ސައްހަ ނޫން ބޭންކު ސްލިޕް ބޭނުންކޮށްގެން މަކަރާއި ހީލަތުން ވިޔަފާރިކޮށްފައިވާ މައްސަލައެއްގައި ހޯދަން އިއުލާން ކުރި މީހަކު، ވައްކަމުގެ ދެ މައްސަލައެއް ސާބިތުވެ ޖަލަށްލާން ހުކުމް ކޮށްފި އެވެ.
ވައްކަމުގެ ދެ މައްސަލަ ސާބިތުވެފައިވާތީ ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޅ. ނައިފަރު، ސާތީ، އަނޫފް ޢަބްދުލްޣަނީ މައްޗަށެވެ.
އޭނާއަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން ތަހުގީގުކުރަމުންދާ، ސައްހަނޫން ބޭންކު ސްލިޕް ބޭނުންކޮށްގެން މަކަރާއި ހީލަތުން ވިޔަފާރިކޮށްފައިވާ މައްސަލައެއްގައި ތުހުމަތުކުރެވޭ މައްސަލަތަކެއްގައި ތަކުރާރު ކޮށް ހޯދަން އިއުލާން ކުރި މީހެކެވެ.
28 އޭޕްރީލް 2026 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އަނޫފް ޖަލަށްލާން ހުކުމް ކުރީ، 27 އޮގަސްޓް 2025 ވަނަ ދުވަހުގެ ރޭ 10:00 ހާއިރު، މާލޭ ފަތާ ޓްރެކް ކައިރިން ސްކޫޕީ ސައިކަލެއް ވަގަށް ނެގި މައްސަލަ އާއި، އެ ސައިކަލުގެ މަޑިދަށުގައި އޮތް އައިފޯނު 16 އެއް ވަގަށް ނެގި މައްސަލައިގަ އެވެ.
ކޯޓުގައި ކުރިއަށް ގެންދިޔަ އަޑު އެހުންތަކުގައި އަނޫފް ވަނީ ދައުވާތަކަށް އިއުތިރާފް ވެފަ އެވެ. އަދި އަނޫފް އިއުތިރާފްވެފައިވާތީ، އަބަދު ވަނީ ލުއި ކޮށްދިފަ އެވެ.
އެގޮތުން ސައިކަލު ވަގަށް ނެގި މައްސަލަގައި އިއްވާފައިވަނީ 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އައިފޯނު ވަގަށް ނެގި މައްސަލައިގައި އިއްވާފައިވަނީ 4 މަހާއި 24 ދުވަހުގެ ހުކުމެކެވެ. އަދި މި މައްސަލައިގެ ތަހުގީގު މަރުހަލާގައި 17 ދުވަސް އޭނާ ބަންދުގައި ހޭދަ ކޮށްފައިވާތީ އެދުވަސްތައް އުނިކުރާނެ ކަމަށް ހުކުމްގައި ބުނެފައިވެ އެވެ.