ރައީސުލްޖުމްހޫރިއްޔާ
ޑރ. މުހައްމަދު މުއިއްޒު މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅާ
ގުޅިގެން، އެ ގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ބިރުދައްކައި ސުވާލުކުރަމުންދާ
ކަމަށް ބުނެ އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނުހަނު
ބޮޑު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީން
ނެރުނު ބަޔާނެއްގައި ބުނީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ފާރަލައި، ބިރުދެއްކުމުގެ
އަމަލުތަކެއް ހިންގަމުންދާ ކަމުގެ އިތުބާރު ހުރި މައުލޫމާތު ލިބެމުންދާ ކަމަށެވެ.
އެމްޑީޕީން
ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލަންކާ ފުލުހުން މަދުވެގެން ހަތަރު ދިވެއްސެއްގެ
އަމިއްލަ ދިރިއުޅޭ ތަންތަނަށް ވަދެ ސުވާލުކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ނިމިދިޔަ
ސަރުކާރުގައި ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުގައި މަސައްކަތް ކުރެއްވި ކުރީގެ
އޮފިޝަލަކު ވެސް ހިމެނޭ ކަމަށް އެ ޕާޓީން ބުނެއެވެ. މި އަމަލުތަކަކީ މިހާރުގެ ދިވެހި
ސަރުކާރުގެ އެދުމުގެ މަތިން ނުވަތަ ސަރުކާރާ ގުޅިގެން ހިންގާ އަމަލުތަކެއް ކަމަށް ބެލެވޭ
ކަމަށްވެސް އެމްޑީޕީން ތުހުމަތު ކުރެއެވެ.
މިގޮތުން
ލަންކާގެ ފުލުހުން ދިވެހިންގެ ގެތަކަށް ވަދެ، ރައީސް މުއިއްޒާ މެދު އެމީހުން ދެކޭ ސިޔާސީ
ގޮތްތަކާ ބެހޭގޮތުން ސުވާލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި މި ހަފުތާގައި
ރައީސް މުއިއްޒު ލަންކާގައި އުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބާއްވާ ހަފުލާއަށް
ނުދިއުމަށް އަންގައި، އެމީހުންނަށް ނޭނގޭ ސިންހަޅަ ބަހުން ލިޔެފައިވާ ބަޔާންތަކެއްގައި
ސޮއިކުރުވަން މަސައްކަތް ކޮށްފައިވާ ކަމަށްވެސް އެމްޑީޕީން ބުނެއެވެ.
މީގެ އިތުރުން،
އެކަކުގެ ގެއާއި އަމިއްލަ އިލެކްޓްރޯނިކް ސާމާނު ދެ ގަޑިއިރެއް ހާއިރު ވަންދެން ފުލުހުން
ބަލައި ފާސްކޮށްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މި ހާދިސާތައް
ހިނގުމުގެ ކުރިން، ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އެ ފަރާތްތަކަށް ގުޅައި
ރައީސްގެ ހަފުލާއަށް ދިއުމަށް ދައުވަތު ދީފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ. ނަމަވެސް
އެ ދައުވަތު ތަކުރާރުކޮށް ގަބޫލުނުކުރުމުން، ފުލުހުން އެމީހުން ގާތަށް ގޮސް އެ ހަފުލާއަށް
ގޮސްފިނަމަ ހައްޔަރުކުރާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ފުލުހުން
އެމީހުންނާ ސުވާލުކުރަން ދިޔައިރު، އެމީހުންގެ ފޮޓޯއާއި ރާއްޖޭގައި ދިރިއުޅޭ ދާއިމީ
އެޑްރެސް ފަދަ އަމިއްލަ މައުލޫމާތުތައް ފުލުހުންގެ އަތުގައި ހުރިކަންވެސް އެމްޑީޕީން
ފާހަގަކޮށްފައިވެއެވެ.
އެމްޑީޕީން
ބުނީ މި އަމަލުތަކަކީ ގައުމުތަކުގެ އިސްވެރިން ވަޑައިގަންނަވާއިރު އާންމުކޮށް ކުރިއަށްގެންދާ
ސަލާމަތީ ކަންކަމުގެ ބޭރުން ހިންގާފައިވާ ކަންތައްތަކެއް ކަމަށެވެ. އަދި މިއީ ބޭރު
ގައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ސިޔާސީ ފިކުރު ބަލައި، އެމީހުންނަށް ފާރަލުމަށް
ދިވެހި ސަރުކާރާއި ހައިކޮމިޝަނުން ހިންގާ ނުރައްކާތެރި އަމަލެއްގެ ގޮތުގައި އެ ޕާޓީން
ސިފަކުރެއެވެ.
ދިވެހިރާއްޖޭގެ
ގާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން
ފަދަ އަސާސީ ހައްގުތަކަކީ ބޭރު ގައުމުތަކުގައި ދިރިއުޅޭއިރުވެސް ލިބިދޭންޖެހޭ ހައްގުތަކެއްކަން
އެމްޑީޕީން ހަނދާންކޮށްދީފައިވެއެވެ. އެހެންކަމުން، ބޭރުގައި ދިރިއުޅޭ ދިވެހިންނަށް
ފާރަލުމާއި ބިރުދެއްކުން ވަގުތުން ހުއްޓާލުމަށާއި، މި ދަތުރުފުޅުގެ ތެރެއިން ހިނގާފައިވާ
ކަންކަމުގެ ފުރިހަމަ މައުލޫމާތު ހާމަކުރުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
އަދި ސިޔާސީ ހިޔާލު ފާޅުކުރުމުގެ ސަބަބުން އެއްވެސް ރައްޔިތަކަށް ގާނޫނާ ހިލާފު އަދަބެއް
ނުލިބޭނެކަން ކަށަވަރުކޮށްދިނުމަށްވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ.