މީޑިއާތަކުން ހަމަހަމަ އުސޫލު ގެންގުޅެން ޖެހޭނަމަ
ދައުލަތުގެ މީޑިއާއެކޭ އެއްގޮތަށް ޕްރައިވެޓު މީޑިއާތަކުންވެސް އެ އުސޫލު
ގެންގުޅެން ޖެހޭނެ ކަމަށާއި، ހުރިހާ މީޑިއާއަކުން ގޮސް މުޒާހަރާތައް ކަވަރު
ކުރާކަށް ނުޖެހޭނެކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
މެމްބަރު އެފަދައިން ވިދާޅުވީ ދައުލަތުގެ
މީޑިއާއަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ސިޔާސީ ޕާޓީތަކުގެ މެދުގައި
ތަފާތުކޮށް، ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އެމްޑީޕީއަށް
ނުދީ، ޤާނޫނުގައި ބުނާ އެޑިޓޯރިއަލް މިނިވަންކަން ދީފައިނުވާކަމަށް ބުނެ
ހުށަހަޅާފައިވާ ޤަރާރަށް ބަހުސް ކުރައްވަމުންނެވެ.
އެ ޤަރާރަށް ބަހުސް ކުރައްވަމުން މެމްބަރު
ވިދާޅުވީ، ދައުލަތުގެ މީޑިއާއަކީ މުޅި ރާއްޖޭގައިވެސް އެންމެ ރަނގަޅަށް
ހިންގަމުންދާ މީޑިއާ ކަމަށާއި، އެއީ ހުރިހާ ސަރުކާރެއްގައިވެސް އެކަން އޮންނަ ގޮތް
ކަމަށެވެ. އަދި ވިދާޅުވީ، ދައުލަތުގެ މީޑިއާއާ ބެހޭގޮތުން ޝަކުވާތައް ކުރަނީ އަބަދުވެސް
އިދިކޮޅު ފަރާތްތަކުން ކަމަށެވެ.
މެމްބަރު ވިދާޅުވީ، ދައުލަތުގެ މީޑިއާއިން ގެންގުޅޭ
ވަކި އުސޫލުތަކެއް އޮންނަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން، މީޑިއާތައް ރެގިއުލޭޓު ކުރުމުގައި
ހަމަހަމަ އުސޫލު ގެންގުޅޭނަމަ ދައުލަތުގެ މީޑިއާއެކޭ އެއްގޮތަށް އަމިއްލަ
ޕްރައިވެޓު މީޑިއާތަކުންވެސް އެ އުސޫލު ގެންގުޅެން ޖެހޭނެކަމަށް މެމްބަރު ވިދާޅުވިއެވެ.
އަދި ވިދާޅުވީ، ހުރިހާ މީޑިއާއަކުން މުޒާހަރާތައް ކަވަރު ކުރާކަށް ނުޖެހޭނެ
ކަމަށާއި، ޕްރައިވެޓު މީޑިއާތަކުން ރައީސްގެ ޚަބަރުތައްވެސް ގެންނަން ޖެހޭނެ
ކަމަށެވެ.
ދެން މީޑިއާތައް ރެގިއުލޭޓު ކުރުމުގައި ހަމަހަމަ އުސޫލު ގެންގުޅެންޏާ ޕަބްލިކް ސަރވިސް މީޑިއާ އެކަންޏެއްނޫން، ހުރިހާ މީޑިއާތަކުންވެސް އެ އުސޫލު ގެންގުޅެން ޖެހޭނެތާ، ރާއްޖޭގެ އިދިކޮޅު މީޑިއާތަކުން ހަމަ ސަރުކާރުގެ ޚަބަރުތައްވެސް އެފަރާތްތަކުގެ ޚަބަރުތައް ގެންނަ އުސޫލުން ހަމަހަމަ އުސޫލުން ގެންނަން ޖެހޭނެތާ ތެދުވެރިކަމާ އިޚުލާސްތެރިކަމާއެކު، ހުރިހާ މީޑިއާއެއް ނުޖެހޭ ގޮސް ކޮންމެ ދުވަހަކު މުޒާހަރާ ކަވަރ ކުރާކަށް ހެނދުނުން ފަށައިގެން ގޮސް ރޭގަނޑު 12 ޖަހަންދެން ތިމަންނާމެންގެ ޑިއުޓީގައި ރާއްޖޭގައި މުޒާހަރާ ކުރާއިރު އެ މުޒާހަރާތައް ލައިވްކޮށް އޭގައި ދައްކާ ހުރިހާ ހަޑިހުތުރު ވާހަކައަކާ މަންޒަރެއް ރައްޔިތުންނަށް ދެއްކުމަށްޓަކައި މަސައްކަތް ކުރާ މީޑިއާއަކަށް ޕަބްލިކް ސަރވިސް މީޑިއާ ނުވާތީ ކަންނޭނގެފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ)
މެމްބަރު އިތުރަށް ވިދާޅުވީ، މީޑިއާތަކުން ދިވެހިން
ބަލައިގަންނަ ޚަބަރުތައް ގެނެސްދޭން ޖެހޭ ކަމަށާއި، މިހާރު ގިނައިން ފެންނަނީ
އެފަދަ ޚަބަރުތަކެއް ނޫން ކަމަށެވެ. އެގޮތުން މިހާރު ގިނައިން ފެންނަނީ މީޑިއާތަކުން
މީހުންގެ އަބުރަށް އަރައިގަންނަ މަންޒަރުކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވަނީ ވަޒީރުން މަޖިލީހަށް ހާޒިރުކޮށްދޭން
އެދޭތީ އެކަމަށްވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން އެއީ ވަގުތު ބޭކާރު ކުރުމަށް
ކުރާ ކަމެއްގެ ގޮތުގައި މެމްބަރު ވަނީ ސިފަ ކުރައްވާފައެވެ.