އިންޑިއާގެ ނިއުދިއްލީގައި ބާއްވާ 10 ވަނަ އިންޑިއަން އޯޝަން ޑަޔަލޮގް (އައިއޯޑީ) ގައި ބައިވެރިވެވަޑައިގެން މުހިއްމު މަޝްވަރާތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާ ރާއްޖެއަށް ބޭނުންތެރި މުހިއްމު މަޝްވަރާތަކެއް ކުރިއަށް ގެންދަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

މެއި މަހުގެ 6 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ނިއުދިއްލީ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަން ރައީސް ނަޝީދު ވަނީ އެކްސްގައި ހިއްސާ ކުރައްވާފަ އެވެ. 

އެކަން ހިއްސާކުރައްވާ އެމަނިކުފާނު ވިދާޅުވީ މި ދަތުރުފުޅަކީ ނިއުދިއްލީގައި މި މަހުގެ 7 ވަނަ ދުވަހުން 8 ވަނަ ދުވަހަށް އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަނުން ރާވާ, އިންތިޒާމު ކޮށް ބޭއްވުމަށް ހަމަޖެހިފައިވާ 10 ވަނަ އިންޑިއަން އޯޝަން ޑަޔަލޮގް (އައިއޯޑީ) ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. 

މި ޕްލެޓްފޯމްގައި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ނޫ އިގްތިސާދާއި ޑިޒާސްޓަރ ރިސްކް މެނޭޖްމަންޓާއި އިންވެސްޓްމަންޓް އަދި އިގްތިސާދީ ހަރަކާތްތެރިކަމާ ސައިންސާެި ޓެކްނޮލޮޖީ އަދި އަންހެނުން ބާރުވެރިކުރުވުުގެ ރޮނގުން މަޝްވަރާ ހިންގޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

އޭގެ އިތުރުން، ޑިޒާސްޓަރ ރިސްކް މެނޭޖްމަންޓްގެ މައުޟޫ އަށް ވާހަކަދެއްވެކުމަށް ހަމަޖެހިފައިވާ ކަމަށާ އެމަނިކުފާނުގެ ވާހަކައިގައި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދިވެހިރާއްޖެ އަށް އަދާކުރެވެން އޮތް މުހިއްމު ދައުރާ ކަންފަހިކުރެވެން ހުރި އިގްތިސާދާއި ވިޔަފާރީގެ ފުރުސަތުތަކުގެ މައްޗަށް އަލިއަޅުއްވާ ލައްވާނެ ކަން ފާހަގަ ކޮށްފައިވެ އެވެ. އަދި މި ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.