ނޫސްވެރިކަމުގެ މިނިވަންކަމުގެ ހިމާޔަތުގައި ދޫ ނުދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ދަނީ ސޮހެމުން ކަމަށެވެ.

ނަޝީދު ވިދާޅުވީ މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރުމާއި، މީޑިއާ ކޮންޓްރޯލް ކޮމިޝަން މެދުވެރިކޮށް ބިރު ދެއްކުން އާއްމު ކަމަކަށް ހަދާފައިވާ ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަން ކަމުގެ ހިމާޔަތުގައި ދޫ ދިނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. 

ނަޝީދު މިހެން ގޮވާލެއްވިއިރު، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ސޮއްސާލައި، 108 ވަނައަށް ވަނީ ވެއްޓިފަ އެވެ.

މިއީ މިދިޔަ 2025 ވަނަ އަހަރު ރާއްޖެ އޮތް 104 ވަނަ ދަރަޖައާ އަޅާބަލާއިރު ދަށްވުމެކެވެ.

އިންޑެކްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ޖުމްލަ ސްކޯ ވަނީ 52.46 އިން 49.23 އަށް ދަށްވެފަ އެވެ. މި ބަދަލާއެކު ނޫސްވެރިކަމުގެ މިނިވަންކަން ވަޒަންކުރާ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ރާއްޖޭގެ ރޭންކިންއަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފަ އެވެ.

ވަކިވަކި ދާއިރާތަކަށް ބަލާއިރު، ސިޔާސީ ދާއިރާގެ އިންޑިކޭޓަރު 123 އިން 129 އަށް ވަނީ ދަށްވެފަ އެވެ. ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރް.އެސް.އެފް) އިން އެކުލަވާލާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ހިމެނޭ ސިޔާސީ މިންގަނޑަކީ، މީޑިއާގެ ކޮންޓެންޓް ނުވަތަ ޚަބަރާއި މައުލޫމާތު ފެތުރުމުގައި ސަރުކާރުތަކުގެ ނުފޫޒާއި، ފިއްތުންތަކާއި، ކޮންޓްރޯލް އޮތް މިންވަރު ބަލާ މިންގަނޑެކެވެ.

މި މިންގަނޑުން މީޑިއާތަކުގެ އެޑިޓޯރިއަލް މިނިވަންކަމާއި، ދައުލަތުގެ ޕްރޮޕެގެންޑާ ފެތުރުމަށް ބާރުއަޅާ މިންވަރާއި، ސިޔާސީ ފަރާތްތަކުން ނޫސްވެރިންނަށް ކުރިމަތިކުރާ ހުރަސްތައް ވަޒަންކުރެ އެވެ. އަދި ދުނިޔޭގެ ފެންވަރުގައި ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ބޮޑަށް ދަށަށްދާކަން ފާހަގަކުރެވެނީ ވެސް ގައުމުތަކުގެ ސިޔާސީ މަޝްރަހަށް އަންނަ މިފަދަ ބަދަލުތަކާ ގުޅިގެންނެވެ.