23 އޮގަސްޓް 2024 ވަނަ އަހަރު އަމަލު ކުރަން ފަށާފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތަކުގެ ތެރެއިން މިހާތަނަށް ގެޒެޓް ކުރެވުނީ އެންމެ 2 ގަވާއިދު ކަމަށާ ގަވާއިދުތައް ހެދުން ލަސްވީ ބަޖެޓުގައި ހުރި ދަތިތަކުގެ ސަބަބުން ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފި އެވެ. 

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް މިއަދާ ހަމައަށް ވެސް ހަދާފައި ނުވާތީ އެ މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަށް ހުށަހަޅާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. ކުޑޫ ހުށަހަޅުއްވާފައި ވަނީ މި ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދު ތަކަކީ ގާނޫނަށް އަމަލުކުރަން ފަށާތާ 3 މަސް ދުވަހާ 6 މަސް ދުވަހާ ދޭތެރޭގައި ހުރިހާ ގަވާއިދުތަކެއް ހަދައި، ގެޒެޓް ކުރަން ވާނެ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައި ވީ ނަމަވެސް ގާނޫނަށް އަމަލު ކުރަން ފެށިތާ 2 އަހަރު ވެގެން ގޮސްފައިވާއިރު މި ގަވާއިދުތައް ނުހެދި ވަނީ ކީއްވެ ތޯ މިނިސްޓްރީގެ ބޭފުޅުންނާ ސުވާލު ކުރުމަށެވެ. 

މިކަމާ ގުޅިގެން އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީ އަށް އެ މިނިސްޓްރީ ވަނީ ހާޒިރު ކޮށްފަ އެވެ. ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ މިނިޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ޒާހިރު  ވިދާޅުވީ މި ގަވާއިދުތަކަކީ ވަރަށް ޓެކްނިކަލް މައުލޫމާތުތަކެއް ހިމެނޭ ގަވާއިދުތަކެއް ކަމަށެވެ.

އެންމެ ފުރަތަމަ 2024 ވަނަ އަހަރު ގާނޫނު ވުޖޫދު ވުމަށްފަހު ގަވާއިދުތައް އެކުލަވާލުމަށްޓަކައި މިނިސްޓްރީ އިން ބެލީ ދައުލަތުގެ ބަޖެޓުގެ ތެރެއިން ގަވާއިދު ހެދުމަށް ކަންކަން ހަމަޖެހޭތޯ ކަމަށެވެ. ނަމަވެސް އެކަމުގައި ގިނަ ގޮންޖެހުންތަކެއް ދިމާވި ކަމަށް އޭނާ ވިދާޅުވި އެވެ. އިސްމާއިލް ޒާހިރު ވިދާޅުވީ އެންމެ ފުރަތަމަ މަސައްކަތް ކުރީ ދައުލަތުގެ ބަޖެޓުގެ ތެރެއިން މި ގަވާއިދުތައް ހެދުމަށް ފައިސާ ހަމަޖެއްސުމަށް ނަމަވެސް ތަފާތު އެކި ސަބަބުތަކާހުރެ އެ ފައިސާ ހަމަޖެހިފައި ނުވާ ކަމަށެވެ. 

އެއާއެކު ދެން މަސައްކަތް ކުރީ ޑަބްލިއުއެޗްއޯ ގެ ފަންޑު މެދުވެރިކޮށް އެކަން ކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށާ ނަމަވެސް އެވަރަށް ފަންޑު ހަމަނުޖެހުން ކަމަށް ޒާހިރު ވިދާޅުވި އެވެ. 

ގާނޫނުގައި ބަޔާން ކޮށްފައިވާ 20 ގަވާއިދަކީ ބައެއް ގަވާއިދުތައް އެއްކޮށްލައިގެން އެކުލަވާލެވޭ ގޮތަށް ހުރި ގަވާއިދު ތަކަކަށް ވުމާއެކު މިހާރު ހަދަން ޖެހެނީ ޖުމްލަ 14 ގަވާއިދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.  ދެން މަސައްކަތް ކުރީ އޭޑީބީ އިން ފަންޑެއް ހޯދަން ކަމަށާ އެ ފަންޑު ހަމަޖެހުމާއެކު އެ މަސައްކަތް ކުރިއަށް ގެންދިއަ ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ  ބައެއް ގަވާއިދުތައް ހަވާލު ކުރި ކޮންސަލްޓަންޓަށް އޭޑީބީ އިން ހަވާލު ކުރި މުއްދަތަށް ނިންމިފައި ނުވާ ކަމަށެވެ. އެހެންކަމުން ކުރިން ނެގި ކޮންސަލްޓަންޓާ ހަވާލު ކޮށްގެން މި އަހަރު އަލުން އެ މަސައްކަތް ކުރިއަށް ގެންދަން ޖެހުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އަޅުގަނޑުމެން ގަބޫލު ކުރަން އަޅުގަނޑުމެންނަށް ވެސް މިވަގުތު ބައެއް ކަންކަން ތަންފީޒު ކުރުމުގައި ދަތިތަކެއް ދިމާވި މި ގަވާއިދުތައް ގެޒެޓް ނުކުރެވި ހުރީމަ. އެހެން ނަމަވެސް ކުރިން މި ދެންނެވި ސަބަބުތައް އެގޮތަށް ހުރީމަ އަޅުގަނޑުމެންނަށް މި ގަވާއިދުތައް ކުރިއަށް ގެންދިއުމަށް ލަސްވެގެން ދިއަ. 
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ޒާހިރު

މި ހުރިހާ ގަވާއިދުތަކެއް ހެދުމަށް ހަވާލު ކޮށްފައިވާއިރު މިހާތަނަށް ގެޒެޓް ކޮށްފައި ވަނީ ނެޝަނަލް ފުޑް ސޭފްޓީ ކޮލިޓީ ބޯޑުގެ ހިންގާ ގަވައިދާއި ކާބޯތަކެތި އިޝްތިހާރު ކުރުމާ ގުޅޭ ގަވައިދު ކަމަށް ޒާހިރު ވިދާޅުވި އެވެ. 

މިހާރު ވެސް 6 ގަވާއިދެއްގެ ޑްރާފްޓިންގް މަސައްކަތް ކުރިއަށް ދާއިރު 3 ގަވާއިދެއް ގެޒެޓު ކުރުމަށްޓަކައި ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި 2 ގަވާއިދު އޭޖީ އޮފީހަށް ފޮނުވާފައިވާއިރު އިތުރު 1 ގަވާއިދު އެ އޮފީހަށް ވަރަށް އަވަހަށް ފޮނުވާނެ ކަމަށް ވެސް ޒާހިރު ވިދާޅުވި އެވެ.