ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، އުރަމަތީގެ ކެންސަރު ސަރޖަރީގެ ފުރަތަމަ ދިވެހި ސްޕެޝަލިސްޓަކަށް ޑރ. އަލްޠާފް އަދުނާން އިސްމާއީލް ވެވަޑައިގެންފިއެވެ.

މިއީ ރާއްޖޭގައި މިފަދަ ޚާއްޞަ ފަރުވާތަކަށް އޮތް ދަތިކަމަށް ހައްލެއް ލިބިގެންދާނެ، ގައުމީ ފެންވަރުގެ މުހިންމު ކާމިޔާބީއެކެވެ.

ހުޅުމާލެ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި، ޑރ. އަލްޠާފް އަކީ އުރަމަތީގެ ކެންސަރު ސަރޖަރީގެ ރޮނގުން މަތީ ތަމްރީނު ފުރިހަމަކުރެއްވި ފުރަތަމަ ދިވެހި ޑޮކްޓަރެވެ. އެ ހޮސްޕިޓަލުން ވަނީ ޑރ. އަލްޠާފްގެ މި ކާމިޔާބީ ފާހަގަކޮށް، މިއީ ރާއްޖޭގެ ސިއްހީ ނިޒާމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މެޑިކަލް ސްކޫލް ނިންމެވުމަށްފަހު، ޑރ. އަލްޠާފް އެންމެ ފުރަތަމަ މަސައްކަތް ފެއްޓެވީ 2015 ވަނަ އަހަރު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައެވެ. އޭގެ ފަހުން 2020 ވަނަ އަހަރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރެއްވުމަށްފަހު، 2022 ވަނަ އަހަރު ޓްރީ ޓޮޕް ހޮސްޕިޓަލާ ގުޅިވަޑައިގެން، ސަރޖަރީގެ ރޮނގުން ވަނީ އިތުރު ތަޖުރިބާތަކެއް ހޯއްދަވާފައެވެ.

ޑރ. އަލްޠާފް މި ހާސިލްކުރެއްވި ސްޕެޝަލައިޒޭޝަން އަކީ ރާއްޖެއަށް ވަރަށް މުހިންމު ދާއިރާއެކެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ މައުލޫމާތުތަކަށް ބަލާއިރު، އުރަމަތީގެ ކެންސަރަކީ ރާއްޖޭގެ އަންހެނުންގެ މެދުގައި އެންމެ އާންމު އެއް ކެންސަރެވެ. ރަސްމީ ތަފާސްހިސާބުތައް ދައްކާގޮތުން 2017 ވަނަ އަހަރުން ފެށިގެން 1،900 އަށްވުރެ ގިނަ ކެންސަރު ކޭސް ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ. ރާއްޖޭގައި އެންމެ ގިނައިން ފެންނަ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރުގެ އިތުރުން ގޮހޮރު، ފުއްޕާމޭ، ރަހިމުގެ ދޮރު އަދި ތައިރޮއިޑް ކެންސަރު ހިމެނެއެވެ.

މިހާތަނަށް އުރަމަތީގެ ކެންސަރުގެ ބޮޑެތި އޮޕަރޭޝަންތަކަށް ދިވެހިން ގިނައިން ބަރޯސާވެފައި އޮތީ ރާއްޖެއިން ބޭރުގެ ފަރުވާއަށެވެ. އެއީ ރާއްޖޭގައި މިކަމަށް ޚާއްޞަ ސާޖަނުން ނެތުމުގެ ސަބަބުންނެވެ. ނަމަވެސް ޑރ. އަލްޠާފްގެ މި ކާމިޔާބީއާއެކު، އެ ހުސްކަން ފިލައިގެންގޮސް، ރާއްޖޭގައި ތިބެގެން ގިނަ ބަޔަކަށް މި ފަރުވާ ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، މި ކާމިޔާބީއަކީ ރާއްޖޭގެ ސިއްހީ ދާއިރާ، ޚާއްޞަކޮށް ސްޕެޝަލިސްޓް ދާއިރާތަކުގައި ދިވެހި އަންހެނުންގެ ދައުރު ފުޅާވަމުން އަންނަކަން ސާބިތުކޮށްދޭ ވަރަށް މުހިންމު ކާމިޔާބީއެކެވެ. ޑރ. އަލްޠާފް މި ދާއިރާއިން ސްޕެޝަލިސްޓް ތަމްރިން ފުރިހަަމަ ކުރެއްވީ އިންޑިއާ ގައެވެ.