ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސްރީލަންކާގައި ދިރިއުޅޭ ދިވެހީންނާ ބައްދަލު ކުރެއްވުމަށް ބާއްވަވާ ރިސެޕްޝަންގެ ދައުވަތު ހައި ކޮމިޝަނަރ މަސްއޫދު އިމާދުގެ ނަމުގައި ފޮނުވާފައިވާތީ ފާޑު ކިޔުން އަމާޒުވެއްޖެ އެވެ. 

ރާއްޖެއެމްވީއަށް ލަންކާގައި ދިރިއުޅޭ ދިވެއްސަކު ބުނީ، ރައީސް މުއިއްޒު ލަންކާއަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް، އެގައުމުގައި ދިރިއުޅޭ ގިނަ ދިވެހީންނަށް ހައިކޮމިޝަނަރ މަސްއޫދު ބާއްވަވާ ރިސެޕްޝަންގައި ބައިވެރިވުމަށް އެދި ދައުވަތު ފޮނުވާފައިވާ ކަމަށެވެ. 

ނަމަވެސް އެއީ ރައީސް މުއިއްޒު ލަންކާގައި ދިރިއުޅޭ ދިވެހީންނާއި ބައްދަލު ކުރުމަށް ކުރިއަށް ގެންދާ ޚާއްސަ އިވެންޓެއް ކަމަށާއި، ހައިކޮމިޝަނަރ މަސްއޫދުގެ ނަމުގައި ދައުވަތު ފޮނުވާފައިވަނީ އެ އިވެންޓުގައި ގިނަ ދިވެހީން ބައިވެރިނުވެދާނެތީ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިގޮތަށް ދައުވަތު ފޮނުވާފައި ވަނީ އޮޅުވާލަން ކަމަށާއި، ގިނަ ބައެއްގެ ފާޑު ކިޔުން ވެސް އަމާޒުވެފައިވާ ކަމަށް އޭނާ ބުންޏެވެ. 

މީގެ އިތުރުން އޭނާ ބުނީ، މިސަރުކާރުން ވެރިކަމާއި ޙަވާލުވި ފަހުން ލަންކާގައި ދިރި އުޅޭ ދިވެހީންނަށް ވިސާ ލިބުމުގައި އާއި ޑޮލަރު ލިބުމުގައި ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށާއި، އެކަމާ ގިނަ މީހުން ހިތްހަމަ ނުޖެހޭ ކަމަށެވެ. އަދި ލަންކާގައި ދިރިއުޅޭ ދިވެހީންގެ ގިނަ ކަންބޮޑުވުންތައް ހުރި ނަމަވެސް މި މައްސަލަތަކަށް ހައްލު ހޯދައިދީ، ދިވެހީންގެ ހާލަތު ބެލުމަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ވެސް މަސައްކަތް ކޮށްފައިނުވާ ކަމަށް އޭނާ ބުންޏެވެ. 

އެހެންކަމުން ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާ އެއްވެސް އިވެންޓެއްގައި ބައިވެރި ނުވާނެ ކަމަށް ލަންކާގައި ދިރިއުޅޭ ބައެއް ދިވެހީން ބުނެފައިވެ އެވެ. 

މި ރެސެޕްޝަން އޮތީ ހިލްޓަން ކޮލަންބޯގެ ދަ ގްރޭންޑް ބޯލްރޫމް ގައި 5 މެއި 2026 ވާ އަންގާރަ ދުވަހުގެ ހަވީރު 5:00 ގަ އެވެ. 

ލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސާނާޔަކަގެ ދައުވަތަކަށް، ރައީސް މުއިއްޒު މިމަހުގެ 3ން 6ށް ލަންކާއަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅުގައި ލަންކާގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް ނުވަތަ ދޭދޭ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ.