މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މައްޗަށް ދައުވާކޮށް އާދިއްތަ ދުވަހު ސިވިލް ކޯތަށް ހުށަހެޅި މައްސަލައަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިންގެ ފަރާތުން ހުށަހެޅި މައްސަލައެއް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށް ރައީސް ނަޝީދުގެ ކެމްޕޭން ތަރުޖަމާނު އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.
އަބްދުﷲ ވަހީދު ވިދާޅުވީ މިބާވަތުގެ ދޮގު ވާހަކަ ފެތުރުމަކީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަށް އޮންނަ އިތުބާރު ގެއްލޭނެ ކަމެއް ކަމަށެވެ. އަދި ޕާޓީގެ އެތެރޭގެ މަސްލަހަތަކަށް މިކަމުގެ ސަބަބުން ހިޔަނި އެޅޭނެ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ކެމްޕޭނުގެ ފަރާތުން އެދެނީ ވީހާވެސް އަވަހަށް ވޯޓުލުމުގެ ފުރުސަތު އެމްޑީޕީގެ އާންމު މެންބަރުންނަށް ލިބުން ކަމަށް ވިދާޅުވެފައިވެ އެވެ.
ވަހީދު ނެރުއްވި ނޫސްބަޔާނުގައި އިތުރަށް ވިދާޅުވީ މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވީ އަމިއްލަ ހައިސިއްޔަތުން ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު ކަމަށެވެ.
އެގޮތުން އެ މައްސަލަ ބިނާވެގެން ވަނީ އެމްޑީޕީގެ އަސާސީ ގަވާއިދުގެ 46 ވަނަ މާއްދާއާ ހިލާފަށް، އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސްގެ އެއްވެސް އިރުޝާދެއް ނުވަތަ އެންގުމެއް ނެތި، އިންތިހާބާ ބެހޭ ކޮމިޓީ އިން އަމިއްލަ ގޮތްތަކެއް ނިންމައި، އިންތިހާބު އިންތިޒާމުކުރަމުން ދިއުމާއި، ޕާޓީގެ ލީޑަރޝީޕާއި އިންތިހާބާ ބެހޭ ކޮމިޓީން އެމްޑީޕީގެ އަސަސީ ގަވާއިދަށް ފުރިހަމައަށް އަމަލުު ކުރުމަށް އަމުރު ކޮށްދިނުމަށެވެ.
ވަހީދު ވިދާޅުވީ މި ކެމްޕޭނުގެ ފަރާތުން ހިންގާ ހަރަކާތްތަކާއި، ނިންމާ ނިންމުންތައް އަދި އަޅާ ފިޔަވަޅުތައް އެ ކެމްޕޭނުގެ ފަރާތުން ގަވާއިދުން އާންމުކުރަމުން ގެންދާނެ ކަމަށެވެ.