މިދިޔަ އަހަރު ކުރީ ކޮޅު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި މާލޭގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫއުގެ މަސައްކަތް ފެށޭނެ ދުވަހެއް ކޮންސްޓްރަކްޝަން މިނިސްޓަރ އަބްދުﷲ މުއްތަލިބަށް ވިދާޅު ނުވެވި ހިލޭ އެހީގެ ސަބަބުން އެކަން ނުވެގެން އުޅޭ ކަމަށް ވިދާޅުވެއްޖެ އެވެ.  

މާލޭގެ މަގުތައް ހެދުމުގެ ބިޔަ މަޝްރޫއު 2025 ވަނަ އަހަރު ފަށާނެކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ 2024 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް މަސައްކަތް ފަށާނެ ކަމަށް ރައީސް މުއިއްޒު ދެއްވި ދެވަނަ ތާރީހެވެ. އެންމެ ފުރަތަމަ އެމަނިކުފާނު ތާރީހެއް ދެއްވީ 2024 ވަނަ އަހަރު މަސައްކަތް ފެށޭނެ ކަމަށެވެ. 

މިކަމާއި ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހުގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ ހިލޭ އެހީއާއި ލޯނު އެހީއާ ދައުލަތުގެ ބަޖެޓުން ހިންގާ ޕްރޮޖެކްޓުތަކަކީ މުޅިން ތަފާތު އުސޫލުތަކެއްގެ ތެރެއިން ތަފާތު ގޮތްގޮތަށް ކުރިއަށްދާ މަޝްރޫޢުތަކެއް ކަމަށެވެ. އަދި ޗައިނާގެ ހިލޭ އެހީގެ ކުރިއަށްދާ މަޝްރޫޢުތަކަކީ، އަދި އެހެން ޤައުމަކުން ވެސް ހިލޭ އެހީގެ ކުރިއަށްދާ މަޝްރޫޢުތަކަކީ، އެ ޤައުމެއްގައި ކަނޑައަޅާފައި އޮންނަ އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިން ކުރިއަށްދާ މަޝްރޫޢުތަކެއް ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ހަމަޖެހިގެން އިޢުލާންކުރެއްވި ޕްރޮޖެކްޓް ތައް ކަމަށާއި، އަދި މާލޭގެ މަގުތައް ހެދުމުގެ މަޝްރޫޢު، އޭރުއްސުރެން ފެށިގެން ޗައިނާގެ ހިލޭ އެހީ ދިނުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. 

ތިބޭފުޅުން އެނގިވަޑައިގަންނަވާނެ ފަދައިން، ޗައިނާގެ ކުރީގައި ހިނގާފައި ހުރި މަޝްރޫޢުތައްވެސް ހިނގާފައިވާނީ ހިލޭ ހިމެނޭ މަޝްރޫޢެއް ކަމުގައި ވާނަމަ، އޭގެ ފީޒިބިލިޓީ ސްޓަޑީ ސްޓޭޖު ނިންމައި، ސަރވޭ ޑިޒައިން ސްޓޭޖް ނިންމައި ކޮންސްޓްރަކްޝަން ސްޓޭޖާ ހަމައަށް ދިޔުމަށް. އަދި މިއިން ކޮންމެ ސްޓޭޖެއްގައި ވެސް ޗައިނާގައި ޓެންޑަރ ކުރެވިގެން، ޕްރޮކިއޮ ކުރެވިގެން، ވަކި ބަޔަކު ހޯދައިގެން އެ ބަޔަކު އައިސް މަސައްކަތްކޮށްފައި އަނެއް ސްޓޭޖަށް ދިޔުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްގެން އަބަދުވެސް ކުރިއަށްދަނީ. އެ އުސޫލުން މަގުހެދުމުގެ މަޝްރޫޢު ކުރިއަށްދަނީ. މިހާރު ގޮސްފައި އޮތް ހިސާބަކީ، ފީޒިބިލިޓީ ސްޓަޑީގެ މަސައްކަތް ނިންމައި ސަރވޭއިން ޑިޒައިން ކުރާނެ ބަޔަކު ހޮވައި، ޓެންޑަރގެ މަސައްކަތް ނިންމާ މިހާރު ބަޔަކު ހޮވާފައިވަނީ. މި މެއި މަސް ތެރޭގައި ސަރވޭއިން ޑިޒައިން މަސައްކަތްކުރުމަށްޓަކައި އެޓީމް މި ކޮޅަށް އަންނާނީ. އަދި ސަރވޭއިން ޑިޒައިން މަސައްކަތް ނިމުމަށްފަހުގައި އަނެއްކާވެސް އެ ޑިޒައިން ފައިނަލްވީމާ، ޗައިނާގެ ޓެންޑަރކުރާނެ ކޮންޓްރެކްޓަރެއް ހޮވުމުގެ މަސައްކަތް، އެ ކޮންޓްރެކްޓަރަކަށް ހޮވުނީމާ އެހިސާބުން ޢަމަލީ މަސައްކަތް ފެށިގެންދާނީ. އެހެންވީމާ، މި މަޝްރޫޢުގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރައްވާފައިވާ ގޮތަށް ކަނޑައަޅާފައި ވަގުތަށް ކުރިއަށް ގެންދާނެ.
 ކޮންސްޓްރަކްޝަން މިނިސްޓަރ އަބްދުﷲ މުއްތަލިބު

މިނިސްޓަރ ވިދާޅުވީ މިއީ ހަމައެކަނި ޗައިނާގެ ހިލޭ އެހީއާ ގުޅިފައި ހުރިކަމެއް ނޫން ކަމަށެވެ. އަދި އެހެން ޤައުމުތަކުން ދޭ ހިލޭ އެހީގައި ވެސް މި ކަންތައް ކުރިއަށްދާ ގޮތް އެއީ ކަމަށާއި، ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި މާލޭގެ އިރުމަތީ ފަރާތުގެ ތޮށި މަރާމާތުކުރުމުގެ މަސައްކަތް މިހާރު ފެށުމަށް ތައްޔާރުވެފައިވާ އިރު، އެ މަޝްރޫޢަކީ ރައީސް ޔާމީން ސަރުކާރުގެ ފަހުކޮޅުން ފެށިގެން މަސައްކަތް ފެށި މަޝްރޫޢެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ސަރުކާރުން ހުއްޓުމެއް ނެތި ވީހާވެސް އަވަހަކަށް ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކަނޑައެޅިފައި އޮތް ގޮތަށް ކުރިއަށް ދާ ކަމަށެވެ.