ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހއ. އިހަވަންދޫގައި އެއްވެސް ކަމެއް ނުކުރާ ކަމަށާއި، ކުރި ހުރިހާ ކަމެއް ވެސް ހުރީ ހުއްޓިފައި ކަމަށް މި ވެރިކަން ގެންނަ މަސައްކަތް ކުރި އިހަވަންދޫ މޫސާ މަނިކު ބުނެފި އެވެ. 

ރާއްޖެޓީވީއާއި ވާހަކަ ދައްކަމުން މޫސާ މަނިކު ބުނީ ބޭސް ލިބުމުގައި ވަރަށް ބޮޑު ދަތިކަމެއް ދިމާވާ ކަމަށެވެ. އަދި އިހަވަންދޫގައި މި ސަރުކާރުން އެއްވެސް ކަމެއް ނުކުރާ ކަމަށާއި، 14 ވައުދެއް ސަރުކާރުން ވެފައިވާ ކަމަށެވެ. އޭނާ ބުނީ ކުރީ ސަރުކާރުން ފަށާފައި ހުރި ހުރިހާ ކަމެއް ވެސް ހުއްޓިފައިވާ ކަމަށެވެ. ޕީއެންސީއަށް ގަދަކޮށް މަސައްކަތް ކޮށްދިން ކަން ފާހަގަކޮށް އޭނާ ބުނީ ރައީސް މުއިއްޒުގެ ވެރިކަން ގެންނަން ވެސް އަދި މެންބަރު ހޮވަން ވެސް ޑީއާރުޕީ އިރުން ފެށިގެން ވެސް މިހާތަނަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. 

ދޫންޏަށޭ ކިޔާފައި މިތާގައި އަމިއްލަ ބަޔަކު އައިސް އަމިއްލަ ބަޔަކަށް އުޅުނު ބަޔަކަށް ސަރުކާރުން ހުރިހާ ރުފިޔާއެއް ހަރަދުކޮށްފައި އަހަރުމެން ނިކަމެތި ކޮށްލީ.  ހަމަ ނިކަމެތިކޮށްލީ. މިތާނގައި ހުރި ހޮވާފައި ހުރި މެންބަރެއް. އޭނާ އެއީ ހަމަ ނެތް މީހެއް. 
މޫސާ މަނިކު

އޭނާ ބުނީ ކައުންސިލް އިންތިހާބާ ދިމާކޮށް ވަޒީފާ ބޭނުން ވަރަކަށް އޮތް ކަމަށެވެ. ބުނި ކޮންމެ މީހަކަށް ދިޔައީ ވަޒީފާ ދެމުން ކަމަށާއި، ބޭނުން ވަރަކަށް ދިޔައީ ވަޒީފާ ބަހަމުން ކަމަށެވެ. އަދި އާސަންދަ ވެސް ބޭނުން ވަރަކަށް ލިބުނު ކަމަށާއި، ވަޒީފާ ބަހަމުން ދިޔަ ތިން ހަތަރު މީހަކު އުޅުނު ކަމަށެވެ. 

މުހަންމާ ފަހަތުގައި އުޅުނު ތިން ހަތަރު މީހަކު ވަޒީފާ ބަހަން. ގޭގެއަށް ވަދެފައި އަހަނީ ވަޒީފާ ބޭނުންހޭ. އައިޑީކާޑު ދީފައި ވަޒީފާ ބަހަނީ، ޗިޓް ލިބޭ އެކަމަކު ވަޒީފާއަށް ނުނެރޭ. މި ރަށުގައި ވެސް އެބައުޅޭ ވިއްސަކަށް މީހުން ޗިޓް ދިން. ވާގޮތެއް ނޭނގޭ. ޗިޓް ދީފައި ނުނުކުމެވޭކަން އިނގެނީ. އަޅުގަނޑު ޖާނާ މާލުން ގުރުބާންވިން މި ވެރިކަން ގެންނަން ވެގެން. ޕާޓީގެ އިސް މީހުން އަޅުގަނޑު ގެއަށް އައިސް ކައިބޮއި ހަދަނީ. 
މޫސާ މަނިކު

މޫސާ މަނިކު ބުނީ ކަންކަން ދަނީ ވަރަށް ގޯސްކޮށް ކަމަށެވެ. ދޫންޏަށް ތާއިދުކުރަމޭ ބުނެ ސަރުކާރުން މަސައްކަތް ކުރީ އެހެން ބަޔަކު ކައުންސިލަށް ހޮވަން ކަމަށެވެ.