ބަންދު މީހުން ތިބޭ މަރުކަޒަކަށް އެތެރެކުރުން މަނާތަކެތި މާފުށީ ޖަލަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

އާދިއްތަ ދުވަހު ފުލުހުން ބުނީ، މި މަހުގެ 2 ވަނަ ދުވަހު މާފުށީ ޖަލު ގޭޓު ކައިރިން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރި / މާސް، 28 އަހަރުގެ މުޙައްމަދު ޝަހީރު ކަމަށެވެ. 

އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު 17 ސްމާޓް ފޯނާއި، 35 ޗާޖިންގ ކޭބަލާއި، 29 ޖޮއިންޓާއި، އެޑަޕްޓަރަކާއި، ހަތަރު ކައްޓާއާއި، ޕެން ޑްރައިވްގެ އިތުރުން އެހެނިހެން ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

މި މައްސަލައާ ގުޅިގެން ޝަހީރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ދޭތެރެދޭތެރެއިން މާފުށީ ޖަލަށް މަނާތަކެތި އެތެރެ ކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހުން ހައްޔަރުކޮށް، ޖަލުގެ ގޮޅިތަކުން ވެސް ގިނަ އަދަދެއްގެ އާލަތްތައް އަތުލައިގަނެ އެވެ. އަދި ޖަލަށް މިފަދަ ތަކެތި ވައްދަނީ ވެސް ޖަލުގައި ހަރަކާތްތެރިވާ ޖަލު އޮފިސަރުންގެ އެހީތެރިކަމާއެކު ކަމަށް ވެސް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.