ގާނޫނުގައި ބަޔާންކުރާ އިޖުރާއަތުން ބޭރުން ކަންކަން ކުރަން ދިމާކޮށްފިނަމަ ދެން ނުކުންނާނީ ފޫނުބެދޭވަރުގެ މައްސަލަތައް ކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނިޝާން ވިދާޅުވީ މި ސަރުކާރުން ރަށްރަށުގެ އެކިއެކި މަޝްރޫއުތައް ހިންގުމަށް އެއްބަސްވުންތަކުގައި ސޮއި ކުރަމުންދާ މަންޒަރު ފެންނަ ކަމަށެވެ. ކޮންމެ ރަށަކަށް ވަޑައިގަތުމަށް ފަހު ވެސް ރައީސް އެއްބަސްވުންތަކުގައި ސޮއި ކުރައްވާ މަންޒަރު ފެންނަ ކަމަށާއި ނަމަވެސް މަޝްރޫއުތައް ކުރިއަށް ނުދާ ކަމަށެވެ. ނިޝާން ވިދާޅުވީ މަޝްރޫއުތައް ކުރިއަށް ނުދާ އެންމެ ބޮޑު ސަބަބަކީ އެ އެއްބަސްވުންތަކަކަށް ރައްޔިތުންނަށް ދެއްކުމަށް، ނަމަކަށް މި ސަރުކާރުން ހަދާ އެއްބަސްވުންތަކަކަށް ވުން ކަމަށެވެ. 

ގާނޫނެއްގައި ވަކި ކަމެއް ވަކިގޮތަކަށް ކުރަން ކަނޑައަޅައި ބަޔާން ކޮށްފަ އޮއްވާ އެއާ ޚިލާފަށް ކަމެއް ކުރަން ދިމާކޮށްފިއްޔާ އެކަމެއް ރަނގަޅަކަށް ނިމެނޭނެ. އެއީ ކޮންމެވެސް ހިސާބަކުން ގާނޫނާ އެކަމަކާ ނުބައްދަލު ހިސާބެއް އަންނާނެ. ސަރުކާރުން ހިންގާ 200، 300 ޕްރޮޖެކްޓް އެއްފަހަރާ އަރާ ރައީސުލްޖުމްހޫރިއްޔާ ރަށްރަށުގެ އެކި ތަންތަނުގަ އަރާ އެ ސޮއި ކުރީ. ބޮޑެތި ސިންގާ ޕްރޮޖެކްޓްތައް. މިވަރު އެއްޗެހީގަ ސޮއި ކުރާއިރު، މިކަހަލަ ޕްރޮޖެކްޓް އެއްޗެހީގަ ސޮއި ކުރާއިރު ބިޑު އޮންނާނެ. ކުރާނެ އިއުލާނު އޮންނާނެ. ހަވާލުވި ބަޔަކު އޮންނާނެ. ހަވާލުވި ބަޔަކާ ގާނޫނީ ގޮތުން ހަދާ އެއްބަސްވުންތަކެއް އޮންނާނެ. އެ އެއްބަސްވުމުން ކަނޑައަޅާ ފައިސާތަކެއް ހުންނާނެ. ފައިސާ އެއް ޕްރޮޖެކްޓަކަަށް ކަނޑައަޅާއިރު އެ ފައިސާ އެއީ ހުންނަ ފައިސާ ގެ ގޮތުގައި، ނުވަތަ ލިބޭ ފައިސާގެ ގޮތުގައި ނުވަތަ އެ ފައިސާގެ މުއާމަލާތަކީ ހިންގަން ޖެހޭ މުއާމަލާތެއްގެ ގޮތުގައި، 
ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް

ނިޝާން ވިދާޅުވީ މިފަދަ ޕްރޮޖެކްޓްތަކަކީ ވިޔަފާރި އުސޫލުން ކުރިއަށްދާ ޕްރޮޖެކްޓްތަކެއް ކަމަށެވެ. ސަބަބަކީ މަޝްރޫއެއް ހަވާލު ކުރާ ކުންފުންޏަކީ އެކަން ކުރާނީ ވިޔަފާރި އުސޫލުން ކަމަށް ވުން ކަމަށް ނިޒާން ވިދާޅުވި އެވެ. މި މަޝްރޫއުތައް ކުރިއަށް ދާއިރު ރާއްޖޭގައި ހެދިފައިވާ އެއްބަސްވުމާ ބެހޭ ގާނޫނުގެ ދަށުންނާ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން އެއްބަސްވުންތަކެއް ހަދާ ކަމަށް ވެސް ނިޝާން ވިދާޅުވި އެވެ. 

މި އެއްބަސްވުންތައް އޮންނަން ޖެހޭނެ ކަން ފާހަގަ ކުރައްވައި ނިޝާން ވިދާޅުވީ އެއްބަސްވުމުގައި ހުންނަ ކަންކަމާ ޚިލާފަށް، ނަމެއްގައި ކަންކަން މި ސަރުކާރުން ކުރަނީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ކަމަށެވެ. އަދި އެއީ ދައްކާލާ އަވާމެންދުރެއް ކަމަށް ވެސް ނިޝާން ވިދާޅުވި އެވެ. 

ކޮންމެ އެއްބަސްވުމަކީ ވެސް ގާނޫނީ ބުރަދަނެއް ހުންނަ އެއްޗެއް ކަމަށް ވެސް ނިޝާން ވިދާޅުވި އެވެ. އަދި މިއީ އިސްލާމީ ޝަރީއަތުގައި ވެސް އިސްކަން ދެވޭ ކަމަކަށް ވާއިރު މިފަދަ ބުރަދަނެއް ހުރި ކަމެއް އޮއްވާ ކުޅޭ ކުޅިވަރެއްގެ ގޮތުގައި، ރައްޔިތުންނަށް ކަމެއް ކުރާކަން ދެއްކުމަށްޓަކައި އެއްބަސްވުންތަކުގައި ސޮއި ކުރަމުންދާ ކަމަށް ނިޝާން ވިދާޅުވި އެވެ. ނިޝާން މި ކަން ސިފަކުރެއްވީ މި ސަރުކާރުން ހިންގާ ޖަރީމާތަކެއްގެ ގޮތުގަ އެވެ. އަދި ވިދާޅުވީ ނަތީޖާ އަކަށް ވެގެންދާނީ މަޝްރޫއުތައް ހުއްޓުން ކަމަށް ވެސް ނިޝާން ވިދާޅުވި އެވެ.