ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިސަރުކާރަށް ދެ އަހަރާއި ބައިވިއިރު، ދިވެހިރާއްޖޭގެ ލޭބަރ ރިލޭޝަންސްގައި ފުނިޖެހިފައި ހުރި މައްސަލަތަކަށް ހައްލު ނުގެނެވޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އެއްބަސްވެވަޑައިގެންފި އެވެ. 

މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ސަރުކާރުން ބޭއްވި ރެލީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ މި ސަރުކާރުން މިއަދު އިސްނަގައިގެން މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ.

އެގޮތުން ސަރުކާރު ހަވާލުވީއިރުވެސް ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް މަސައްކަތްތެރިންގެ ފަރާތުން އަދި ވަޒީފާދޭ ފަރާތުން ހުށައަޅާފައިވާ ގިނަ މައްސަލަތައް ހުރި ކަމަށާއި، އެ މައްސަލަތައް އަމާނާތްތެރިކަމާއެކު ބަލާ އަދުލުވެރި ހައްލެއް ހޯދައިދޭނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ. 

ދިވެހިރާއްޖޭގެ ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ފުނިޖެހިފައި ހުރި ބައިވަރު މައްސަލަތައް، މަސައްކަތްތެރިންގެ ފަރާތުންނާއި ވަޒީފާދޭ ފަރާތްތަކުން ހުށަހަޅުއްވާފައި ހުރި މައްސަލަތައް އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރުގައި ހުރި. އެއީ ތިބޭފުޅުންގެ ހައްގުތައް. އެއަށް އަމާނާތްތެރިކަމާއެކު އަދުލުވެރި ހައްލެއް އަޅުގަނޑުމެން ގެނެސްދޭނަން މި ފަހަރު. އާދެ! ދިވެހި ސަރުކާރުގެ މިއަދުގެ އަމާޒަކީ، ދިވެހިރާއްޖޭގެ މަސައްކަތްތެރިން އެދިވަޑައިގަންނަވާ ފަދަ އަމާން އަބުރުވެރި ރައްކާތެރި މަސައްކަތުގެ މާހައުލެއް ދިވެހިރާއްޖޭގައި ގާއިމުވެފައި އޮތްކަން ކަށަވަރުކުރުން. އެކަމަށްޓަކައި ދިވެހިރާއްޖޭގައި ހެދިފައި ހުރި ހުރިހާ މަސައްކަތްތެރިންނާ ގުޅޭ ހުރިހާ ގަވާއިދެއް ރަނުންރަނަށް އަކުރުންއަކުރަށް އަޅުގަނޑުމެން މި އަހަރު ތަންފީޒުކުރަން ފަށާނަން. އާދެ! ވަރަށް ގިނަ ދުވަސް ވަންދެން މޭ އެކެއް ދިވެހިރާއްޖޭގައި ފާހަގަކުރަމުން މި އައީ، މަސައްކަތްތެރިންނާއި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރެވިގެން އަންނަ ކަހަލަ ރޫހެއް ފެންނަ ދުވަހަކަށް. އެހެންނަމަވެސް، މިއަދުގައި މަސައްކަތްތެރިންގެ އަޑުއަހައި، މަސައްކަތްތެރިންނާ އެކުގައި މަސައްކަތްކުރުމުގެ ރޫހެއް އަޅުގަނޑުމެން މި ގެންގުޅެނީ.
ހޯމް މިނިސްޓަރު އަލީ އިހުސާން

މަސައްކަތްތެރިންގެ ހައްގުތައް ނަގަހައްޓަންޖެހޭ ވަރަށް ގިނަ ކަންކަން އަތްދަށުން ދުވާފައި އެބައޮތްކަން ފާހަގަކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ، މަސައްކަތްތެރިންނަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި ހިމާޔަތާއި އަދި ގާނޫނުން ލިބިދޭންޖެހޭ ރައްކާތެރިކަމާއި ހިމާޔަތް މިހާތަނަށް އައިއިރުގައި ތަންފީޒުނުކުރެވޭ ކަމަށެވެ.

ނަމަވެސް މިއަހަރު މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް، މަސައްކަތްތެރިންނާ ގުޅުންހުރި މުހިންމު ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރާނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ. 

އެގޮތުން އިންޑަސްޓްރިއަލް ރިލޭޝަންސްގެ ގާނޫނާއި، އޮކިއުޕޭޝަނަލް ސޭފްޓީ އަދި ހެލްތުގެ ގާނޫނު ފުރިހަމައަށް ތަންފީޒު ކުރާނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރު އިހުސާން މިމޭރުން ވާހަކަ ދެއްކެވި ނަމަވެސް މިސަރުކާރުގެ މިހާތަނަށް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތެއް ކޮށްފައިނުވެ އެވެ. އަދި  ލޭބަރ ރިލޭޝަންސް އޮތޯރިޓީގައި ބައިވަރު މައްސަލަ ހުރިއިރު، މައްސަލަތަކަށް ބަލައި، ހައްގުތައް ކަށަވަރު ކޮށްދީފައިނުވާ ކަމަށް ގިނަ މަސައްކަތްތެރިން ބުނެ އެވެ.