ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ކުރަމުންދާ ކަމަކީ މީޑިއާތަކަށް ހުރަސްއެޅުމަށްޓަކައި ގާނޫނުތައް ހެދުމާއި، ނޫސްވެރިންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުން ކަމަށް އެމްޑީޕީ ގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. 

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެއް ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަ ކުރަމުންދާ އިރު، ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ދިވެހިރާއްޖެ 108 ވަނައަށް ވެއްޓިފައިވާއިރު މިއީ ދެފުށް ފެންނަ ސިޔާސަތުތަކުގެ ބަދަލުގައި، ޒިންމާދާރުކަމެއް ނެތި ނޫސްވެރިންނަށް ބިރު ދެއްކުމަށް މި ސަރުކާރުން ކުރަމުންދާ ކަންކަމުގެ ނަތީޖާ ކަމަށެވެ. 

ޝާހިދު ވިދާޅުވީ މީޑިއާތަކަށް ހުރަސްއެޅުމަށް ހަރުކަށި ގާނޫނުތައް ހެދުމުން ފެށިގެން ގޮސް، ނޫސް އިދާރާތަކަށް ފުލުހުން ވަދެ ހިންގާ އަމަލުތަކަށް ބަލާއިރު ފެންނަނީ މި ސަރުކާރުން ނޫސްވެރިންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ކުރަމުންދާ މަސައްކަތް ކަމަށެވެ. 

ޝާހިދު ވިދާޅުވީ އެމްޑީޕީ އިން ތިބީ މީޑިއާތަކާއި ނޫސްވެރިންނާ އެކު ސާބިތުކަމާއެކުގައި ކަމަށެވެ. އަދި ނޫސްވެރިންނަށް ބިރުދެއްކުމާއި، ގޯނާކުރުމާއި، ނޫސްވެރިކަމުގެ މަސައްކަތަކީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ކުރާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް ވެސް ޝާހިދު ވަނީ ގޮވާލާފަ އެވެ. 

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ދިވެހިރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ސޮއްސާލައި، 108 ވަނައަށް ވެއްޓިފައިވާއިރު މިއީ މިދިޔަ 2025 ވަނަ އަހަރު ރާއްޖެ އޮތް 104 ވަނަ ދަރަޖައާ އަޅާބަލާއިރު ދަށްވުމެކެވެ.