އއ. މާޅޮސް،
އޯކިޑްމާގެ، ޢަބްދުއްރަޙްމާން އާދަމް އަނިޔާވެރި ގޮތަކަށް މަރާލާފައިވާކަމަށް ތުހުމަތު
ކުރެވޭ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި
ދައުލަތުން ދައުވާކުރަނީ ތިން މީހެއްގެ މައްޗަށެވެ. އެއީ އއ. މާޅޮސް، ފިޔަ، އަޙްމަދު
އާޝިދު، އއ. މާޅޮސް، ލިލީފެހި، މުޙައްމަދު ވިސާމްއާއި، އއ. މާޅޮސް، ފިނިވާގެ، އަޙްމަދު
ފާރިސްއެވެ.

ހޯމަ
ދުވަހުގެ އަޑުއެހުމުގައި ކުރިއަށް ދިޔައީ މި މައްސަލަ ބައްލަވާ ގާޒީ ބަދަލުވެފައިވާތީ
އެކަމާ ގުޅިގެން ކުރިއަށް ގެންދަންޖެހޭ އިޖުރާއަތެވެ. އެގޮތުން މައްސަލައިގައި
މިހާތަނަށް ކަންކަން ގޮސްފައިވާ ހިސާބު ގާޒީ ވަނީ ސާފު ކުރައްވާފައެވެ. ކްރިމިނަލް
ކޯޓުގައި މިހާރު މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ ގާޒީ އަހުމަދު ނިޔާޒުއެވެ.

މި މައްސަލައިގައި
މިހާތަނަށް ބޭއްވިފައި ވަނީ އެންމެ އަޑުއެހުމެކެވެ. އެއީ މިދިޔަ އަހަރުގެ
ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވުނު އަޑުއެހުމެވެ. އެ އަޑުއެހުމުގައި އޭރު
މައްސަލަ ބެއްލެވި ގާޒީ ވަނީ ލިއެކިއުންތައް ހަމަ ކުރުމަށް ވަގުތު ދެއްވާފައެވެ.

ގާޒީ
ނިޔާޒު ވިދާޅުވި، މި މައްސަލައިގައި ކުރިއަށްދާނީ އިބްތިދާއީ މަރުޙަލާ ފެށިގެން
ކަމަށެވެ. އެހެންކަމުން ދައުލަތުން ވަނީ މި އަޑުއެހުމުގައި ދައުވާ އިއްވާފައެވެ.

މި
މައްސަލައާ ގުޅިގެން އާޝިދުގެ މައްޗަށް ކޮށްފައިވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން
ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އެ ކުށުގެ އަދަބަކީ މަރުގެ
އަދަބެވެ. ނަމަވެސް މަރުގެ އަދަބު ތަންފީޛުކުރުމުގެ ކުރިން އެއްވެސް
މަރުޙަލާއެއްގައި، މަރާލެވިފައިވާ މީހާގެ ވާރިޘުން، ކުށް ސާބިތުވެފައިވާ މީހާގެ
އަތުން ނުވަތަ އޭނާގެ ޢަޞަބަތްތެރިންގެ އަތުން މަރުގެ ދިޔަ ހޯދައި، މަޢާފުދީފިނަމަ
ނުވަތަ މަރުގެ ދިޔަ ހޯދުމަކާ ނުލައި މަޢާފުދީފިނަމަ، މަރަށް މަރު ހިފުމަކާ ނުލައި
އޭނާގެ މައްޗަށް ތަޢުޒީރީގޮތުން އަދަބު ދެވޭނެއެވެ.

މީގެ
އިތުރުން، ވިސާމްއާއި ފާރިޝްގެ މައްޗަށް ކޮށްފައިވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން
ޤަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އެ ކުށުގެ އަދަބަކީ 18 އަހަރަށް ޖަލަށް ލުމާއެކު، 2 މިލިއަން
ރުފިޔާއާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމެވެ.

ދައުލަތުން
ކުރި ދައުވާގައި ބުނެފައިވަނީ އެމީހުން އަބްދުއްރަޙުމާނުގެ ގެއަށް ވަދެ، އޭނާ ނިދާފައި
އޮއްވައި ބޮލަށް ޙަމަލާދީގެން މަރާލާފައިވާ ކަމަށެވެ.

މި
އަޑުއެހުމުގައި ދިފާއީ ވަކީލު ވިދާޅުވީ، ދައުވާއަށް ޖަވާބުދާރީ ވުމުގެ ކުރިން
މައްސަލައިގެ ޑީއެންއޭ ރިޕޯޓު ދިފާއަށް ބޭނުންވާ ކަމަށާއި، މައްސަލައިގެ ދައުވާ
ހުށަހެޅިތާވެސް މިހާރު 5 މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި ރިޕޯޓު ލިބުމަށްފަހު
މައްސަލައިގެ ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުމަށް ދިފާއުން އެދުނެވެ.

ދައުލަތުގެ
ވަކީލު ވިދާޅުވީ، އެ ރިޕޯޓު ލިބޭނެ ތާރީޚެއް އަދި ފުލުހުންގެ ފަރާތުން
ލިބިފައިނުވާ ކަމަށެވެ.

އެހެންކަމުން
ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުވާއަށް ޖަވާބުދާރީވުމާއި، ދައުލަތުން
ހުށަހަޅާފައިވާ އަމުރަކާމެދު ގޮތެއް ކަނޑައެޅުމެވެ.