ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަގު ވައްޓާލަމުން ދަނީ އެމަނިކުފާނުގެ އަމިއްލަފުޅު ޕާޓީ، ޕީއެންސީ އިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ. 

އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ބައެއް ސިޔާސީ ޕާޓީތަކުން ހިންގަމުންދާ ގާނޫނާ ޚިލާފު ހަރަކާތްތައް ހުއްޓުވައި އެ ފަރާތްތަކާމެދު ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ގޮވާލާ، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ގަރާރުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. 

މި ގަރާރަށް ބަހުސް ކުރައްވަމުން ޝަމްހީދު ވަނީ މި މައްސަލައިގެ އަސްލަށް ވާހަކަދައްކަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. މިއީ ގަޒުފްގެ ތުހުމަތު އެޅިގެން އުޅޭ މައްސަލައެއް ކަމަށާ މި ވާހަކަ ދައްކަނީ އިދިކޮޅުން ނޫން ކަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ. 

މެންބަރު ވިދާޅުވީ މައްސަލައިގެ އަސްލަށް ބަލާއިރު މި މައްސަލައާ ގުޅިގެން ކޯޓުތަކުން ނެރެފައިވާ އަމުރުތަކުގައި ވެސް އަދި ފުލުހުން ދީފައިވާ ބަޔާންތަކުން ވެސް ގަޒްފު ގެ ތުހުމަތުގައި ތަހުގީގުތަކެއް ފަށައިގެން އުޅޭ ކަމަށާ މިއީ އެ ހިސާބުން އުފަންވެގެން އުޅޭ މައްސަލައެއް ކަން ހާމަވާ ކަމަށެވެ. 

މެންބަރު ގަރާރަށް ބަހުސް ކުރައްވަމުން ދިޔަ އިރު ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އާއި ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އައިފާން ވަނީ ހުރަސްއަޅުއްވާފަ އަޑުގަދަ ކުރައްވާފަ އެވެ. 

އެކަމަށް ރައްދުދެއްވައި ޝަމްހީދު ވިދާޅުވީ މި ގަރާރަކީ ޕީއެންސީ އިން ހުށަހަޅާފައިވާ ގަރާރެއް ކަމަށެވެ. 

މި މަޖިލީހުގައި އަޅުގަނޑު ފަލާހުގެ މައްޗަށް ޒިނޭގެ ތުހުމަތު ކުރީމާ މި މަޖިލިސް އިދާރާގައި ތިބި މުވައްޒަފުން ކުށްވެރިވޭތޯ އޭ؟ މި މަޖިލީހުގައި މީޑިއާ ބޭނުންކޮށްގެން އެ ތުހުމަތު ކުރާއިރަށް މި މަޖިލީހުގެ މިހިރަ މައިކާ މިތާނގަ މިހިރަ ހާޑް ޑްރައިވް އާ މި ތަކެތި ކުށްވެރިވޭ ތޯ އޭ؟
ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު

ޝަމްހީދު ވިދާޅުވީ ރާއްޖޭގައި މީހަކަމަށް ޖިންސީ ފުރައްސާރަ ކުރުމަކީ ކުށެއް ކަމަށާ އެކަމަށް ގާނޫނެއް ވެސް އޮންނަ ކަމަށެވެ. ނަމަވެސް މިއަދު ރައްޔިތުންގެ މަޖިލީހުގައި ބައެއް މެންބަރުން ދެއްވަމުންދާ މެސެޖަކީ މީހަކަށް ޖިންސީ ފުރައްސާރަ އެއް ކޮށްފިނަމަ އެ ވާހަކަ ނުދެއްކޭނެ ކަމަށް ދޭހަވާ މެސެޖެއް ކަމަށާ އެފަދަ ވާހަކައެއް ދެއްކުމަކީ އެއީ ކުށެއް ކަމަށް ބުނުން ކަމަށެވެ. ނަމަވެސް އެއީ ކުށެއް ނޫން ކަމާ ލިބޭ އަނިޔާ އެއްގެ ވާހަކަ ދެއްކިދާނެ ކަމަށް މެންބަރު ވިދާޅުވި އެވެ.  

ރާއްޖޭގައި އެތައް ފަހަރަކު އެތައް ދިވެހި ރައްޔިތަކަށް ދިމާވެފައިވާ ހާލަތްތަކުގެ ވާހަކަ ލިޔެ، މީޑިއާ މެދުވެރިކޮށް އެ ވާހަކަ ހިއްސާ ކޮށްފައިވާ ކަމަށް ޝަމްހީދު ވިދާޅުވުމާއެކު އަނެއްކާ ވެސް މެންބަރު ފަލާހު އާއި މެންބަރު އައިފާން ވަނީ އަޑުގަދަ ކުރައްވާ މެންބަރަށް ހުރަސްއަޅުއްވާފަ އެވެ. 

އެކަމަށް ރައްދު ދެއްވައި ޝަމްހީދު ވިދާޅުވީ މަޖިލީހުގައި ރައީސް ގެ އަގު ވައްޓާލަމުން ދަނީ އެމަނިކުފާނުގެ އަމިއްލަފުޅު ޕާޓީ ޕީއެންސީ އިން ކަމަށެވެ. 

މިފަދަ ގަރާރުތައް ލައިގެން މި މަޖިލީހުގައި ޕީއެންސީ އިން ރައީސުލްޖުމްހޫރިއްޔާގެ އަގު މި ވައްޓާލަނީ. މި މަޖިލީހުގައި އަޅުގަނޑުމެން މި ވާހަކަ ނުދައްކަމޭ މިއަދާ ހަމައަށް އައިއިރު. މި މަޖިލީހަށް މި މައްސަލަ ގެނައި ޕީއެންސީ އިން. އަޅުގަނޑުމެންނެއް ނޫން މި މައްސަލަ ގެނައި. މިއީ އަޅުގަނޑުމެން ހުށަހަޅައިގެން އުޅޭ މައްސަލައެއް ނޫން. 
ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު

ޝަމްހީދު ވިދާޅުވީ މީޑިއާއަކުން މިކަހަލަ ކަމެއް ރިޕޯޓް ކުރީމާ ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާއާ 81 ވަނަ މާއްދާ، 82 ވަނަ މާއްދާ އަދި 612 ވަނަ މާއްދާގެ ދަށުން ނޫސްވެރިންގެ މައްޗަށް ތަހުގީގު ހިންގޭއިރު ރައީސުލްޖުމްހޫރިއްޔާ އަށް ރާއްޖޭގެ ނޫސް މީޑީއާތައް ނުހުއްޓުވޭނެ ކަމަށެވެ. ގާނޫނު އަސާސީގެ 28 ވަނަ މާއްދާ އިން  ނޫސް މީޑިއާ އަށް ލިބިފައިވާ މި ހައްގު ރައީސް އަށް ނުހުއްޓުވޭނެ ކަމަށް ޝަމްހީދު ތަކުރާރު ކޮށް ވިދާޅުވި އެވެ. 

ޕީއެންސީ އިން ހުށަހަޅާފައިވާ ގަރާރުގައި ވަނީ ގާނޫނު އަސާސީގެ 67 ވަނަ މާއްދާގައި ކޮންމެ މީހަކަށް ލިބޭ ހައްގުތަކާ މިނިވަންކަމާ އެ މީހަކު އަދާކުރަން ޖެހޭ މަސްއޫލިއްޔަތު ތަކާއި ވާޖިބުތަކަކީ ވަކިނުކުރެވޭނެ ދެ އަސާސް ކަމުގައިވާ އިރު އަނެކުންގެ ހައްގުތަކާ މިނިވަންކަމަށް ރައްކާތެރިވެ އެ ހައްގުތަކާ މިނިވަންކަމަށް އިހުތިރާމް ކުރުމާއި އެންމެހައި މީސްކަތުންގެ މެދުގައި އަދި ޖަމާއަތްތަކުގެ މެދުގައި އެކުވެރިކަމާ އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމް ކުރުމުގެ މަސައްކަތް ކުރުމާއި ދިވެހިރާއްޖޭގެ ސިޔާދަތާ ރައްޔިތުންގެ އެއްބައިވަންތަކަމާއި އަމަންއަމާންކަމާ ރައްކާތެރިކަމާއި ގައުމުގެ ޝަރަފް ހިފެހެއްޓުމަށްޓަކައި މަސައްކަތްކުރުމާއި އިސްލާމް ދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތުގެ މަތިން ދިމިގްރާތީ އުސޫލުތަކާއި ގޮތްތައް ކުރިއެރުވުމަކީ ކޮންމެ ރައްޔިތެއްގެ މަސްއޫލިއްޔަތެެއް ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.