ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ރ. މަޑުއްވަރީގެ ބިން ހިއްކުމަށް ފެށި މަސައްކަތަކީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ކުރި ކަމެއް ކަމަށާއި، އިންތިހާބުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއާ އެކު އެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް އެ ރަށު ކައުންސިލްގެ އިންތިހާބީ ރައީސް ހުސެއިން ޝިހާމް ވިދާޅުވެއްޖެ އެވެ.

މަޑުއްވަރީގެ ބިން ހިއްކުމުގެ މަސައްކަތާ ގުޅޭ ގޮތުން ރާއްޖެ ޓީވީ އަށް މައުލޫމާތު ދެއްވަމުން ޝިހާމް ވިދާޅުވީ ވޯޓުލާން އެންމެ ދެ ދުވަހަށް ވެފައި ވަނިކޮށް ބަނދަރުގެ މަސައްކަތް ފެށުމަށް ކަމަށް ބުނެ ރަށަށް އެކްސްކަވޭޓަރެއް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް ބަދަރުގެ މަސައްކަތް ކުރުމުގެ ބަދަލުގަ ފެނިގެންދިޔައީ ރަށް ހިމާޔަތްކުރުމަށް ޖަހާފައި އޮތް ބޮޑުހިލަ ތޮށިގަނޑު ކަނޑާލައިގެން ވެލިބެޑެއް ޖަހަން ފެށި މަންޒަރު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަދި އެއީ ބިން ހިއްކުމުގެ މަޝްރޫއު ކަމަށް ބުނެ ސަރުކާރު ހިންގާ ޕީއެންސީގެ ކެމްޕޭން ޓީމުތަކުން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް، އިންތިހާބުގެ ނަތީޖާ ލިބުމާއެކު އެ މަސައްކަތް މުޅިން ހުއްޓިފައިވާ ކަމަށް ޝިހާމް ވިދާޅުވި އެވެ.

އިންތިހާބީ ރައީސް ވިދާޅުވި ގޮތުގައި ވޯޓުލުން ކުރިއަށް ދިޔަ ވަގުތުވެސް އެކްސްކަވޭޓަރު މަސައްކަތް ކުރަމުންދިޔަ އެވެ. ނަމަވެސް ވޯޓުލައި ނިމި، އިންތިހާބުގެ ނަތީޖާ ސާފުވުމާއެކު އެކްސްކަވޭޓަރު ވަނީ މަސައްކަތް ހުއްޓާލައި އެއްގަމަށް އަރުވާފަ އެވެ. ޝިހާމް ސިފަކުރެއްވި ގޮތުގައި އެ އެކްސްކަވޭޓަރު "ވަރުބަލިވެގެން" އެއްގަމަށް އެރި ގޮތަށް، އިންތިހާބުގެ ނަތީޖާ ލިބުނު ފަހުން އެއްވެސް ހަރަކާތެއް ނުކުރެ އެވެ. މިއީ އިޚުލާސްތެރި ނިޔަތެއްގައި ރައްޔިތުންނަށް ކަމެއް ކޮށްދިނުމަށް ފެށި މަޝްރޫއެއް ނޫންކަން މިއިން ސާފުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވޯޓުލާން ދެދުވަހަށް ވެފައި އިންދާ އެކްސްކަވޭޓަރެއް ގެނެސް އަޅުގަނޑުމެންނަށް ޚަބަރު ލިބުނީ ބަނދަރުގެ މަސައްކަތް ފެށުމަށްޓަކައި އެކްސްކަވޭޓަރެއް ގެނައީއޭ. އެހެންނަމަވެސް ވޯޓުލާން ދެދުވަހަށް ވެފައި އިންދާ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ ގޮތުން މިތާ ރަށް ހިމާޔަތްކުރަން ޖަހާފައި އޮތް ބޮޑުހިލަ ތޮށި ކަނޑާލައިގެން، ވޯޓުލާން ދެ ދުވަހަށް ވެފައި އިންދާ މި ފެނުނީ ވެލިބެޑެއް ޖަހަމުންދިޔަ މަންޒަރު. ދޭން އަޅުގަނޑުމެންނަށް ޕީއެންސީގެ ބައެއް ކެމްޕޭން ބޭފުޅުން ބުނެއޭ މިހާރު ބިން ހިއްކަން ފެށީއޭ. މިހާރު ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ދަނީއޭ، ބަލައިބަލާށޭ ސަރުކާރުގެ ހެޔޮފުޅުކަން. އެހެން ނަމަވެސް މިއަދު މި ފެނުނީ ވޯޓުލާން ނިމިގެން އަޅުގަނޑުމެންނަށް ނަތީޖާ ލިބެންވިއިރުގައި ގެނައި ހައިމާކް ވަރުބަލިވެއްޖެ. ދެން އޭތި އެއްގަމަށް އެރިގޮތަށް އަލުން އަނބުރާ އެ އެއްޗެއް ނުއެއް ފޭބި. އެހެން އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ، މިއީ ރަނގަޅު ނިޔަތެއްގައި މިއީ އަޅުގަނޑުމެންނަށް ކަމެއް ކޮށްދެއްވެގެން ފެށި މަޝްރޫޢެއް ކަމަށް. 
ރ. މަޑުއްވަރީ ކައުންސިލްގެ އިންތިހާބީ ރައީސް ހުސެއިން ޝިހާމް 

މި މަސައްކަތުގެ ސަބަބުން ރަށަށް ކުރިމަތިވެދާނެ ތިމާވެށީގެ ނުރައްކަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝިހާމް ވިދާޅުވީ، ރަށް ހިމާޔަތްކުރަން ޖަހާފައި އޮތް ތޮށިގަނޑު ކަނޑާލާފައި އޮތުމުން އިރުވައި މޫސުމުގައި އެ ސަރަހައްދު ގިރައި، ގޭގެއާ ހަމައަށް އުދައަރައި ގެއްލުންވުމުގެ ބިރު އެބައޮތް ކަމަށެވެ. މިއީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، މިފަދަ ބޮޑު މަޝްރޫއެއް ފެށިއިރު އެކަމުގެ އެއްވެސް މައުލޫމާތެއް މިހާރު އޮތް ކައުންސިލާ ހިއްސާކޮށްފައި ނުވާކަން ޝިހާމް ހާމަކުރެއްވި އެވެ. އޭނާ ވިދާޅުވީ މިހާރު އޮތް ކައުންސިލަކީ ޕީއެންސީގެ މެޖޯރިޓީ އޮތް، ސަރުކާރަށް ތާއީދުކުރާ ކައުންސިލެއް ކަމަށް ވީނަމަވެސް، ބިން ހިއްކުމުގެ އެއްވެސް މައުލޫމާތެއް ކައުންސިލް އިދާރާއަށް ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން މިއީ ހަމައެކަނި ޕީއެންސީގެ ކެމްޕޭން އޮފީހުން ރޭވުމެއްގެ ދަށުން ހިންގި ކަމެއްގެ ގޮތުގައި އޭނާ ތުހުމަތު ކުރެއްވި އެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މަޑުއްވަރީ ރައްޔިތުން ވަނީ ސަރުކާރަށް ބޮޑު ނޫނެކޭ ބުނެފަ އެވެ. އެގޮތުން ކައުންސިލްގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީން ހޯދިއިރު، ސަރުކާރު ހިންގާ ޕީއެންސީއަށް ކާމިޔާބު ކުރެވުނީ އެންމެ ގޮނޑިއެކެވެ. އަދި ފެންނަ ނުފެންނަ ވޯޓުންވެސް މަޑުއްވަރީ ރައްޔިތުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތާއީދު ނެތްކަން ހާމަކޮށްފަ އެވެ.