިޖުރާއަތު ބޭނުން ކުރުމުގެ ގޮތުން ހުށަހަޅާފައިވާ ދައުވާއެއް ކަމަށެވެ.
އެހެންވެ ސްޓެލްކޯގެ ފަރާތުން ހުށަހެޅި މި މައްސަލަ ބާތިލުކޮށްދިނުމަށް އެދި
އައިކޮމްއިން އިޖުރާއީ އިއުތިރާޒެއް ކޮށްފައިވެއެވެ.

އެހެންނަމަވެސް،
އައިކޮމްއިން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް މި މައްސަލަ ބާތިލު
ކުރަންޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނަކަމަށް ހައިކޯޓުން ވަނީ ނިންމާފައެވެ.
އަދި ސްޓެލްކޯގެ ފަރާތުން ހުށަހަޅާފައިވާ މި މައްސަލައަށް މަދަނީ އިޖުރާއަތުގެ
ޤާނޫނުގެ ދަށުން އައިކޮމްއިން ޖަވާބުދާރީވާން ޖެހޭނެކަމަށް ވެސް ހައިކޯޓުން ވަނީ
ނިންމާފައެވެ.

އެހެންވެ
އައިކޮމްއިން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބުރާސްފަތި
ދުވަހު ސުޕްރީމް ކޯޓުން އެ މައްސަލައިގައި ނިންމާފައިވަނީ، ސްޓެލްކޯއިން އެދިފައިވާ ގޮތަށެވެ. އެއީ ހައިކޯޓުގެ ނިންމުމަށް
ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުގައި
މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން، ފަނޑިޔާރު ޑރ މުޙައްމަދު
އިބްރާހިމް އަދި ފަނޑިޔާރު މުޙައްމަދު ސަލީމްއެވެ.