ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް، މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އާމިނަތު ޝިރުނާ ހޯމަ ދުވަހު އައްޔަންކުރައްވައިފި އެވެ. 

ޝިރުނާ މި މަގާމަށް އައްޔަންކުރެއްވިކަން ހާމަކޮށް، ހެލްތު މިނިސްޓްރީން ވަނީ އޭނާ އަށް މަރުހަބާ ދަންނަވައި ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާކޮށްފަ އެވެ.

އެންސްޕާގެ ސީއީއޯގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ހީނާ ވަލީދު މިދިޔަ މޭ މަހުގެ 14 ވަނަ ދުވަހު ހެރިޓޭޖް އެންޑް ކަލްޗާ މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން ހީނާ އާ މަގާމަކަށް ބަދަލުކުރެއްވި ދުވަހުން ފެށިގެން، އެންސްޕާގެ އެންމެ އިސް މަގާމު އޮތީ ހުސްކޮށެވެ.

އެންސްޕާގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޝިރުނާ ހުންނެވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ދަމަނަވެށީގެ އިތުރުން ބްލަޑް ބޭންކުގެ ކަންކަން ބެލެހެއްޓެވުމުގެ އިސްވެރިއެއްގެ ގޮތުގަ އެވެ. މި ސަރުކާރުގެ ކުރީކޮޅު، 13 ޑިސެމްބަރު 2023 ގައި ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކުރެއްވުމަށްފަހު، އެންމެ ފުރަތަމަ އޭނާއާ ހަވާލުކުރެއްވީ މޯލްޑިވިއަން ބްލަޑް ސާވިސަސް ނުވަތަ ތެލެސީމިއާ ސެންޓަރުގެ ކަންކަން ބެލެހެއްޓެވުމަށެވެ.

ނަމަވެސް، ތެލެސީމިއާ ސެންޓަރުގެ ހިންގުމުގެ ތެރެއިން ބަލިމީހުންނަށް ބޭނުންވާ ބޭހާއި ފަރުވާގެ ކަންކަމުގައި ދަތިތަކެއް ކުރިމަތިވެ، އެ މައްސަލަތައް ހައްލުނުވެ ދިގުލައިގެން ދިއުމުގެ ސަބަބުން ޝިރުނާއަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ވިއެވެ. އެ ދުވަސްވަރު ބައެއް އާއިލާތަކުން ވަނީ ތެލެސީމިއާ ސެންޓަރު ތެރޭގައި މުޒާހަރާކޮށް، ޝިރުނާގެ އިސްތިއުފާއަށް ވެސް ގޮވާލާފަ އެވެ. އެއަށްފަހު، އިދާރީ ބަދަލުތަކެއްގެ ތެރެއިން ތެލެސީމިއާ ސެންޓަރުގެ ޒިންމާތަކުން އޭނާ ވަނީ ދުރުކޮށްފަ އެވެ.

ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގަތުމުގެ ކުރިން ޝިރުނާއަކީ ސިއްހީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ނަރުހެއްގެ ގޮތުގައި 23 އަހަރު ހިދުމަތް ކުރައްވާފައިވާއިރު، އައިޖީއެމްއެޗްގެ ނާސިން ޑިޕާޓްމަންޓުގެ އިސް މަގާމުތަކެއް ވެސް އޭނާ ވަނީ ފުރުއްވާފަ އެވެ.