ދަމަނަވެށީގެ ވެކްސިން ރައްކާ ކުރާ ކޮޓަރީގެ އޭސީ އައުޓްޑޯ ޔުނިޓްތައް ވަގަށް ނަގައިފި އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދިން މީހަކު ބުނީ ދަމަނަވެށީގެ ޖުމްލަ 5 އައްޓްޑޯ ޔުނިޓް ވަގަށް ނަގާފައިވާ ކަމަށެވެ. އެގޮތުން ބުދަ ދުވަހު 1 އަައުޓޑޯ ޔުނިޓް ވަގަށް ނަގާފައިވާ ކަމަށާއި، އިތުރު 4 ޔުނިޓް ވަގަށް ނަގާފައިވާ ކަމަށެވެ. ދަމަނަވެށީގެ އައުޓްޑޯ ޔުނިޓްތައް ވަގަށް ނަގާފައިވަނީ، ކުރީގެ ތެލެސީމިއާ ސެންޓަރުގައި ޖީޕީ ކްލިނިކެއް ހަދަން އެ ސަރަހައްދުގައި މަސައްކަތް ކުރަމުންދާތަނުގެ ބިއްގަނޑުގެ ތެރެއިން ވަދެގެންނެވެ.
މައުލޫމާތު ދިން މީހާ ބުނީ އައުޓްޑޯ ޔުނިޓް ނެގިކަން ފާހަގަވެގެން އެކަން ފުލުހުންނަށް ވެސް އެންގި ކަމަށެވެ. އަދި އަންގާރަ ދުވަހު ފުލުހުން ވެސް އެތަނަށް ދިޔަ ކަމަށެވެ. އަދި ފުލުހުން ދިޔަ ފަހުން ބުދަ ދުވަހު އިތުރު އައުޓްޑޯ ޔުނިޓެއް ނަގާފައިވާ ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި އައުޓްޑޯ ޔުނިޓް ނަގާފައި ވަނީ ދަމަނަވެށީގައި ވެކްސިން ރައްކާކޮށްފައި ހުންނަ ކޮޓަރީގެ އެވެ. އަދި އެތަނަކީ ވަކި މިންވަރަކަށް ފިނިހޫނުމިން ބަހައްޓަންޖެހޭ ތަނަކަށް ވެފައި، އޭސީ ނެތުމުން އެތަނުގެ މުވައްޒަފުން ދަނީ އެކި ގޮތްގޮތުން އެތަނުގެ ފިނިހޫނުމިން ހުންނަންޖެހޭ މިންވަރަށް ބެހެއްޓުމުގެ މަސައްކަތް ކުރަމުންނެވެ.
ދަމަނަވެށީގެ އައުޓްޑޯ ޔުނިޓުތައް ވަގަށް ނަގައި، އެތަނުގައި ރައްކާކޮށްފައި ހުރި ވެކްސިންތައް ހުންނަންޖެހޭ ފިނިހޫނުމިން ނުހިފެހެއްޓޭއިރު، މިހާތަނަށް އެކަން ހައްލުކުރަން އެއްވެސް ކަމެއް ކޮށްފައި ނުވެ އެވެ.
ދަމަނަވެއްޓަކީ ކުޑަކުދިންނަށް ދޭ ވެކްސިންގެ އިތުރުން ތަފާތު އެކި ބަލިތަކަށް ވެކްސިން ދިނުމާއި، ހައްޖާ އުމްރާއަށް ފުރާ މިހުންނަށް ވެސް ވެކްސިން ދޭ ތަނެވެ.