ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ހަތް ފަހުމުނާމާއެއް ބަދަލުކޮށްފި އެވެ.

ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި، ދޭދޭ ގުޅުންތައް ހަރުދަނާކުރުމާ ގުޅުންހުރި ހަތް ފަހުމުނާމާއެއް، ދެ ޤައުމުން ވަނީ ބަދަލުކޮށްފަ އެވެ. މި ރަސްމިއްޔާތުގައި، ޒުވާނުން ތަރައްޤީކުރުމާއި، އަރުޝީފުކުރުމުގެ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާ އާއި، ހައްދުފަހަނައަޅައިދިޔުން ހުއްޓުވުމާއި، ޞިއްޙީ އަދި ދިފާޢީ ދާއިރާގެ ދިރާސީ މަސައްކަތްތަކުގައި ގުޅުންބަދަހިކުރުމާއި، ސްކޫލްތަކަށް ބޭނުންވާ މުދައްރިސުންނަށް ފަންނީ ތަމްރީނާއި ތަޖުރިބާ ފޯރުކޮށްދިނުމުގެ ދާއިރާގައި އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތައް ވަނީ ބަދަލުކޮށްފަ އެވެ.

މީގެ އިތުރުން ދެ ޤައުމުން ރަސްމީ މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ހިމެނިގެން ކުރިއަށްގެންދެވި މި މަޝްވަރާތައް ބާއްވަވާފައިވަނީ، މިއަދު ކޮލަމްބޯގެ ޕްރެސިޑެންޝަލް ސެކްރެޓޭރިއަޓްގަ އެވެ.

މަޝްވަރާތަކުގައި ދެބޭފުޅުން ވަނީ، އަވަށްޓެރި ދެ ޤައުމުގެ ދެމެދުގައިވާ 60 އަހަރުވީ ސިޔާސީ ގުޅުމުގެމައްޗަށް އަލިއަޅުއްވާލާފަ އެވެ. ދެޤައުމުގެ ގުޅުމަށް 60 އަހަރު ފުރިފައިވަނީ ޖުލައި 2025 ގަ އެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ރައްޔިތުންނާ ސްރީލަންކާގެ ރައްޔިތުންނާ ދެމެދު އޮންނަ ބަދަހި ގުޅުން ފާހަގަކުރައްވައި، ދެޤައުމުގެ ތަރައްޤީގައި ކޮންމެ ޤައުމަކުންވެސް އަދާކުރަމުން އަންނަ ދައުރަށްވެސް ދެބޭފުޅުން އަލިއަޅުއްވާލެއްވި އެވެ.

ދެ ޤައުމުގެ ރަސްމީ މަޝްވަރާތައް ނިންމަވާލައްވާފައިވަނީ، އިޤްތިޞާދީ، ޒުވާނުންގެ ތަރައްޤީ، ތަޢުލީމް، ތާރީޚާއި ޘަޤާފަތް، ޞިއްޙީ، ދިފާޢީ، މަސްވެރިކަމުގެ ދާއިރާތައް ހިމެނޭހެން ދެޤައުމުގެ މެދުގައި ގުޅުންތައް ހަރުދަނާކުރެވިގެންދާނޭކަމަށް ދެކިވަޑައިގަންނަވާކަމުގައި، ދެ ބޭފުޅުންވެސް އިއްތިފާގުވެވަޑައިގަންނަވަމުންނެވެ.

ރަސްމީ މަޝްވަރާގައި، ދެޤައުމުގެ ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މި ވަގުތު ހުންނެވީ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅެއްގައި، ސްރީލަންކާގަ އެވެ.