ކެއިންބުއިމުގައި އާންމުކޮށް ބޭނުންކުރާ ހަނޑޫ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސްޓޮކުން މަދުވެ، ހަނޑޫ ދޫކުރުން ލިމިޓްކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.

މިކަމާ ގުޅިގެން މާލޭގެ ބައެއް ފިހާރަތަކުން މިހާރު ހަނޑޫ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އާންމުން ބުނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެސްޓީއޯގެ ކާޑު ގުދަން އާންމުކޮށް ބަންދުކުރާ ގަޑިއަށްވުރެ އަވަހަށް މިހާރު ދަނީ ބަންދުކުރަމުންނެވެ. ވޭތުވެދިޔަ ދެ ދުވަހު ހަނޑޫ ގަންނަން ދިޔަ ފަރާތްތަކަށް ހަނޑޫ ވިއްކާފައި ވަނީ ވަކި މިންވަރަކަށް ލިމިޓްކޮށްގެންނެވެ. ގުދަނުގައި ތިބި މުވައްޒަފުންނާ ހަވާލާދީ ހަނޑޫ ގަންނަން ދިޔަ ބައެއް މީހުން ބުނީ، ހަނޑޫ ވިއްކަނީ ލިމިޓްކޮށްގެން ކަމަށާއި ގުދަން ހުޅުވާފައި ބަހައްޓަނީ ވެސް ވަކި ވަގުތުތަކެއްގައި ކަމަށެވެ.

މި މައްސަލައިގެ އަސަރު މާލޭގެ ބާޒާރަށް ވެސް ވަނީ ކުރަން ފަށާފަ އެވެ. މާލޭގެ ބައެއް ފިހާރަތަކުން ބުނާ ގޮތުގައި އެސްޓީއޯގެ ކާޑު ގުދަން ބަންދުކޮށްފައި ހުރުމުގެ ސަބަބުން ހަނޑޫ ލިބުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. އަދި ސްޓޮކް މަދުވުމުގެ ސަބަބުން އެސްޓީއޯ އިން ހަނޑޫ ވިއްކަނީ ލިމިޓްކޮށްގެން ކަމަށް ވެސް ފިހާރަތަކުން ފާހަގަކުރެ އެވެ.

މިކަމާ ގުޅިގެން އެސްޓީއޯ އިން ބުނީ، ވޭތުވެދިޔަ ދެ ދުވަހު ވަކި ވަގުތުތަކެއްގައި ގުދަން ބަންދުކުރަން ޖެހުނީ އިންވެންޓްރީ ގުނުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން އާންމުކޮށް ހުޅުވާފައި ހުންނަ ގަޑިތަކުގައި ގުދަން ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. ނިމޭނެ ދުވަހެއް އެސްޓީއޯ އިން ނުބުނެ އެވެ.

އެސްޓީއޯގެ ހަނޑޫ ސްޓޮކަށް ބާރުބޮޑުވެފައިވާއިރު، ތުރުކީވިލާތުން ކާޑުގެ ބާވަތްތައް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އަމަލީ ގޮތުން އެކަން އަދި ފެންނާކަށް ނެތެވެ. މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ތުރުކީން ކާޑު ގެނައުމަށް ސަރުކާރުން އޯޑަރު ކުރި ޝިޕްމަންޓް ނުލިބުމުގެ ސަބަބުން، ސަރުކާރުން ހިލޭ ބަހާފައި ވަނީ އިންޑިއާ އާއި ލަންކާއިން އެތެރެކޮށްފައިވާ ކާޑުގެ ބާވަތްތަކެވެ.

ކާޑު ގެނައުމަށް ވަކި ގައުމަކަށް ބަރޯސާވުން ހުއްޓާލުމުގެ ގޮތުން ތުރުކީވިލާތާއެކު އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަމަށް ރައީސް މުއިއްޒު އިއުލާން ކުރެއްވީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވެ. އެ ދުވަހު ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ހަނޑޫ، ހަކުރު އަދި ފުށް އެއް އަހަރު ދުވަހަށް ވާވަރަށް އަދި އިތުރު 10 އިންސައްތައާއެކު ތުރުކީން ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި، އެ އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާ ކަމަށެވެ. ނަމަވެސް މިހާރު ކުރިމަތިވެފައިވާ ހަނޑުލުގެ ދަތިކަމާއެކު، ކާޑުގެ ރައްކާތެރިކަމާ މެދު އާންމުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.