‏ރަސްމާލޭގެ މަޝްރޫއަކީ ކުރަންޖެހޭ ކަމެއް ކަމަށާއި އެތަން ނުހިއްކާ ބޯހިޔާވަހިކަން ގާއިމް ކުރެވެން ނެތް ކަމަށް ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރު ހާޒިރުކޮށްފައިވާއިރު ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރަސްމާލެ ނުހިއްކާ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ނުލިބޭނެ ކަމަށެވެ. 

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް، ނުވަތަ ފްލެޓް އެޅުމަށް ވެސް ބިން ނެތްކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ ހުޅުމާލެ އިންނާ، ގިރާވަރުފަޅުން އަދި ގުޅީފަޅުން ރައްޔިތުންނަށް ގޯއްޗާއި، ބިން ދީފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. 

ސަރުކާރުން ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭ ކަމަށް ވާނަމަ އެހެން ތަނެއް ޕްލޭން ކޮށްގެން ޑިވެލޮޕް ކުރަން އެބަ ޖެހޭ. މިގޮތުން ރަސްމާލެ އަކީ ކުރަން ޖެހޭ ކަމެއް. އެތަން ނުހިއްކާ އަޅުގަނޑުމެންނަށް ބޯހިޔާވަހިކަން އެޅޭކަށް ނެތް. އެހެންވީމަ އެ އުސޫލުން ކުރަން ޖެހޭ ކަމެއް ސަރުކާރުން ކުރާނެ. އެއީ މިނިސްޓްރީ އޮފް ފައިނޭންސް އާ އެމްއޭސީއެލް އާ ހަވާލު ކޮށްގެން މިހާރު ކުރިއަށް ގެންދަނީ. އެމްއޭސީއެލް އާ އެހެން ދެތިން ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަނީ. ފައިނޭންޝަލް ޑީޓެއިލްތަކެއް އަޅުގަނޑަކަށް ނޭނގެ. އަޅުގަނޑުގެ އިންޓްރެސްޓް ހުރީ އެތަން ބިން ހިއްކާފަ ވީހާ ވެސް އަވަހަކަށް އެތަން އާބާދު ކުރަން. 
ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު 

މީގެ ކުރިން ވެސް މިނިސްޓަރު ވަނީ ރަސްމާލެ މަޝްރޫއު ނުހިންގާ މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ލިބޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދަނީ ކުރިއަށް އޮތް 20 އަހަރަށް ޕްލޭންކޮށްގެން ކަމަށެވެ. 

މިހާރު ހިއްކަމުންދާ ތަންތަނަކީ ގޯތި ބަހާފައިވާ ތަންތަން ކަމަށް ވުމާ އެކު ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކުރެވޭނީ އެ ނޫން ގޮތެއް ހޯދައި މުސްތަގުބަލާއި މެދު ކަންތައްތަކެއް ޕްލޭންކޮށްގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.