މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ވިދާ ގުގުރާތީ ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ ތައްޔާރުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ހޯމަ ދުވަހުގެ ހެނދުނު 10:00ން އަންގާރަ ދުވަހުގެ ހެނދުނު 10:00ށް ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށެވެ.

އެ އިދާރާއިން ބުނީ، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 3 ނުވަތަ 5 ފޫޓު ހުންނާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، 2026 ޖޫން އިން ސެޕްޓެންބަރުގެ ނިޔަލަށް ލަފާކުރެވޭ ގޮތުން ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވާރޭވެހޭ މިންވަރު އާއްމުކޮށް މިދުވަސްވަރު ވެހޭވަރަށް ވުރެ އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ހުރިހާ ސަރަހައްދެއްގައި ވެސް ފިނިހޫނުމިން އާއްމުކޮށް ހުންނަވަރަށްވުރެ މަތިވާނެ ކަމަށް ބެލެވޭ ކަމަށް އެ އިދާރާއިން ބުނެ އެވެ. 

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެސް އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހިފައިވާއިރު، އާދިއްތަ ދުވަހުގެ ހެނދުނު 8:00ން ހޯމަ ދުވަހުގެ ހެނދުނު 8:00ށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ސ. ހިތަދޫ އަށެވެ. އެ ރަށަށް 46.1 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. އަދި ސ. ހުޅުމީދޫ އަށް 32.4 މިލިމީޓަރުގެ ވާރޭ، ފ. ބިލެއްދޫ އަށް 33.0 މިލިމީޓަރުގެ ވާރޭ، ކ. ދިއްފުއްޓަށް 26.5 މިލިމީޓަރުގެ ވާރޭ، މ. މުއްޔަށް 22.6 މިލިމީޓަރުގެ ވާރޭ އަދި ޏ. ފުވައްމުލަކަށް 19.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އާއްމު ކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކަ އެވެ. 

މީގެ އިތުރުން މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ގުގުރަމުންދާތީ، އެންޑީއެމްއޭއިން ވަނީ، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ ތައްޔާރުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފަ އެވެ. 

އެ އޮތޯރިޓީން ބުނީ، ހާމަ ތަންތަނާއި، ޓެރަސް ފަދަ އުސް ތަންތަނުން ދުރުހެލިވާން ޖެހޭ ކަމަށާއި، އިމާރާތް ތެރޭގައި ތިބެން ޖެހޭ ކަމަށެވެ. ބޭރުގައި ނަމަ ވިއްސާރައިން ހިޔާވުމަށް އުސް ތަންތަން ކައިރީ އަދި ގަސްދަށުގައި ނުތިބުމަށް އެދިފައިވެ އެވެ. އަދި އިލެކްޓްރޯނިކް ތަކެތި ކަރަންޓުން ނައްޓާލުމާއި، އެތަކެތި ބޭނުން ކުރުމުން ދުރިހެލިވާން ޖެހޭ ކަމަށާއި، ފެން ބޮޑުވެފައިވާ ސަރަހައްދުތަކާއި، ތެމިފައިވާ ތަކެއްޗާއި، ދަގަނޑު ތަކެތިން ދުރުހިލިވާން ޖެހޭ ކަމަށް އެންޑީއެމްއޭއިން ބުނެ އެވެ. 

ހުޅަނގު މޫސުމުގެ ވިއްސާރައާއެކު އަބަދުވެސް މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކަށް ތަފާތު އެކިވަރުގެ ގެއްލުންތައް ލިބެ އެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށު ތެރޭގައި ފެންބޮޑުވުމާއި، ގޭބިސީތަކަށް ފެންވަދެ، މުދަލަށް ގެއްލުން ލިބުމާއި، ގަދަ ވަޔާއެކު ގަސްތައް ވެއްޓުމާއި، ފުރާޅު އެއްލުން ފަދަ ނުރައްކާތެރި ހާދިސާތައް ހިނގަ އެވެ. އަދި ކަނޑުމަތީގެ ވެސް ހާދިސާތައް ހިނގާ މިންވަރު އިތުރުވެ އެވެ.

އެެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުތަކަށް ދިނުމަށް ކަމާގުޅުންހުރި ހުރިހާ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.