އަދަދު ނޫހުގެ ސޯޝަލް މީޑިއާގައި ޝާއިއުކުރި އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް، އެ ނޫހުގެ އޮފީހުން ގެންދިޔަ ލެޕްޓޮޕްތަކާއި ހާޑް ޑްރައިވްތަކުގެ ފާސްވަރޑް ފުލުހުންނަށް ދިނުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ޝާފިއު ނެރުއްވި މި އަމުރުގައި އަންގާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ލެޕްޓޮޕްތަކާއި، ހާޑްތަކާއި، ޕެން ޑްރައިވްތަކުގެ އިތުރުން ކްލައުޑް ސްޓޯރޭޖްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ޕާސްކޯޑް ދީ، އެ ތަކެތީގައި ހުރި ޑޭޓާތަކަށް ފުލުހުންނަށް އެކްސެސްވެވޭނެ ގޮތް ހެދުމަށެވެ.

ކޯޓު އަމުރުގައިވާ ގޮތުން އެ ޑޭޓާތަކަށް ފުލުހުން އެކްސެސްވާއިރު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ކަނޑައަޅާ ފަރާތެއް އެތަނުގައި ހާޒިރުވެ ހުންނަން ޖެހޭނެ އެވެ. އަދި ފުލުހުން ހުޅުވަން އެދޭ ތަކެއްޗަކީ ގާނޫނުން އިމްތިޔާޒު ލިބިގެންވާ ތަކެތި ކަމަށްވާތީ، މައުލޫމާތުގެ ސިއްރު ހިފެހެއްޓުމަށާއި އެކަމުގައި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް ވެސް ކޯޓުން ވަނީ ފުލުހުންނަށް އަންގާފަ އެވެ. މި އަމުރުގެ ދަށުން މިއަދު މެންދުރުފަހު ދެ ޖަހާއިރު އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.

ކޯޓުން މިފަދަ އަމުރެއް ނެރުނު ނަމަވެސް، އަދަދު ނޫހުން ވަނީ މިދިޔަ އޭޕްރިލް މަހުގެ ފަސްވީސް ވަނަ ދުވަހު އެ ނޫހުގެ އޮފީހުން ފުލުހުން ގެންދިޔަ އެއްވެސް ޑިވައިސެއްގެ ޕާސްވަރޑް ނުދޭން ނިންމާފައެވެ. ފިޔާޒުގެ ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވީ، އެއްވެސް މީހެއްގެ މައްޗަށް ފިޔާޒު ގަޒުފުކޮށްފައި ނުވާނެ ކަމަށް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށެވެ. އަދި ޕާސްވަރޑްތައް ދީފިނަމަ ނޫސްވެރިކަމުގެ މަސްދަރުތައް ހާމަވެދާނެތީ، މަސްދަރުގެ ސިއްރު ހިފެހެއްޓުމުގެ ގޮތުން ޕާސްވަރޑް ނުދޭން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ހުސެއިން އިތުރަށް ވިދާޅުވީ، މި މައްސަލައާ ގުޅުންހުރި މަސްދަރުތަކުގެ އިތުރުން، އެހެން މައްސަލަތަކާ ގުޅިގެން މައުލޫމާތު ދީފައިވާ ފަރާތްތަކަކީ ކޮބައިކަން ވެސް ޕާސްވަރޑް ދިނުމުން ހާމަވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. ގާނޫނުއަސާސީގެ ފަންސަވީސް ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ މީހަކު ފަތުރާ ނުވަތަ ޝާއިއުކުރާ ހަބަރަކާ ގުޅިގެން އެ މައުލޫމާތެއްގެ މަސްދަރު ހާމަކުރަން އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށެވެ. އަދި ހެއްކާ ބެހޭ ގާނޫނުގެ އެއްސަތޭކަ ހަތިރީސް ވަނަ މާއްދާގެ ދަށުން މަސްދަރު ހާމަކުރަން މަޖުބޫރުވަނީ ހަމައެކަނި ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ސީރިއަސް މައްސަލަތަކުގަ އެވެ.

ފުލުހުން އެދުނު ގޮތަށް ޕާސްވަރޑްތައް ނުދީފިނަމަ، އޭގެ ނަތީޖާއެއްގެ ގޮތުން ގާނޫނީ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ފުލުހުން މިއަދު ދީފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. ނަމަވެސް ދައުވާ ކުރިޔަސް ނުވަތަ ޖަލަށްލިޔަސް، މަސްދަރު ހާމަވާނެ ފަދަ އެއްވެސް މައުލޫމާތެއް ނުދޭން ފިޔާޒު ނިންމަވާފައިވާ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

މި މައްސަލައިގައި ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަދެ ހަތަރު ގަޑިއިރަށް ހިންގި އޮޕަރޭޝަނެއްގައި، ލެޕްޓޮޕްތަކާއި ހާޑް ޑިސްކުތަކާއި މެމޮރީ ކާޑުތައް ހިމެނޭހެން ޖުމްލަ ވިހި ޑިވައިސްއެއް ވަނީ ގެންގޮސްފަ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އެ ދުވަހު ނޫސް ބަލައިފާސްކުރުމަށް ފުލުހުން ދެއްކި ކޯޓު އަމުރުގައި އެއްވެސް އެއްޗެއް ހިފެހެއްޓުމުގެ އަމުރެއް ނެތް އިރު، އޮތީ ހަމައެކަނި ބަލައިފާސްކުރުމުގެ ހުއްދަ އެވެ.