ދިވެހިރާއްޖޭގައި ކޮންމެ 5 އަހަރަކުން ރައްޔިތުންގެ ހައްގުތައް ހަނި ކުރުމަށް މަސައްކަތް ކުރާ މަންޒަރު ފެންނާތީ މި ގައުމުގެ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ރޭ މާފަންނު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ފައްޔާޒު ވިދާޅުވީ ބުރަ މަސައްކަތުން ރާއްޖެއަށް ފެހި ގާނޫނު އަސާސީ ގެނައީ ރައްޔިތުންނަށް ގިނަ ހައްގުތަކެއް ކަށަވަރު ކޮށްދިނުމަށްޓަކައި ކަމަށެވެ. ނަމަވެސް ކޮންމެ 5 އަހަރަކުން ރައްޔިތުން ހައްގުތައް ހަނިކޮށް، ނިގުޅައިގަތުމުގެ މަސައްކަތް ކުރާ މަންޒަރު ފެންނަ ކަމަށާއި، މި ތަޖުރިބާގެ އަލީގައި ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ފައްޔާޒު ވިދާޅުވީ 3 ބާރު ވަކިވެފައިވާ ނިޒާމެއް ގާއިމްކުރި މައިގަނޑު މަގުސަދަކީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް، އެއްބާރު އަނެއްބާރުގެ މައްޗަށް ފާރަވެރިވުމަށް ކަމަށެވެ. އެއްބާރަކުން ރައްޔިތެއްގެ ހައްގަށް އަރައިގަންނަ އުޅޭ ހާލަތެއްގައި އަނެއް ބާރުން އެކަން ހުއްޓުވައި ވަކާލާތު ކުރާނެ ކަމަށް އުންމީދު ކުރި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް ލިބޭ ހިސާބުން ހުރިހާ ނިޒާމެއް މަސްހުނިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ވެސް ރައްޔިތުންގެ ހައްގުގައި ބަހެއް ނުބުނާ ކަމަށެވެ. 

 އެހެން ނަމަވެސް ފެނިގެން މިދިޔައީ މަސްހުނިވެފައި އޮތް ތިން ބާރު. މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް ލިބޭ ކޮންމެ ފަހަރަކު އަޅުގަނޑުމެންނަށް އެބަ ފެނޭ މަޖިލީހުގެ އަސްލު ބޭނުން ފުރިހަމައަށް އަދާ ނުކުރެވޭތަން. މިސާލަކަށް ދަންނަވަންޏާ މިހާރު މިއޮތް މަޖިލިސް ޚާއްސަކޮށް އަޅުގަނޑުމެންނަށް ނުފެނޭ މިގައުމުގައި މިހައި ބޮޑެތި ކަންކަންވަމުންދާއިރުގައި ރައްޔިތުން ވަރަށް ނިކަމެތިވެގެން ދާއިރުގައި ރަށްރަށުގައި އެއްވެސް ކަމެއް ކުރިއަށް ނުދާއިރުގަ ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ މަޖިލީހުގައި އަޑެއް އުފުލާލި ތަނެއް އަޅުގަނޑަށް އަޑެއް ނީވޭ. އެހެންވީމަ ބާރުތައް ވަކިކޮށްގެން ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރަން މިކުރި މަސައްކަތުގެ އެންމެ ބޮޑު ވަސީލަތަކަށް މަޖިލިސް ވާނެ ކަމަށް އުންމީދު ކުރީ. އެކަމެއް ނުވި. ދެން ތިން ބާރު ވަކިވެފައި އޮންނައިރު، އަދުލު އިންސާފު ގާއިމް ކުރުމާއި، ގާނޫނު އަސާސީގެ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި އެކަން ޔަގީން ކުރުމަށް މިއޮންނަނީ ފަނޑިޔާރުގެ. އެކަމަކު ފަނޑިޔާރުގެ ފުރިހަމަ މިނިވަންކަން ގެއްލިގެން މިދަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބޭ ބައެއްގެ ދަށު ވެގެން މިދަނީ ފަނޑިޔާރުގެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް

ފައްޔާޒު ވިދާޅުވީ ޑިމޮކްރަސީގެ ގެނައުމަށް މަގު މައްޗަށް ނުކުމެ އެހައި ބުރަކޮށް މަސައްކަތް ކުރީ  ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ކަމަށެވެ. އަދި ވެރިކަމަށް އަންނަ ބަޔަކު ބޭނުންހާ ގޮތެއް ރައްޔިތުންގެ ހައްގުތަކަށް ހެދިޔަދީގެން ނުވާނެ ކަމަށާއި، ހައްގުތައް ކަށަވަރުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ރައްޔިތުންގެ ހައްގުތަކާ ގުޅޭ މާއްދާތައް މިހާރަށް ވުރެ ބޮޑަށް ތަފްސީލުކޮށް، އެއްވެސް އޮޅުމެއް ނާރާނެ ފަދަ ގޮތަކަށް ގާނޫނު އަސާސީގައި ލިޔަން ޖެހޭ ކަމަށާއި، ދައުލަތުގެ އެއް ބާރު އަނެއް ބާރުގެ މައްޗަށް އޮންނަ ފާރަވެރިވުމުގެ ނިޒާމު ވަރުގަދަކުރުމަކީ ހައްގުތައް އެންމެ ފުރިހަމައަށް ހިމާޔަތް ކުރެވޭނެ ގޮތް ކަމަށެވެ. އަދި މި ބަދަލުތައް ގެނެވޭނީ ރައީސްގެ ބާރުތަކާއި މަޖިލީހުގެ ބާރުތައް ކުޑަކޮށްގެން ކަމަށާއި، މީގެ ހައްލެއްގެ ގޮތުން މުޅި ދައުލަތުގެ ވެރިއަކާއި، ސަރުކާރުގެ ވެރިއަކީ ދެ މުއައްސަސާއެއްގެ ގޮތުގައި ކަނޑައެޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.