ދ. މީދޫ ކައުންސިލްގެ
ރައީސްގެ މަގާމަށް ވާދަކުރި ޕީއެންސީ އަދި އެމްޑީއޭގެ ކެންޑިޑޭޓަށް ލިބުނު ވޯޓާ
ގުޅޭ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
ދ. މީދޫ
ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރި ޕީއެންސީ އަދި އެމްޑީއޭގެ ކެންޑިޑޭޓަށް
ލިބުނު ވޯޓާ ގުޅޭ މައްސަލަތަކެއް ޖެހިގެން މީދޫ 2 ނަންބަރު ވޯޓުފޮށި އަލުން
ގުނިއިރު ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނު ވޯޓެއް ބާތިލުވެ، ކައުންސިލްގެ ރައީސްގެ
މަގާމު އެމްޑީއޭގެ ކެންޑިޑޭޓަށް ވަނީ ޔަޤީންވެފައެވެ.
އޭރު
ފެންމަތިވި މައްސަލަތައް ބެލުމަށްފަހު، މީދޫ ވޯޓުގެ ރަސްމީ ނަތީޖާ އާންމުކުރިއިރު،
އެ ނަތީޖާ ދައްކާ ގޮތުން ޕީއެންސީގެ ސުހާ އިބްރާހިމްއަށް ލިބުނީ، 391 ވޯޓެވެ. އަދި
އެމްޑީއޭގެ މުޙައްމަދު ޝާހިދަށް ލިބުނީ 392 ވޯޓެވެ. އެހެންކަމުން އިންތިޚާބު
ކާމިޔާބުކުރީ އެމްޑީއޭގެ ކެންޑިޑޭޓެވެ.
ސުހާއަށް ލިބުނު ވޯޓެއް
ބާތިލުވުމުން އޭނާއަށް ލިބުނު ވޯޓު 391 އަށް މަދުވެފައިވާއިރު، އެ ވޯޓު އަލުން
ގުނައި ބާތިލު ކަމަށް ކަނޑައަޅަން ޖެހުނީ އެ ވޯޓު ކަރުދާހުގައި ދެފަހަރު ރަނގަޅު
ފާހަގަ ޖަހާފައިވާތީ އެވެ.
ނަމަވެސް
ސުހާގެ ފަރާތުން ބުނާ ގޮތުގައި އެއީ އޭނާއަށް ލިބިފައިވާ ވޯޓެއްކަމަށް ކަނޑައަޅަން
ޖެހެއެވެ. ސަބަބަކީ އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ފާހަގަ ޖަހާ
ވާހަކަ ޤާނޫނުގައި އޮންނައިރު، އެ ވޯޓު ކަރުދާހުގައި އޮތީ އޭނާގެ ނަމާ ދިމާލުގައި
ވޯޓު ޖަހާފައި އޮތުމުންކަމަށް ވަކީލު ވިދާޅުވިއެވެ. އަދި އެ ވޯޓު ބާތިލުކަމަށް
ކަނޑައަޅާފައިވަނީ އިންތިޚާބީ ޙައްޤުތަކަށް ހުރަސްއެޅޭ ގޮތަށްކަމަށް އޭނާގެ
ފަރާތުން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން
އިންތިޚާބުގެ ނަތީޖާ ބާތިލުކޮށް، އަލުން އިންތިޚާބު ބާއްވައިދިނުމަށް އަމުރު
ކޮށްދިނުމަށް ނުވަތަ ބާތިލު ބަންޑަލީގައި ހިމެނޭ 15 އަދި 17 ވަނަ ބަންޑަލީގެ
ވޯޓަކީ ސައްޙަ ވޯޓުކަމަށް ކަނޑައަޅައިދިނުމަށް އޭނާގެ ފަރާތުން އެދިފައިވެއެވެ.
އެހެންނަމަވެސް
އެމްޑީއޭގެ ކެންޑިޑޭޓުގެ ފަރާތުން ބުނީ، ޤާނޫނުގައި އޮތީ "ފާހަގައެއް"
ޖަހާ ވާހަކަ ކަމަށާއި، އެތަނުގައި އެ ބުނަނީ އެއް ފާހަގައިގެ ވާހަކަ ކަމަށެވެ. އަދި
އެ ވޯޓަކީ ސައްޙަ ވޯޓެއްކަމަށް ކަނޑައަޅައިފިނަމަ އެއީ އިންތިޚާބީ ނިޒާމަށްވެސް
ލޮޅުން އަންނާނެ ކަމެއްކަމަށް ވަކީލު ވިދާޅުވިއެވެ.
އެކަން
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުންވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޤާނޫނާ
ޙަވާލާދީ ކޮމިޝަނުން ވަނީ ފަނޑިޔާރުންގެ ސުވާލުތަކަށްވެސް ޖަވާބު ދެއްވާފައެވެ.
އީސީގެ
ވަކީލު ވިދާޅުވީ، ވޯޓު ކަރުދާހުގައި ދެ ފާހަގަ ޖަހާފައިވަނީ އޮޅިގެންކަމަށް ބުނި ނަމަވެސް،
އެއީ ހަގީގަތުގައިވެސް އޮޅިގެން ޖެހުނު ވޯޓެއްކަން ޔަޤީން ކުރެވޭ ގޮތެއް ނެތް
ކަމަށާއި، މިސާލަކަށް އެއީ އޮޅިގެން ލެވުނު ވޯޓެއް ނަމަވެސް އެ ޙާލަތުގައިވެސް
ވޯޓު ބާތިލުވާނެ ކަމަށެވެ. އަދި ކަރުދާހުގައި އިތުރު ފާހަގައާއި ނިޝާންތައް
ޖެހުމަކީ ވޯޓުގެ ސިއްރުކަން ކަނޑައެޅުމަށްވެސް ހުރަސް އެޅޭ ކަންކަން ކަމަށް ވަކީލު
ވިދާޅުވިއެވެ.
ހައިކޯޓުގައި
މި މައްސަލަ ބައްލަވަނީ، ފަނޑިޔާރު އިސްމާއީލް ޝަފީއު، އިސްފަނޑިޔާރު އަބްދުﷲ
ޖަމީލް މޫސާ، އަދި ފަނޑިޔާރު ހަސަން ޝަފީއުއެވެ.
ފާހަގަކޮށްލެވޭ
ގޮތުގައި ލ ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަށް ވޯޓުލުމުގެ ހައްގު ނެތް ފަރާތަކުން
ވޯޓުލާފައިވާކަމަށް ބުނެ އެމްޑީއޭއިން އެ ކޮމިޝަނުގެ ކޮމްޕްލެއިންސް ބިއުރޯއަށް
މައްސަލަ ހުށަހެޅުމުން ޕީއެންސީ ކެންޑިޑޭޓުގެ އެ ވޯޓުވެސް ބާތިލުކަމަށް ކުރިން ވަނީ
ކަނޑައަޅާފައެވެ.
މި
ދާއިރާގެ ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17
ގައެވެ. ފަނޑިޔާރުން ވިދާޅުވި ގޮތުގައި މި މައްސަލަ މި މަހުގެ 11 ނުވަތަ 12 ވަނަ
ދުވަހު ނިންމަވާނެއެވެ.