އޭޕްރީލް 4 ވަނަ ދުވަހު ބޭއްވި 3 އިންތިޚާބާ ދިމާކޮށް ސަރުކާރުން ހޯރަފުށީގައި ދެއްކި "ތަރައްޤީގެ ކުލަވަރުތައް" ފުހެވި، ރަށަށް މި ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް އެ ރަުގެ ރައްޔިތުން ބުނެފި އެވެ. 

ރާއްޖެޓީވީ ގެ ހާލު ކިހިނެއް ޕްރޮގްރާމް ގައި ވާހަކަދެއްކި ހުރިހާ ރައްޔިތުން ހެން ވަނީ ގިނަ ކަންބޮޑުވުންތަކެއް ހިއްސާ ކޮށްފައެވެ. ބައެއް ރައްޔިތުން ބުނާ ގޮތުގައި އިންތިޚާބާ ދިމާކޮށް ފެށި އަދި ފަށާނެ ކަމުގެ ޔަގީންކަން ދިން ބޮޑެތި މަޝްރޫއުތައް މިއަދު ހުއްޓި، ރަށް އޮތީ "ވަޅުޖެހިފަ" އެވެ. 

ހޯރަފުށީގެ ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަނީ ރަށުގެ ސިއްޙީ ނިޒާމު ބޮއްސުންލައިގެން ގޮސްފައިވާތީ އެވެ. ބައެއް ރައްޔިތުން ބުނި ގޮތުގައި، ކައުންސިލް އިންތިޚާބާ ދިމާކޮށް މި ފަހުން ރަށުގެ ސިއްޙީ މަރުކަޒު ބޭނުންކުރީ ސަރުކާރު ހިންގާ ޕީއެންސީގެ ސިޔާސީ ޖަގަހައެއްގެ ގޮތުގަ އެވެ.

ބައިޕާސް ހައްދައިގެން ފިރިމީހާ އެއުޅެނީ ބޭސްކޮޅު ނުލިބިގެން. ބޭސް ގަންނަން ދިޔައީމާ ބުނަނީ މިތާކު ނެތޭ ތިޔަ ބޭހެއް،
ކަންބޮޑުވުން ފާޅު ކުރި ހޯރަފުށީ ރައްޔިތެއް 

އަސާސީ ބޭސްކޮޅު ނުލިބި، ސިއްޙީ ޚިދުމަތުގެ ފެންވަރު ދަށްވަމުންދާއިރު، ސަރުކާރުން އެކަމަށް އެދެވޭ ސަމާލުކަމެއް ނުދޭ ކަމަށް ރަށުން ވާހަކަދެއްކި މީހުން ވަނީ ބުނެފަ އެވެ. 

ސަރުކާރުން އުތުރުގައި ފެށި ބަންކަރިންގ ޚިދުމަތާ ގުޅިގެންވެސް ބައެއް ރައްޔިތުން ހިތްހަމަނުޖެހި ކަންބޮޑުވުން ފާޅު ކޮށްފައިވެ އެވެ. 

ހޯރަފުށިން ވާހަކަދެއްކި ރައްޔިތުން ބުނާ ގޮތުގައި ބަންކަރިންގެ ނަމުގައި ކުރި ކަމަކީ މުޅި ރަށުގެ ހޭޅިފަށް ކޮށާލައި، ތިމާވެށީގެ ނާޒުކު ސަރަހައްދުތައް ހަލާކުކޮށްލުމެވެ. މިއީ ތަރައްޤީގެ ނަމުގައި ރަށުގެ ގުދުރަތީ ރީތިކަމަށް ދިން ބޮޑު ގެއްލުމެއްގެ ގޮތުގައި ރައްޔިތުން ސިފަކުރެ އެވެ.

ސަރުކާރުގެ ވަޢުދުތަކަށް އިތުބާރު ކެނޑިފައިވާ މިންވަރު ހާމަކުރަމުން ބައެއް މީހުން ބުނީ، ރައީސް މުޢިއްޒަކީ މިހާރުން މިހާރަށް ވެސް ވެރިކަމުން “ބާލަން” ޖެހޭ ބޭފުޅެއް ކަމަށެވެ. އަދި ރަށުގެ ހާލަތު ރަނގަޅު ކުރެވޭނީ ރައްޔިތުން މަގުމައްޗަށް ނުކުމެ، އިހުތިޖާޖުކޮށްގެން ކަމަށްވެސް ބައެއް ރައްޔިތުން ފާހަގަ ކޮށްފައި ވެ އެވެ.

ހޯރަފުށީގައި ހިނގަމުންދިޔަ ހުރިހާ މަސައްކަތްތަކެއް "ހުއްޓުމަކަށް" އައިސްފައިވާ ކަމުގެ ޝަކުވާ ބޮޑުވެފައިވާއިރު، ހޯރަފުށީގެ އާންމު ރައްޔިތުންގެ އަޑުތަކުން އެނގެނީ ސަރުކާރަށް އޮތް ތާއީދު ކުޑަވެ، ނުރުހުން އިންތިހާއަށް ގޮސްފައިވާ ކަމެވެ.