ރައީސް
އޮފީހުން ޤާނޫނާ ޚިލާފުވެފައިވާކަމަށާއި، ފިޔަވަޅު އަޅާނެކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ
އޮފީސް (އައިކޮމް) އިންވެސް ބުނެފައިވާއިރު، އާރްޓީއައި. ހުށަހަޅާ ފަރާތްތައް
ގޯސްކުރައްވައި ދައުލަތުގެ ބަންޑާރަނައިބު އަހުމަދު އުޝާމް ވާހަކަ
ދައްކަވައިފިއެވެ.
ރައީސް
އޮފީހުން އާރްޓީއައި.ތަކަށް ޖަވާބު ނުދޭކަމުގެ ޝަކުވާ އެތައް ބަޔަކު ދަނީ
ކުރަމުންނެވެ. އެގޮތުން ރައީސް އޮފީހަށް ރައްދުވާގޮތަށް ރާއްޖެޓީވީގެ ފަރާތުން އައިކޮމްއަށް
ހުށަހަޅާފައިވާ މައްސަލައަށް އެކަނި ބަލާލި ނަމަވެސް، ރައީސް އޮފީހުން
ޤާނޫނުގައިވާ ގޮތަށް އަމަލުކޮށްފައިނުވާކަން ފެންނަން އެބައޮތްކަމަށް އައިކޮމްގެ
ރައީސް އާހިދު ރަޝީދު ވެސް ވަނީ ވިދާޅުވެފައެވެ. އަދި ތަކުރާރުކޮށް ރައީސް އޮފީހުން
ޤާނޫނާ ޚިލާފުވަމުން ގޮސްފައިވާތީ އައިކޮމްއިން ވަނީ ފިޔަވަޅު އަޅާނެކަމުގެ
އިންޒާރުވެސް ދީފައެވެ.
އެހެންވެ
ބުދަ ދުވަހު އޭޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެޓީވީން
ވާނީ ދައުލަތުގެ އިދާރާތަކުން ޤާނޫނުތަކަށް ބޯނުލަނބާއިރު، އެކަމާ ގުޅިގެން އޭޖީ
އޮފީހުން އެއްވެސް އެންގުމެއް އަންގާފައިވާނެތޯ ސުވާލުކޮށްފައެވެ.
އެ
ސުވާލަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ، އާރްޓީއައި. ޤާނޫނަކީ ވަރަށް މުހިއްމު
މަޤްސަދެއްގައި އެކުލަވާލާފައިވާ ޤާނޫނެއް ކަމަށާއި، އާރްޓީއައި. ޤާނޫނު ހެޔޮ
ގޮތުގައި ބޭނުންކުރާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމަކީ ބޭނުންތެރި
ކަމެއް ކަމަށެވެ.
އެހެން ނަމަވެސް،
ގިނަފަހަރު ފެނިގެންދަނީ އާރްޓީއައި. ޤާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ހިފާތަންކަމަށް
އުޝާމް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ބައެއް ފަރާތްތަކުން ހުށަހަޅާ އާރްޓީއައިތަކުގެ
ސަބަބުން އިދާރާތަކުގެ ވަރަށް ގިނަ ވަގުތުތައް އެކަމަށް ހޭދަކުރަން ޖެހޭ ކަމަށެވެ.
ނަމަވެސް އާރްޓީއައި ހުށަހެޅުމަކީ ޤާނޫނުން ހުއްދަކޮށްގެން، ޤާނޫނުގެ ތަރަހައިގެ ތެރެއިން
ކުރާ ކަމެއްކަން ހުދު އުޝާމްވެސް ޤަބޫލު ކުރައްވައެވެ.
އަޅުގަނޑުވެސް ޤަބޫލުކުރާ ގޮތުގައި އާރްޓީއައި ޤާނޫނު ހެޔޮ ގޮތުގައި ބޭނުންކުރާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމަކީ ބޭނުންތެރިކަމެއް. އެހެންނަމަވެސް އަޅުގަނޑުމެންނަށް ވަރަށް ގިނަ ފަހަރު ފެނިގެން މިދަނީ އާރްޓީއައި ޤާނޫނު އެބިއުސްކުރާތަން ވެސް އެބަފެނޭ. ސަރުކާރުގެ ބައެއް އިދާރާތަކުގެ ވަރަށް ގިނަ ވަގުތު އެބަ ހޭދަކުރަންޖެހޭ ބައެއް ފަރާތްތަކުން އާރްޓީއައި ޤާނޫނު ބޭނުންކޮށްގެން ކުރާ ކަންތައްތަކުގެ ސަބަބުން.ދައުލަތުގެ ބަންޑާރަނައިބު އަހުމަދު އުޝާމް
އުޝާމް
އިތުރަށް ވިދާޅުވީ، އާރްޓީއައިތަކަށް ޖަވާބު ދިނުމަކީ މުހިއްމު ކަމެއް ކަމަށާއި، ޖަވާބު
ނުދިން ނަމަވެސް ފިޔަވަޅު އެޅުމަކީ އޭޖީ އޮފީހުގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫން
ކަމަށެވެ.
އާރްޓީއައިތަކަށް
ޖަވާބު ނުދީގެން ފިޔަވަޅު އެޅުން އެއީ އޭޖީ އޮފީހުގެ މެންޑޭޓުގައި ހިމެނޭ ކަމެއް
ނޫން ނަމަވެސް، ދައުލަތުގެ އިދާރާތަކުން ކުރާ އެފަދަ ކަންކަމާ ގުޅިގެން އަންގަން
ޖެހޭ އެންގުންތައް އެންގުމުގެ ބާރު ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނުން އެ
އޮފީހަށް ލިބިފައިވެއެވެ. އަދި ޤާނޫނުގެ ވެރިކަން ނަގަހައްޓައި ހިމާޔަތް ކުރުމަކީ
އޭޖީ އޮފީހުގެ ޒިންމާއެއްކަމަށް ވެސް 2025 ގައި އަމަލު ކުރަން ފެށި އެ ޤާނޫނުގައި
ސާފުކޮށް ބަޔާންކޮށްފައިވެއެވެ.