މިއަހަރުގެ އަޟްހާ އީދު ގައުމީ ފެންވަރުގައި ރާއްޖޭގެ ތިން ރަށެއްގައި ކުލަ ގަދަކޮށް ފާހަގަކުރާނެ ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް މިނިސްޓަރު ހީނާ ވިދާޅުވީ، އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ރާއްޖޭގެ ތިން ރަށެއްގައި ކުލަ ގަދަކޮށް އީދު ފާހަގަކުރާނެ ކަމަށާއި، ހުރިހާ ކައުންސިލްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން މިނިސްޓްރީއަށް ލިބޭ ޕްރޮޕޯސަލްތައް ބެލުމަށް ފަހު އީދު ފާހަގަކުރާ ތިން ރަށް ކަނޑައަޅާނެ ކަމަށް މިނިސްޓަރު ހީނާ ވިދާޅުވި އެވެ.

މިއަހަރުގެ އަޟްހާ އީދު ގައުމީ ފެންވަރުގައި އެހެން އަހަރުތަކެކޭ ވެސް އެފަދައިން ތިން ރަށެއްގައި ފާހަގަކުރުމަށްޓަކައި އަޅުގަނޑުމެން ވާނީ ނިންމާފައި. އަދި މިހާރު މިވަނީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް އެކަމާ ގުޅޭގޮތުން ޕްރޮޕޯސަލް ހުށަހެޅުމަށް އަޅުގަނޑުމެން ލިޔުން ފޮނުވާފައި. އަޅުގަނޑު ހަނދާންވާ ގޮތުން މިއަދު މިއީ އެންމެ ފަހު ދުވަސް ކަމަށް ލަފާ ކުރެވެނީ އިނގޭތޯ. އެހެންވީމަ އެ ޕްރޮޕޯސަލްތައް އަޅުގަނޑުމެން އިވެލުއޭޓްކޮށް އޭގައި ހުރި ޕްރޮޕޯސަލްތަކާއި، ކަންތައްތައް ބެއްލެވުމަށްފަހުގައި އަޅުގަނޑުމެންގެ ޓީމުން ނިންމާނެ އެ ހޮވޭ ފަރާތްތަކަށް އެ ތިން ރަށުގައި އަޟްހާ އީދުގެ ކަންކަން ފާހަގަކުރާ ގޮތަށް މިވަނީ ކަނޑައެޅިފައި. 
މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު

މީގެ އިތުރުން މިނިސްޓަރު ހީނާ ވިދާޅުވީ، އީދު ފާހަގަކުރުމުގެ ހުރިހާ ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނީ ވަކި މިންގަނޑެއްގެ ތެރެއިން ކަމަށާއި، އުސޫލުގެ ދަށުން ކަމަށެވެ. އަދި އެގޮތަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަޟްހާ އީދުގެ ހުރިހާ ކަމެއް ކުރިއަށް ގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް މިނިސްޓަރު ހީނާ ވިދާޅުވި އެވެ. 

މިއަހަރުގެ އަޟްހާ އީދު ގައުމީ ފެންވަރުގައި ރާއްޖޭގެ ތިން ރަށެއްގައި ކުލަ ގަދަކޮށް ފާހަގަކުރަން ސަރުކާރު ނިންމާފައިވާއިރު، އެމެރިކާ އާއި، އިޒްރޭލުން ގުޅިގެން އީރާނަށް ދިން ހަމަލާތަކާއެކު، އުފެދިފައިވާ ހަނގުރާމައާ ގުޅިގެން އިގްތިސާދަށް ދަނީ ވަރަށް ބޮޑަށް ނެދެވޭ އަސަރު ކުރަމުންނެވެ. ތެލާއި، ގޭސް ލިބުން ދަތިވެ، ތަކެތީގެ އަގުތައް ދަނީ އުފުލެމުންނެވެ. އަދި މެދުއިރުމަތީގެ މިހަނގުރާމައާ ގުޅިގެން އެކުލަވާލާފައިވާ ކްރައިސިސް ކޮމިޓީން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ހަރަދު ކުޑަ ކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ބޭރު ދުނިޔޭގެ އެހެން ގައުމުތަކުން ހަރަދު ކުޑަ ކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް ތަންފީޒު ކުރަމުން ދިޔަ ނަމަވެސް ރާއްޖޭގައި ހަރަދު ކުޑަ ކުރުމުގެ ގޮތުން ސަރުކާރުން ހަރުދަނާ އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.