އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު ކާމިޔާބުކުރަން ބޭނުންވަނީ 16 އަހަރު ވަންދެން އެ ޕާޓީގެ އާއްމު މެންބަރުންނާއެކު ކެނޑިނޭޅި މަސައްކަތްކުރި އާއްމު މެންބަރުންގެ ވޯޓަކުން ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މީކާއިލްގެ އިތުބާރު ކެމްޕޭން ޓީމުން ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަޤާމަށް ނުކުންނަވަނީ އިތުރު އެހެން ބޮޑު މަޤާމެއް ހޯދަން އޮތް މަރުޙަލާއެއްގެ ގޮތުގައި ނޫން ކަމަށެވެ. އެމްޑީޕީގެ ޗެއަރޕާސަންކަން ކުރުމަށް ނުކުންނަވާ ކަމަށާއި މި އިންތިޚާބަކީ ހަމައެކަނި މަޤާމެއް ހޯދަން އޮތް އިންތިޚާބެއް ކަމަކަށް ނުދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ ޤައުމީ މަޖިލީހުގެ ވޯޓަކުން ނުވަތަ ޤައުމީ މަޖިލީހުން ޢައްޔަންކުރާ މީހެއްގެ ގޮތުގައި އެމްޑީޕީގެ ވަގުތީ ޗެއަރޕާސަންކަން ބޭނުމެއް ނޫން ކަމަށެވެ. ޕާޓީގެ ތެރެއިން ހޯދޭނެ ޙައްލުތައް އޮއްވައި، ޕާޓީގެ ތެރެއިން ކުރެވޭނެ މަޝްވަރާތައް އޮއްވައި، މަޞްލަޙަތު ނަގާލައި، މި އިންތިޚާބާއިގެން ކޯޓަށް ދާނެ މީހަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑެއް ބޭނުމެއް ނޫން، ތިޔަބޭފުޅުންގެ ޕާޓީގެ ތެރެއިން ހޯދޭނެ ޙައްލުތައް އޮއްވާ، ތިޔަބޭފުޅުންގެ ޕާޓީގެ ތެރެއިން ކުރެވޭނެ މަޝްވަރާތައް އޮއްވާ، އަޅުގަނޑުމެންގެ މަޞްލަޙަތު ނަގާލައި، މި އިންތިޚާބާއިގެން ކޯޓަށް ދާނެ މީހަކަށް އަޅުގަނޑެއް ނުވާނަން. ތި ބޭފުޅުން ޔަޤީންކުރައްވައި، ތި ބޭފުޅުން އަޅުގަނޑަށް އިތުބާރު ކުރައްވައި، އަޅުގަނޑުމެން އިންތިޚާބު ކާމިޔާބުކުރާނީ އެމް.ޑީ.ޕީގެ އާއްމު މެންބަރުންގެ އިތުބާރާއެކު ބޮޑުކޮށް، ބޮޑުކޮށް، ބޮޑުކޮށް، އެމް.ޑީ.ޕީގެ އާއްމު މެންބަރުން މި ރަންރީނދު ލަސްކަރުގެ ބައިވެރިން އިތުބާރު ކުރައްވައި، އަޅުގަނޑުމެން މި އަންނަނީ ތެދު ހަދަން، އަޅުގަނޑު މި އިންތިޚާބުގައި އެމް.ޑީ.ޕީގެ ޗެއަރޕާސަން ކަމަށް މި އަންނަނީ އެމް.ޑީ.ޕީގެ އާއްމު މެންބަރުންނާ ތެދު ހަދަން. އަޅުގަނޑެއް ނުވާނަން، އަޅުގަނޑެއް ނުވާނަން، އަޅުގަނޑު ދެރަވާ ކޮންމެ ދަނޑިވަޅެއްގައި، އަޅުގަނޑަށް ނާކާމިޔާބު ލިބޭ ކޮންމެ ދަނޑިވަޅެއްގައި އެމް.ޑީ.ޕީގެ އާއްމު މެންބަރުންގެ ޖަޒުބާތާ ކުޅެން ދޮގުހަދައި އޮޅުވައިލާނެ މީހަކަށް އަޅުގަނޑެއް ނުވާނަން.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް 

އިންތިޚާބަށް ނުކުންނަވަނީ ލީކުތައް ނައްތާލަން ކަމަށާއި، ޕާޓީގެ އާއްމު މެންބަރުން އަޑުއައްސަވައި، ޕާޓީ ރާވައިލާދޭން ކަމަށް މީކާއިލް ވިދާޅުވި އެވެ. ދެހާސް އަށާވީހާ މި ޕާޓީ މަތީ ރާވާލަން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.