މަރުގެ ޙުކުމް
ތަންފީޒުކުރުމަށް ބޭނުންވާ ޤާނޫނު ހެދުމަށް މަޖިލީހުގެ މި ދައުރުގެ ތެރޭގައި
ހުށަހަޅުއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، މި
ދައުރަށް އެ ބިލު ހުށަހެޅޭނެކަމަށް ފެނިވަޑައިނުގަންނަވާކަމަށް ބަންޑާރަނައިބު
އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މަރުގެ ޙުކުމް
ތަންފީޒުކުރުން ޤާނޫނީ ގޮތުން ކަށަވަރު ކުރަން ޖެހޭ ކަމަށާއި، މިއަދާ ހަމައަށް އައިއިރުވެސް
މިކަމާ ގުޅޭ އެއްވެސް ޤާނޫނެއް ނެތްކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވަނީ މަރުގެ
އަދަބު ތަންފީޒު ކުރުމުގެ ޚާއްޞަ ޤާނޫނެއް ގެނައުމުގެ ބިލުގެ މަސައްކަތް މިހާރު
ބަންޑާރަނައިބުގެ އޮފީހުން ކުރަމުންދާކަން 23 މާރޗު 2026 ގައި ހާމަ ކުރައްވާފައެވެ.
އަދި މަޖިލީހުގެ މި ދައުރުގެ ތެރޭގައި އެ ބިލު ހުށަހަޅުއްވާނެކަމަށް އެ ދުވަހު ރައީސް
ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް
ބުދަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މި ދައުރުގެ ތެރޭގައި ހުށަހަޅަން
ޤަސްދުކުރައްވާ ބިލުތަކުގެ ތަފްސީލު އޭޖީ ދެއްވިއިރު، އެ ބިލުގެ ވާހަކަ ހިމަނުއްވާފައެއް
ނުވެއެވެ. އެހެންވެ އެކަމާ ގުޅޭގޮތުން ރާއްޖެޓީވީން ސުވާލު ކުރުމުން އުޝާމް
ވިދާޅުވީ، މަރުގެ ޙުކުމް ތަންފީޒުކުރުމަށްޓަކައި ހަރުދަނާ ޤާނޫނީ އޮނިގަނޑެއް
ބޭނުންވާނެ ކަމަށާއި، އެ މަސައްކަތް އޭޖީ އޮފީހުން މިހާރު ކުރަމުންދާކަމަށެވެ.
އެހެންނަމަވެސް
ރައީސް އެ ވިދާޅުވެފައިވާ ގޮތަށް މަޖިލީހުގެ މި ދައުރުގެ ތެރޭގައި އެ ބިލު
ހުށަހެޅޭނެކަމަށް ޤަބޫލު ނުކުރެވޭކަމަށް އުޝާމް ވިދާޅުވިއެވެ.
މަރުގެ ޙުކުމް ތަންފީޒުކުރުމާ ގުޅޭ ޚާއްޞަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން އެބަ ގެންދަން، ރައީސް އެ ފާހަގަ ކުރެއްވި ފަދައިން އަޅުގަނޑުމެން މަސައްކަތް ކުރަމުން ދިޔައީ މި ދައުރުގެ ތެރޭގައި އެ ބިލު ހުށަހެޅޭތޯ، އެހެންނަމަވެސް އަޅުގަނޑަކަށް ހިއެއް ނުވޭ، މިހާރު ޤަބޫލެއް ނުކުރެވޭ މި ދައުރުގެ ތެރޭގައި އަޅުގަނޑުމެންނަށް ހުށަހެޅޭނެކަމަކަށް. އެއީ މަޖިލީހުގެ މި ދައުރު އެބަ ނިމޭ މި މަހު 15 ގައިބަންޑާރަނައިބު އަހުމަދު އުޝާމް
އުޝާމް ވިދާޅުވީ،
މަޖިލީހުގެ ދެވަނަ ދައުރުގެ ތެރޭގައި އެ ބިލު ހުށަހެޅޭނެކަމަށް ޤަބޫލު ކުރެވޭ
ކަމަށެވެ. އަދި ވިދާޅުވީ، އެ ބިލުގެ ބޮޑު ބައިގެ މަސައްކަތް މިހާރު
ނިމިފައިވާކަމަށެވެ.
މީގެ
އިތުރުން، އެކަމުގެ ބާވަތުން ބަލަންޖެހޭ ވަރަށް ގިނަ ކަންކަން ވެސް އެބަހުރިކަން
ފާހަގަ ކުރައްވައި އުޝާމް ވިދާޅުވީ، ދީނީ އޭންގަލްތަކުން ވެސް ބަލަންޖެހޭ ކަންކަން
އެބަހުރި ކަމަށެވެ. އެހެންކަމުން މިހާރު ކުރިއަށްދަނީ އެ ކަންކަން ބެލުމުގެ
މަސައްކަތްކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ،
މަރުގެ ޙުކުމް ތަންފީޒުކުރާ ވާހަކަ ދައްކާއިރަށް ބައިނަލްއަޤުވާމީ ގޮތުން ޝަކުވާތައް
އަންނަ ކަމަށާއި، ނަމަވެސް މަރުގެ ޙުކުމް ތަންފީޒު ކުރަންޖެހޭނެ ކަމަށެވެ. އަދި
އެއީ ސުވާލެއް އޮތް ކަމެއް ނޫންކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާމްގެ
އިތުރުން، މި ސަރުކާރުގެ ދާޚިލީ ވަޒީރު އަލީ އިޙްސާން ވެސް ވަނީ ރާއްޖޭގައި މަރުގެ
ޙުކުމް ތަންފީޒު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.