ނިމިދިޔަ
ލޯކަލް ކައުންސިލް އިންތިޚާބުގައި ހުޅުމާލޭ މެދުދާއިރާގެ ގޮނޑީގެ ވޯޓުތަކެއް
އަލުން ގުނަން އަމުރު ކޮށްދިނުމަށް އެދި އިދިކޮޅު މައި ޕާޓީ އެމްޑީޕީން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފިއެވެ.

މި ގޮނޑިއަކީ
މާލޭ ސިޓީ ކައުންސިލުން ޕީއެންސީއަށް ލިބުނު 2 ގޮނޑީގެ ތެރެއިން އެއް ގޮނޑިއެވެ.

ކައުންސިލް
އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، 916 ވޯޓުން އެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ
ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސަނީހް ހަނީފުއެވެ. އޭނާއާ ވާދަކުރި އެމްޑީޕީގެ
ކެންޑިޑޭޓު ސަފާތު އަހުމަދު ޒާހިރަށް ލިބިފައި ވަނީ 905 ވޯޓެވެ. އެހެންކަމުން ދެ
ކެންޑިޑޭޓުގެ ވޯޓުގައި އުޅެނީ ވަރަށް ކުޑަ ފަރަޤެކެވެ.

އެމްޑީޕީން
ހައިކޯޓަށް ހުށަހެޅި އިންތިޚާބީ ޝަކުވާގެ މައްސަލައިގައި ބުނެފައިވަނީ އެ ދާއިރާގެ
ވޯޓު ފޮށްޓެއްގެ ވޯޓުތައް ގުނުމުގައި ބާތިލް ވޯޓެއް ސައްހަ ވޯޓެއްގެ ގޮތުގައި
ގުނާފައި އޮތް ކަމަށާއި، ދެ ކެންޑިޑޭޓުންގެ މެދުގައި ވޯޓުގެ ފަރަގު ކުޑަކަމުން
އަލުން ވޯޓު ގުނައިފި ނަމަ ނަތީޖާއަށް ބަދަލު އަތުވެދާނެ ކަމަށެވެ.  

އެހެންނަމަވެސް  ވޯޓު ކަރުދާސް އަލުން ނުގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން
ގޯސްވާ ސަބަބެއް އެމްޑީޕީގެ ފަރާތުން ބުނެދީފައި ނުވާތީ ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވީ
މި މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.

އެމްޑީޕީން މި ނޫންވެސް
އިތުރު މައްސަލަތައް ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް އެ މައްސަލަތައްވެސް ކޯޓުން
ބަލައިގެންފައެއް ނުވެއެވެ.

އޭގެ ތެރޭގައި ވޯޓު ފޮށި
ގުނި އިރު، އިންތިހާބުތަކާ ބެހޭ ގާނޫނާ ހިލާފަށް ބާތިލް ވޯޓު ކަނޑައަޅާފައިވާކަމަށް
ބުނެ ހުށަހަޅާފައިވާ މައްސަލައާއި، ސައްހަ ވޯޓު ބާތިލްކަމަށް ކަނޑައަޅާފައިވުމުން،
ވޯޓުގެ ޖުމްލަ އަދަދުތަކާމެދު މައްސަލަތައް އުފެދޭތީ އެމްޑީޕީން
ހުށަހެޅި ޝަކުވާއާއި، ދެ ފޮށި އެކުގައި ގުނުމުގެ ސަބަބުން އެއްވެސް ގޮތަކަށް
އެއްވެސް ކެނޑިޑޭޓަކަށް ލިބުނު ވޯޓު ސާފުނުވާތީ، ވޯޓުގެ އަދަދުތަކާ މެދު
މައްސަލަތައް ދިމާވެގެން ހުށަހެޅި ޝަކުވާތައްވެސް ހިމެނެއެވެ.

އެ މައްސަލަތަކުގައި ހައިކޯޓުގެ
ރަޖިސްޓްރާގެ ނިންމުމުގައި ބުނެފައިވަނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން
ހުށަހަޅާފައިވާ މައްސަލަތަކުގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ޝަކުވާއާ
ގުޅިގެން އެކޮމިޝަނުން ނިންމި ނިންމުން ގާނޫނާ ހިލާފުވާ ސަބަބަެއް
ބަޔާންކޮށްދީފައި ނުވާތީ، ގާނޫނޫ ނަންބަރު 11/2008 (އިންތިހާބުތަކާ ބެހޭ އާންމު
ގާނޫނު) ގެ 64 ވަނަ މާއްދާއަށް ހަވާލާދީ، އިންތިހާބީ ޝަކުވާގެ މައްސަލައެއްގެ
ގޮތުގައި މި މައްސަލަ އެ ކޯޓަށް ބަލައިގަނެވބެން ނެތްކަން އަންގާ ކަމަށެވެ.