ރައީސް
ޑރ މުޙައްމަދު މުއިއްޒު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅިގެން ލަންކާގައި
ދިރިއުޅޭ ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށް އަމާޒުކޮށް ފިޔަވަޅު އަޅަން
ފަށާފައިވާއިރު، އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާކަމަށް ޚާރިޖީ ވުޒާރާއިން
ބުނެފިއެވެ.

މިސަރުކާރުން
ވެރިކަމާއި ޙަވާލުވި ފަހުން ލަންކާގައި ދިރި އުޅޭ ދިވެހީންނަށް ވިސާ ލިބުމުގައި
އާއި ޑޮލަރު ލިބުމުގައި ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށާއި، އެކަމާ ގިނަ މީހުން
ހިތްހަމަ ނުޖެހޭކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު، އެގޮތަށް ވާހަކަ
ދައްކާ ފަރާތްތަކަށް އަމާޒުކޮށް ރާއްޖޭގެ ހައިކޮމިޝަނުން ސަރުކާރުގެ އެންގުމަށް މި
ފިޔަވަޅުތައް އަޅަމުންދާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. 

އޭގެ ތެރެއިން
ބައެއް ފަރާތްތަކުން ވަނީ އެ ތަޖުރިބާ ރާއްޖެޓީވީއާ ހިއްސާކޮށްފައެވެ. އެގޮތުން ލަންކާގައި
ގިނަ ދުވަސްތަކެއް ވަންދެން ކުށުގެ އެއްވެސް ރެކޯޑެއް ނެތި ދިރިއުޅެމުންދާ
ދިވެހިން ބުނާ ގޮތުގައި، ދިވެހި ސަރުކާރުން އެދިގެން ލަންކާގެ ފުލުހުން މިފަދަ
އަމަލުތަކެއް ހިންގުމަކީ ވަރަށް ނާތަހުޒީބު އަދި ދަށު ދަރަޖައިގެ ކަމެއް ކަމުގައެވެ.
މިކަމުގެ ސަބަބުން ލަންކާގެ ފުލުހުން ދިވެހިންނާ ދޭތެރޭ ދެކޭ ނަޒަރިއްޔާތު ބަދަލުވެ،
ދިވެހިންގެ ރައްކާތެރިކަމަށް ބުރޫއަރާފާނެ ކަމުގެ ބިރު އޮތް ކަމަށްވެސް އެ
ފަރާތްތަކުން ފާހަގަކުރެ އެވެ. އަދި އެމީހުންގެ ޅަ ދަރިން ނަފްސާނީވެ ބިރުގެންފައި ވާކަމަށްވެސް
ކިޔައިދިނެވެ.

ރާއްޖެޓީވީގެ
ފަށާއިރު ޕްރޮގްރާމްގައި އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން' ފޮރިން މިނިސްޓްރީގެ
އޮފިޝަލަކު ވިދާޅުވީ، އެފަދަ މައުލޫމާތެއް ލިބިލައްވާފައި ނެތް ކަމަށެވެ. އަދި
އެކަން ޗެކް ކޮށްލައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް އެކަހަލަ މައުލޫމާތެއް ލިބިފައެއް ނެތް، އަޅުގަނޑުމެން މިކޮޅުން ބަލާލާނަން.

އޭނާ އެހެން
ވިދާޅުވި ނަމަވެސް، އެ ޙާދިސާގެ މައުލޫމާތު ނޫސްތަކާއި ޓީވީތަކުގެ
ފަލަސުރުޚީއަށް ވެސް ވަނީ އަރާފައެވެ. އަދި ސިޔާސީ ޕާޓީތަކުން ރަސްމީ ބަޔާންތައް ވެސް
ނެރެފައިވެއެވެ. އެގޮތުން އެމްޑީޕީން ވެސް ވަނީ އެކަން ހަރުކަށިކޮށް އިނގިރޭސިބަހުން
ބަޔާންވެސް ނެރެފައެވެ.