"ދޫދޫ މަތިން ހަނދާން އެއް ކުރުމުގެ ޤައުމީ މަޝްރޫއު" ގެ
ނަމުގައި ސަރުކާރުން މުހިއްމު ޤައުމީ މަޝްރޫއެއް ފަށާފައިވާކަމަށް މިނިސްޓަރ އޮފް
އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އާދިއްތަ
ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވަނީ މިނިސްޓްރީގެ ދަށުން ހިންގަމުން
ގެންދާ ދިވެހި ތަރިކަ ދިރާސާ ކުރާ ޤައުމީ މަރުކަޒުން ކުރަމުންދާ ބައެއް މުހިއްމު
މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން މި މަރުކަޒުގެ މައިގަނޑު
މެންޑޭޓެއްގެ ގޮތުގައި އޮތީ ދިވެހިންގެ ހަނދާންތައް އެއް ކުރުމާއި،
ދިވެހިވަންތަކަމުގެ ސިފަތަކާއި ސަޤާފަތް އާލާ ކުރުމެވެ.

ހީނާ
ވިދާޅުވި ގޮތުގައި މި މަރުކަޒުގެ ފަރާތުން ކުރަމުންގެންދާ އެންމެ މުހިއްމު އެއް
މަސައްކަތަކީ "ދޫދޫ މަތިން ހަނދާން އެއްކުރުމުގެ ޤައުމީ މަޝްރޫއު" (
ނެޝަނަލް ޕްރޮޖެކްޓް ފޯރ އޯރަލް ހިސްޓަރީ ކަލެކްޝަން) އެވެ. އެގޮތުން މި
މަޝްރޫއުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ތާރީޚާއި، ސަޤާފަތާ އަންނަން އޮތް ޖީލުތަކަށް
ފޯރުކޮށްދިނުންކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ދޫދޫ މަތިން ހަނދާން އެއްކުރުމުގެ ޤައުމީ މަޝްރޫއުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ތާރީޚާއި، ސަޤާފަތާ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން، މިސާލަކަށް، ލިޔެފައިވާ ތާރީޚުގެ އިތުރުން ދޫދޫމަތިން ބައެއް ފަރާތްތަކުން ކިޔާދޭ ވާހަކަތައް، އެބޭފުޅުންގެ ހަނދާންތައް އެއްކުރުމުގެ ސަޤާފަތެއް ދިވެހިންގެ ތެރޭގައި އަށަގެންނެވުން
 މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު

ހީނާ
ވިދާޅުވީ، މިއީ ރާއްޖޭގެ ކައުންސިލުތަކާއި، ޖަމިއްޔާތަކާއި، އަމިއްލަ ފަރުދުން
ކޮށްފައިވާ ތަޖުރިބާތަކާއި، ހަނދާންތައް ރެކޯޑު ކުރުމަށް ހިންގޭ މަޝްރޫއެއް
ކަމަށެވެ.

މި
މަޝްރޫއުގެ ތެރެއިން ރާއްޖޭގެ އެކި ދުވަސްވަރުގެ މުހިއްމު ޙާދިސާތަކާއި،
ދިރިއުޅުމުގެ އާދަކާދަތަކާއި، މީހުންގެ ތަޖުރިބާތައް ދިރުވާ އާލާކުރުމަށް ރާއްޖޭގެ
ކޮންމެ ރަށެއްގައި އެ މަސައްކަތަށް ޚާއްސަ މީހުން މިހާރު ތަމްރީނު
ކުރެވެމުންދާކަމަށްވެސް ހީނާ ވިދާޅުވިއެވެ. އެގޮތުން ކޮންމެ ރަށަކުން 10 މީހުން
ތަމްރީނު ކުރެވޭނެކަން ހީނާ ފާހަގަ ކުރެއްވިއެވެ. ހީނާ ވިދާޅުވި ގޮތުގައި އެމީހުންގެ
މައިގަނޑު މަސައްކަތަކަށް ވާނީ ދޫދޫ މަތިން ހަނދާން އެއްކުރުމެވެ.

މީގެ
އިތުރުން، ތަރިކަވެރިން އުފެއްދުމުގެ ޤައުމީ މަޝްރޫއެއްވެސް މިހާރު ކުރިއަށްދާކަމަށް
ހީނާ ވިދާޅުވިއެވެ. އެގޮތުން މި މަސައްކަތަކީ ތަރިކައިގެ ތާރީޚު އުނގެނި ލިޔެ، އެ
ރަށެއްގެ ތާރީޚީ މައުލޫމާތު ރައްކާތެރިކޮށްދޭނެ މީހުން ތަމްރީނު ކުރުމަށް ހިންގޭ
މަސައްކަތެއްކަން ހީނާ ފާހަގަ ކުރެއްވިއެވެ. ހީނާ ވިދާޅުވި ގޮތުގައި މި
މަސައްކަތަށްވެސް ކޮންމެ ރަށަކުން 10 މީހުން ތަމްރީނު ކުރެވޭނެއެވެ. އަދި އެމީހުން
ވާނީ އެރަށެއްގެ ތަރިކައިގެ ބަލަދުވެރިންނަށްކަމަށް ހީނާ ވިދާޅުވިއެވެ.