ބޭސްފިހާރަތައް
ރަޖިސްޓްރީކުރާއިރު ބަލަންޖެހޭ މިންވަރަށް ބެލިފައި ނުހުންނަކަން ފާހަގަ ކުރެވޭކަމަށް
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.
އޭނާ
އެފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ
ކޮމިޓީ (އެސްއޯއީ) ކޮމިޓީ ގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ރާއްޖެއިން
ބޭރުން ބޭސް ގެނައުމުގައި އާންމުންނަށް ދިމާވާ ދަތިތަކާ ގުޅޭ ގޮތުން، ގަލޮޅު
އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)
ހުށަހަޅުއްވާފައިވާ މައްސަލައަކާ ގުޅިގެން އާސަންދައިގެ އިތުރުންވެސް ކަމާ ގުޅޭ
އެހެން އިދާރާތައް އަންގާރަ ދުވަހު ވަނީ ހާޒިރުކޮށްފައެވެ.
މި
ކޮމިޓީގައި ވާހަކަ ދައްކަވަމުން ޒީނިޔާ ވަނީ ބޭސް ނުލިބޭކަމާއި، އެއީ ޤައުމީ
މައްސަލައެއްކަން ޤަބޫލު ކުރައްވާކަމަށް ވިދާޅުވެފައެވެ.
މީގެ
އިތުރުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބޭސް ގެނައުމަށް
ބޭސް ފިހާރަތަކަށް ހުއްދަ ދޭއިރު، ބަލަން ޖެހޭ އެކަށީގެންވާ މިންވަރަށް ބެލިފައި
ނުހުންނަކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އެގޮތުން އެންމެ ކުޑަމިނުން އަސާސީ ބޭސްތައް
ހުރިތޯ ނޫންތޯވެސް އެ ފާމަސީއެއް ރަޖިސްޓަރ ކުރާ ހިސާބުންވެސް ބެލިފައި
ނުހުންނަކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތައް
ކުރިމަތިވާކަން ޒީނިޔާ ފާހަގަ ކުރެއްވިއެވެ.
ބޭސްފިހާރައެއް ރަޖިސްޓްރީކުރާއިރުގައިވެސް އަސްލުގައި ރަނގަޅަށް ބެލިފައެއް ނޯވޭ، މިސާލަކަށް އެސެންޝަލް މެޑިކަލް ލިސްޓު، އެއީ ހަމަ އެ ފާމަސީއެއްގައި ކޮންމެހެންވެސް ހުރުން މަޖުބޫރު ބޭސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ލިސްޓެއް، އެކަމަކު ބޭސް ފިހާރައެއް ރަޖިސްޓްރީވާ ހިސާބުންވެސް އެ އެއްޗެހި ޗެކް ކުރެވިފައެއް ނުހުރޭ އެ ފާމަސީއެއްގައި އެސެންޝަލް މެޑިސިން ލިސްޓުގެ ހުރިހާ ބޭހެއް ހުރޭތޯ، ދެން ރަޖިސްޓްރީވެގެން އަޅުގަނޑުމެންނާ ހިސާބަށް އެމްޕެނަލް ކުރަން އަންނައިރު އަޅުގަނޑުމެން މި އެއްޗެހީގަ ކިރިޔާވެސް ހިފަހައްޓައިފިއްޔާ އަޅުގަނޑުމެންނަށް އެބައާދޭ އޭގައި ގޮންޖެހުންތައް، އެއީ އޮލްރެޑީ އެ އިނީ ބޭސް ވިއްކުމުގެ ހުއްދަ ދީފައި އެމްއެފްޑީއޭއިންއާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ
ޒީނިޔާ
އިތުރަށް ވިދާޅުވީ، އެޕްރޫވް ޑްރަގް ލިސްޓުގައިވެސް ރާއްޖެއަށް އެތެރެ ނުކުރާ
ވަރަށް ގިނަ ބޭސް އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ، ބައެއް ފަހަރު އިމްޕޯޓު
ނުކުރާ ބޭސްތަކެއް ހުންނައިރު، އެކަން ޗެކް ކުރެވޭނެ އެކަށީގެންވާ ނިޒާމެއްވެސް
ނެތް ކަމަށެވެ.
އެއްވެސް ވަރަކަށް އެ މެކޭނިޒަމްއެއް ނެތް ޗެކް ކުރެވޭކަށް. ކިހާ މިންވަރަކަށްތޯ އޭގެ ތެރެއިން ބޭސްތައް މި އިމްޕޯޓު ކުރެވެނީ، އޭގެ ޓޯޓަލް ފިގަރ ތަކެއްވެސް ނޭޝަންވައިޑްގައި ނެތް އަދި މެކޭނިޒަމެއް ރާއްޖެއަށް އެތެރެކުރާ ބޭހުގެ އަދަދުތަކާއި މި އެއްޗެހި ނޯޓު ކުރެވޭ ނޫނީ ރެކޯޑު ކުރެވޭ ކަހަލަ — އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ
މީގެ
އިތުރުން، ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށްވެސް ޤައުމީ ފެންވަރުގެ އެއްވެސް
ނިޒާމެއް ނެތްކަމަށްވެސް ޒީނިޔާ ވިދާޅުވިއެވެ. އަދި މިއީ ދިމާވާ ވަރަށް ބޮޑު
ގޮންޖެހުމެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ޒީނިޔާ
ވިދާޅުވީ، އެކަންކަން ޙައްލު ކުރުމަށް އާސަންދައިންވެސް ފިޔަވަޅުތަކެއް
އަޅާފައިވާނެ ކަމަށާއި، ނަމަވެސް ކޮލިޓީ ދަށް ބޭސް ހުންނަކަމާއި، ބޭސް
ނުލިބޭކަމުގެ ޝަކުވާ އަދިވެސް ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ.