ނޫސްވެރިކަމުގެ
އަޚްލާޤީ މިންގަނޑުތަކުގެ ތެރެއިން ޒިންމާދާރުކަމާއެކު މި މިނިވަންކަމުގެ ބޭނުން ހިފުމަށް
ހުރިހާ ނޫސްވެރިންނަށް ސަރުކާރުން އިލްތިމާސް ކުރާކަމަށް ރައީސް ޑރ މުޙައްމަދު
މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، ނޫސްވެރިކަމުގެ މިނިވަންކަން
ދަމަހައްޓައި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ރައްކާތެރިކުރުމަށް މަސައްކަތްކުރާ
ފަރުދުންނާއި ޖަމުޢިއްޔާތަކުގެ އަގުވަޒަންކުރުމުގެ މުހިންމުކަން ސަރުކާރުން ބަލައިގަންނަ
ކަމަށެވެ.
މީގެ
އިތުރުން، ޑިމޮކްރެޓިކް ނިޒާމެއް ހިންގުމުގައާއި، ދެމެހެއްޓެނިވި ތަރައްޤީއަށާއި، ޤައުމީ
ފެންވަރުގައާއި ބައިނަލްއަޤުވާމީ ފެންވަރުގައި ސުލްޙަ މަސަލަސްކަން ޤާއިމުކުރުމުގައި
މިނިވަން ނޫސްވެރިކަން އަދާކުރާ މުހިންމު ދައުރަށް އެއްބާރުލުން ދިނުމުގައި ސަރުކާރުން
އަބަދުވެސް ދެމިއޮންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
ނޫސްވެރިކަމުގެ
ދާއިރާއަށް އިންވެސްޓްކުރުމާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ފުރުޞަތުތައް ފުޅާކުރުމުގެ
އިތުރުން، އާންމުންގެ މެދުގައި ހުޅުވާލެވިފައިވާ މަޝްވަރާތަކަށް މަގުފަހިކޮށްދީ، ނޫސްވެރިކަމަށް
ފަހި މާޙައުލެއް ޤާއިމުކުރުމަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރަމުންދާކަމަށްވެސް
ރައީސް ވިދާޅުވިއެވެ.
އަދި
ވިދާޅުވީ، އެގޮތުން ކުރެވޭ ގުޅިފައިވާ މަސައްކަތްތަކަކީ ދައުލަތުގެ ދެފުށް ފެންނަ މިންވަރު
އިތުރުކޮށް، ޒިންމާދާރުކުރުވުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށްވާއިރު، މިއީ ރައްޔިތުންގެ
އިތުބާރު ހޯދުމަށާއި ދައުލަތުގެ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް
ކޮންމެހެން ބޭނުންތެރި ކަންކަން ކަމަށެވެ.
ރައީސް
މުއިއްޒު އިތުރަށް ވިދާޅުވީ، ނޫސްވެރިންގެ ކިބައިގައި ހުރި ފަންނީ ހުނަރާއި، ހިތްވަރާއި،
އަދި ނަޒާހަތްތެރިކަމާއެކު އާންމު މަސްލަހަތަށް ޚިދުމަތްކުރުމުގައި ދައްކުވައިދޭ ސާބިތުކަމަށްޓަކައި
އެ ފަރާތްތަކަށް ސަރުކާރުން ތައުރީފުކުރާ ކަމަށެވެ.
ހަމައެއާއެކު،
ރައްޔިތުންނަށް ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި، ތެދުވެރިކަމާއި، ވަކި ފަރާތަކަށް
ނުޖެހި، އަދި ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑުތަކުގެ ތެރެއިން ޒިންމާދާރުކަމާއެކު
މި މިނިވަންކަމުގެ ބޭނުން ހިފުމަށް ހުރިހާ ނޫސްވެރިންނަށް ސަރުކާރުން އިލްތިމާސްކުރާކަމަށްވެސް
ރައީސް ވިދާޅުވިއެވެ.
ނޫސްވެރިކަމުގެ
މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވަވާފައިވާއިރު، ނޫސްވެރިންނާއި
އާންމު ރައްޔިތުންނަށް މައުލޫމާތު ހޯދުމަށް އޮތް އެންމެ މުހިންމު ވަސީލަތް
ކަމުގައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު (އާރް.ޓީ.އައި) ގެ ދަށުން
ހުށަހަޅާ ހުށަހެޅުންތަކަށް ޖަވާބު ނުލިބުމާއި، އާދަޔާ ޚިލާފަށް ލަސްވުން ވަނީ އާންމުވެފަ
އެވެ. ސަރުކާރުގެ ރަސްމީ ދާއިރާތަކުން ކުރާ ސުވާލުތަކަށްވެސް ގިނަ ފަހަރަށް ޖަވާބެއް ނުލިބެ އެވެ.