އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބޭއްވި މުޒާހަރާއެއްގައި އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް އަހުމަދު މައިމޫން މުހައްމަދު، ފުލުހެއްގެ ގައިގައި ޖަހައި، ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި، ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމަށް ޗިޓް ފޮނުވައިފި އެވެ.

ބުދަ ދުވަހު މައިމޫނަށް ފޮނުވި ޗިޓުގައި ބުނެފައި ވަނީ، ބުރާސްފަތި ދުވަހުގެ ހެނދުނު 9:30ށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޒިރުވާން ޖެހޭ ކަމަށެވެ.
ކުށުގެ ތުހުމަތުގައި ހާޒިރު ކުރެވޭއިރު، ދެ ގަޑިއިރު ހޭދަވާނެ ކަމަށް ޗިޓުގައި ބުނެފައިވެ އެވެ.

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހެއްގެ ގައިގައި ޖެހި ކަމުގެ ތުހުމަތުގައި، މައިމޫން ފުލުހަށް ހާޒިރުވާން އަންގައި ފޮނުވި ޗިޓް.
އޭނާ ހާޒިރުކުރަނީ 18 އޭޕްރީލް 2026 ވަނަ ދުވަހުގެ ވަގުތެއްގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް މާލޭގެ އެކި ސަރަހައްދުގެ މަގުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް އާއްމު ދަތުރުފަތުރު ކުރުމަށާއި، އާއްމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ، ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސްއަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންވެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ފުލުހުންގެ ގައިގައި ޖަހާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ އެވެ.
18 އޭޕްރީލް ގައި ކުރި މުޒާހަރާގައި މައިމޫނު ހައްޔަރު ވެސް ކޮށްފައިވެ އެވެ. ފުލުހުން މައިމޫނު ހައްޔަރު ކުރުމުގެ ތެރޭގައި އޭނާ ގެ ބޮލުން 4 އިންޗިއެއްހާތަން ފަޅައިގެން ގޮސްފައިވާ ކަމަށް އެމްޑީޕީގެ ގާނޫނީ ޓީމުން މައުލޫމާތު ދީފައިވެ އެވެ. އަދި އައިޖީއެމްއެޗްގައި އޭނާ އަށް ފަރުވާ ދީފައިވެ އެވެ.
އެ ރޭ މައިމޫނު ހައްޔަރު ކުރުމަށް ފަހު، އޭނާ ދޫކޮށްލީ 19 އޭޕްރީލްވީ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި 4 ޝަރުތަކާ އެކު އެވެ.
އޭގެ ތެރޭގައި ތަހުގީގަށް އެއްބާރުލުން ދިނުމާއި، މައްސަލައާ ގުޅުންހުރި ފަރާތްތަކާ މުއާމަލާތު ނުކުރުމާއި، ފޯނު ނަންބަރާއި އެޑްރެސް ބަދަލުވެއްޖެނަމަ އެންގުމާއި، މާލެ ސަރަޙައްދުން ދާނަމަ ފުލުހުންނަށް އެކަން އެންގުން ހިމެނެ އެވެ.
މައިމޫނަކީ މުޒާހަރާތަކުގައި ސަރުކާރާ ދެކޮޅަށް އަޑު އުފުލާ ޒުވާނަކަށްވާއިރު، މީގެ ކުރިން ވެސް މުޒާހަރާތަކުގައި އިސްވެ ހަރަކާތްތެރިވާތީ އޭނާ ފުލުހަށް ހާޒިރު ކޮށް ބަޔާން ނަގާފައިވެ އެވެ.