ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގައި ބޮޑު ތުހުމަތެއް އަޅުވައިގެން ވާހަކަތައް ދައްކާއިރު ސަރުކާރު މުއައްސަސާތަކުގައި ހޭވެރި ކަމެއް ނެތް ކަމަށާ ހޯމް މިނިސްޓަރު އަލީ އިހުސާން ގެ މަސްއޫލިއްޔަތާ މެދު ސުވާލު އުފެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ޝަރީފް (ހުސެންބެ) ވިދާޅުވެއްޖެ އެވެ. 

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު ޕާޓީތަކުން ހިންގަމުންދާ ގާނޫނާ ޚިލާފު ހަރަކާތްތައް ހުއްޓުވައި އެ ފަރާތްތަކާމެދު ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ގޮވާލާ، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ގަރާރުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. 

އެ ގަރާރަށް ބަހުސް ކުރައްވަމުން މެންބަރު  ހުސައިން ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި ވަރަށް ބޮޑު ތުހުމަތެއް އަޅުވައިގެން އެވާހަކަ ދައްކާތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށެވެ.

މިއީ ހަމަ އެއްވެސް ކަހަލަ ޝަރުއީ ހުއްޖަތެއް ނެތި ދައްކާ ވާހަކަތަކެއް ކަމަށާ ބޭނުން ގޮތަކަށް ވާހަކަދައްކައި، ބޭނުން ގޮތަކަށް ތަރުތީބު ކޮށްލައިގެން ވީޑިއޯތައް ހެދުމާ ފާޑުފާޑުގެ ވާހަކަ ދެއްކުމާ ދޭދޭ މީހުން ޔޯލަޔޯލަ އަށް ވާހަކަދައްކާއިރު ސަރުކާރުގެ މުއައްސަސާތައް ކޮބައިތޯ މެންބަރު ސުވާލު އުފެއްދެވި އެވެ.

މިއަދު ހޯމް މިނިސްޓަރު އަލީ އިހުސާންގެ މަސްއޫލިއްޔަތާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވެ ހުސައިން ޝަރީފް ވަނީ ސަރުކާރު މުއައްސަސާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. 

އަޅުގަނޑު މިއަދު މި އިއްޒަތްތެރި މަޖިލީހުގައި ދިވެހިރާއްޖޭގެ ދާޚިލީ ވަޒީރު، އެ ވަޒީރުގެ މަސްއޫލިއްޔަތާ މެދު ސުވާލު އުފައްދަން ޖެހޭ ސަބަބެއް މިއީ. އަޅުގަނޑުމެންގެ ސަރުކާރަށް ނިސްބަތްވި ކަމުގައި ވީ ނަމަވެސް މި ސުވާލު އުފައްދަން ޖެހޭ. މިފަދަ މުޖުތަމައުގެ، އަޅުގަނޑުމެންގެ އަމާންކަމާ އަޅުގަނޑުމެންގެ ވެށީގައި އޮތް ރައްކާތެރިކަމާ ހަމަޖެހުމާ ދޭދޭ ގުޅުމާއި އެއްބަޔަކު އަނެއް ބަޔަކަށް އޮންނަ ލޯތްބަަށް ބުރޫ އަރާ މިދަފަ ވާހަކަތައް ދެކެވިގެންދާއިރު މުއައްސަސާތައް އެބަޖެހޭ ހޭވެރިވާން. 
ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ޝަރީފް

މިފަދަ ކަންތައްތަކުގެ ވާހަކަ ބޭނުން ގޮތަކަށް ދެއްކިގެން ނުވާނެ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. އަދި އެއްވެސް އަސާސެއް ނެތް ގޮތަށް ބޭނުން އެއްޗެއް ހަދައިގެން މީޑިއާގެ މިނިވަންކަމޭ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމޭ ދުލުގެ މިނިވަންކަމޭ، ގަލަމުގެ މިނިވަންކަމޭ ކިޔާފަ ވާހަކަދައްކަމުން ދާއިރު ކަންކަން މިހާ ހިސާބަށް ގޮސްފައިވަނީ މުއައްސަސާތައް ހޭވެރި ނުވާތީ ކަމަށް ވިދާޅުވެ މެންބަރު ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ. 

ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ހުސައިން ޝަރީފް ވަނީ ސަރުކާރު މުއައްސަސާތަކަށް ތަކުރާރު ކޮށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. 

ސަރުކާރުން ހުށަހަޅާފައިވާ ގަރާރުގައި ބުނަނީ  ގާނޫނު އަސާސީގެ 67 ވަނަ މާއްދާގައި ކޮންމެ މީހަކަށް ލިބޭ ހައްގުތަކާ މިނިވަންކަމާ އެ މީހަކު އަދާކުރަން ޖެހޭ މަސްއޫލިއްޔަތު ތަކާއި ވާޖިބުތަކަކީ ވަކިނުކުރެވޭނެ ދެ އަސާސް ކަމުގައިވާ އިރު އަނެކުންގެ ހައްގުތަކާ މިނިވަންކަމަށް ރައްކާތެރިވެ އެ ހައްގުތަކާ މިނިވަންކަމަށް އިހުތިރާމް ކުރުމާއި އެންމެހައި މީސްކަތުންގެ މެދުގައި އަދި ޖަމާއަތްތަކުގެ މެދުގައި އެކުވެރިކަމާ އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމް ކުރުމުގެ މަސައްކަތް ކުރުމާއި ދިވެހިރާއްޖޭގެ ސިޔާދަތާ ރައްޔިތުންގެ އެއްބައިވަންތަކަމާއި އަމަންއަމާންކަމާ ރައްކާތެރިކަމާއި ގައުމުގެ ޝަރަފް ހިފެހެއްޓުމަށްޓަކައި މަސައްކަތްކުރުމާއި އިސްލާމް ދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތުގެ މަތިން ދިމިގްރާތީ އުސޫލުތަކާއި ގޮތްތައް ކުރިއެރުވުމަކީ ކޮންމެ ރައްޔިތެއްގެ މަސްއޫލިއްޔަތެެއް ކަމަށް ބަޔާން ކޮށްފައިވާ ކަން ފާހަގަ ކޮށްފަ އެވެ.