ވައިބަރއިން ފޮނުވި ލިންކެއް މެދުވެރިކޮށް ބެންކު އެކައުންޓުން 50،000 ރުފިޔާ މަކަރާއި ހީލަތުން ހޯދި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.

ބުދަ ދުވަހު ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން މިމަހުގެ 2 ވަނަ ދުވަހު މ. އޮމެގާ / މާލެ، މޫސާ މުޙައްމަދު (38އ) ހައްޔަރު ކޮށްފައިވާ ކަމަށެވެ. 

މި މައްސަލައާ ގުޅިގެން އޭނާ ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

މީގެ އިތުރުން މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހު މޫސާ މުޙައްމަދު ފޭސްބުކް މެސެންޖަރ މެދުވެރިކޮށް ވިކްޓިމްއާ ގުޅުން އުފައްދާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ވައިބަރ މެދުވެރިކޮށް މޫސާ މުޙައްމަދު އެ މީހާއަށް ފޮނުވި ލިންކަކަށް ފިތައިލުމުން ފޯނު ރީސެޓުވެ، އެ މީހާގެ ބެންކު އެކައުންޓުގައި ހުރި 50,000 ރުފިޔާ ވަނީ ކެނޑިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެ ފައިސާ ޖަމާވެފައި ވަނީ މޫސާ މުޙައްމަދުގެ ނަމުގައިވާ އެކައުންޓަށް ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

މިފަހަކަށް އައިސް، އެކިއެކި ލިންކުތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. އެހެންކަމުން މިފަދަ ސްކޭމްތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.