ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް
ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އައްޔަނު ކުރެވޭ ސިޔާސީ މުވައްޒަފުންގެ އަދަދު
ރައީސަށް އެނގިވަޑައިނުގަންނަވާ ނަމަ އެކަމާ މީހުން ޖޯކުވެސް ޖަހާނެކަމަށް ޤާނޫނީ
ވަކީލު މުޙައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ
ދައްކަވަމުން ނިޝާން ވިދާޅުވީ، ސަރުކާރުގެ ސިޔާސީ މުވައްޒަފުންނަކީ
ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން އައްޔަނު ކުރާ
ބައެއް ކަމަށާއި، އެ މުވައްޒަފުންގެ އަދަދުވެސް ރައީސަށް އެނގިވަޑައިގަންނަވަން
ވާނެ ކަމަށެވެ.
އެންމެ ކުޑަމިނުން އެ އަދަދު ނޯޓު ކުރެވިފައި
އޮންނަން ޖެހޭނެކަން ފާހަގަ ކުރައްވައި ނިޝާން ވިދާޅުވީ، ޤާނޫނުން ލިބިދޭ ބާރެއްގެ
ދަށުން ރައީސް އައްޔަނު ކުރައްވާ މަޤާމުތައް އެނގިވަޑައިނުގަންނަވާނަމަ އެކަމާ މީހުން
ޖޯކުވެސް ޖަހާނެ ކަމަށެވެ.
އެހެންވީމާ ރައީސުލްޖުމްހޫރިއްޔާއަށް އަދަދު ނޭނގޭކަމަށްވަންޏާ، ދެން އަޅުގަނޑުމެން ކީކޭތޯ ދަންނަވާނީ، މިހާރު ޤާނޫނުއަސާސީގެ 115 ގެ ދަށުން އައްޔަނު ކުރެވޭ އަދަދު ރައީސުލްޖުމްހޫރިއްޔާ އެއްޗެއްގައި ނުލިޔުއްވަންޏާ ނުވަތަ ރައީސަށް އެނގިވަޑައިނުގަންނަންޏާ އަޅުގަނޑަށް ފެންނަނީ ވަރަށް ގިނަ ބަޔަކު ޖޯކު ޖަހާނެ.ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހީމް
ނިޝާން ވިދާޅުވީ، ރައީސްގެ ތަރުޖަމާނަކީ ރައީސްގެ ވާހަކަތައް
ސާފުކޮށްދޭން ހުންނަ ބޭފުޅެއް ކަމަށާއި، ތަރުޖަމާނަށްވެސް އެ އަދަދު ސާފުކޮށް
ނޭނގޭނަމަ ދެން އޮންނާނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން
އާރްޓީއައި ހުށަހެޅުން ކަމަށެވެ.
ނިޝާން ވިދާޅުވި ގޮތުގައި މިކަންކަމުން ސާފުވަނީ
ރައީސް ޑރ މުޙައްމަދު މުއިއްޒު ވެރިކަމަށް ކުފޫ ހަމަނުވާ މިންވަރެވެ.
މީގެ އިތުރުން، ސިޔާސީ މުވައްޒަފުން އައްޔަނު
ކުރުމަކީ މީގެ ކުރީ ވެރިކަންތަކުގައިވެސް ފެނިފައިވާ މަންޒަރެއްކަން ފާހަގަ ކުރައްވައި
ނިޝާން ވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެކަންކަން ހިނގަމުންދާ ގޮތާމެދު
ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރުގައި
ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމަށް ބުނެފައިވާއިރު،
ވެރިކަމަށް ދެ އަހަރަށްވުރެ ގިނަ ދުވަސްވީއިރުވެސް ސަރުކާރުގައި ތިބި ސިޔާސީ
މުވައްޒަފުންގެ އަދަދު ހާމަކޮށްފައެއް ނުވެއެވެ.
އެކި ފަހަރުމަތިން ސަރުކާރުގެ
އެކި ބޭފުޅުންނާ ނޫސްވެރިން ސުވާލު ކުރަމުން ދިޔަނަމަވެސް، މިއަދާ ހަމައަށްވެސް އެ
އަދަދު ހާމަކޮށްފައިނުވާއިރު، އެކި ފަހަރު ސަރުކާރުން ގެންދިޔައީ އެކި ބަހަނާތައް
ދައްކަމުންނެވެ.
ނުވިތާކަށް، ސިޔާސީ މުވައްޒަފުންގެ އަދަދާ
ބެހޭގޮތުން ސުވާލުކުރަންވާނީވެސް ސަރުކާރުން ކުރިއަށްގެންދާ ސަރުކާރުގެ
މުވައްޒަފުންގެ އަދަދު މަދުކުރުމުގެ މަސައްކަތް މުޅިން ނިމުމުންކަމަށް ސަރުކާރުގެ
ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވެސް ވަނީ
ވިދާޅުވެފައެވެ.