ބިރުދެއްކުމުގެ
ކުރިމަތީގައި ނޫސްވެރިކަން ބަލިވިޔަދީގެން ނުވާނެކަމަށް ކުރީގެ ރައީސް އިބްރާހިމް
މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި
ރައީސް ސާލިޙު ވިދާޅުވީ، ނަޒާހަތްތެރިކަމާއި ސާބިތުކަމާއެކު ޚަބަރު ފަތުރަމުންދާ ދިވެހި
ނޫސްވެރިންނަށް އެމަނިކުފާނު "ސެލިއުޓު" ކުރައްވާ ކަމަށެވެ.
ރައީސް
ސާލިޙު ވިދާޅުވީ، މިނިވަން ނޫސްވެރިކަމަކީ އަޅުގަނޑުމެންގެ މި ޅަފަތުގެ ޑިމޮކްރަސީއަށް
ކޮންމެހެން ބޭނުންތެރި މުހިންމު ބަހާއެއް ކަމަށެވެ.
މީގެ އިތުރުން،
އެމަނިކުފާނުގެ ސަރުކާރުގައި، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި
ދިވެހިރާއްޖެ ވަނީ 120 ވަނައިން 72 ވަނައަށް ކުރިއަށް ޖެހިލާފައިވާކަންވެސް ރައީސް
ސާލިޙު ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ، މިއީ އިޚްލާސްތެރިކަމާއެކު މަސައްކަތް
ކުރުމުން ނަތީޖާ ފެންނާނެ ކަމުގެ ހެއްކެއް ކަމަށެވެ.
ހަމައެއާއެކު،
ނޫސް އިދާރާތަކަށް ފުލުހުން ވަދެ ފާސްކުރުމާއި، އެޑިޓަރުން ރާއްޖެއިން ބޭރަށް ދަތުރުކުރުން
މަނާކުރުމުގެ އިތުރުން، ހަގީގަތް ފޮރުވުމަށްޓަކައި ހަރުކަށި ގާނޫނުތަކުގެ ބޭނުން ނަހަމަ
ގޮތުގައި ހިފަމުންދާ މި ދަނޑިވަޅުގައި، ނޫސްވެރިން ކެރުމާއި ސާބިތުކަމާއެކު ދެމިތިބެންޖެހޭކަމަށްވެސް
ރައީސް ސާލިޙު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ބިރުދެއްކުމުގެ ކުރިމަތީގައި ނޫސްވެރިކަން
ބަލިވިޔަދީގެން ނުވާނެ ކަމަށެވެ.