ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހަށް ސިޔާސީ އިރު އަރާފައިވާ ކަމަށާއި، ވާދަވެރިކަން މުޅި ގައުމުން ފެންނަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ބޭއްވި ބޮޑު ބަދަލު ހަރުގެ ޖަލްސާގައި ވައްޑެ ވިދާޅުވީ ސިޔާސީ މައިދާނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުކުންނެވުމާއެކު، މުޅި ގައުމުން މިހާރު އެކަން ފެންނަމުންދާ ކަމަށާއި، ހުރިހާ ދިމާލެއްގައި ވާދަވެރިކަން އުފެދިފައިވާ ކަމަށެވެ. އަދި އެމްޑީޕީ އެތެރޭގައި ވެސް ވާދަވެރިކަން ވަރަށް ބޮޑުކަން އޭނާ ފާހަގަކުރެއްވި އެވެ. 

ވައްޑެ ވިދާޅުވީ ވާދަވެރިކަމެއް އޭގެ ޒާތުގައި އޮތުމަށްޓަކައި ވެސް ނަޝީދު ސިޔާސީ މަސައްކަތުގައި ހުންނަވަން ޖެހޭ ކަމަށެވެ. އަދި އޮނޑި ކަނޑަށް ގަދަވެ، ސްޕީޑް ބާރު ކުރަން ބޭނުންވާ ކަމަށްވާނަމަ މިކަން ތޮބީއީ ގޮތުން ދަންނަ މީހަކާ ހަވާލު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ވައްޑެ ވިދާޅުވީ ނަޝީދު އަމަލީ ގޮތުން މި މައިދާނަށް ވަޑައިގަތުމާ ހަމައަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރުގެ ބޭފުޅެއް ނެތް ކަމަށް ބައެއް މީހުންނަށް ހީވި ކަމަށެވެ. ނަމަވެސް މިހާރު މުޅި މަންޒަރު ބަދަލުވެފައިވާ ކަމަށާއި، ސިޔާސީ އިރު އަނެއްކާ ވެސް އަރާފައިވާ ކަމަށް ވައްޑެ ވިދާޅުވި އެވެ. 

އަދިރި އިރުގައި އުޑުމަތިން އުނޑުމަތިން ތަރިތައް ވަރަށް ގިނައިން ފެންނާނެ. ހަނދު އެރީމަ ވަރަށް މަދު ތަރިއެއް ފެންނާނީ. އިރު އެރުމާއެކު ހުރިހާ އެއްޗެއް ގެއްލޭނެ. ސިޔާސީ އިރު އަނެއްކާ ވެސް އެރީ އަނެއްކާ ވެސް. އަރާފައި މިހާރު. ބައްލަވާ ރައީސް ނަޝީދު ވަޑައިގަތުމާ ހިސާބަށް މުއިއްޒު ވަރުގެ މީހެއް ނެތް މިރާއްޖެއަކު. ވާދަ ކުރެވިދާނެ ކަމަކަށް ވެސް ބަޔަކު އުއްމީދެއް ނުކުރޭ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) 

ސިޔާސީ މަސްރަހަށް އިޝާރާތް ކުރައްވައި ވައްޑެ ވިދާޅުވީ ރާއްޖޭގައި އަގު ދީފައި ވޯޓު ގަންނަ ބޭފުޅުން ވަރަށް ގިނަ ކަމަށާއި، ރައީސް މުއިއްޒު ވެސް އަމަލު ކުރައްވަނީ އެގޮތަށް ކަމަށެވެ. 

ނަމަވެސް ރާއްޖެއަށް މިހާރު ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމަށް ރައްޔިތުން ވެސް ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ނަޝީދަކީ ސިޔާސަތަކުން އުންމީދަކުން ވޯޓު ހޯއްދަވާ ބޭފުޅެއް ކަމަށާއި، އެކަން މީގެ ކުރިން ފެނިފައިވާ ކަމަށެވެ.