މިދިޔަ އޭޕްރީލް މަހު ފުލުހުންނަށް ޖުމްލަ 874 މައްސަލަ ހުށަހަޅާފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. މި މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އެކްސިޑެންޓްގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތަކެވެ. 

ފުލުހުން ކޮންމެ މަހަކު އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ނިމިދިޔަ މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 240 މައްސަލައަކީ އެކްސިޑެންޓްތަކާ ގުޅުންހުރި މައްސަލަތަކެވެ. މިއީ އެންމެ ގިނައިން ރެކޯޑް ކުރެވިފައިވާ މައްސަލައިގެ ބާވަތެވެ.

ދެވަނަ އަށް އެންމެ ގިނައިން ރެކޯޑް ކުރެވިފައިވަނީ ވައްކަން ކުރުމުގެ މައްސަލަތަކެވެ. މިދިޔަ އޭޕްރީލް މަހު ވައްކަން ކުރުމުގެ 236 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. މީގެ އިތުރުން މަސްތުވާތަކެއްޗާ ގުޅޭ 169 މައްސަލަ އާއި އެއްޗެހި ގެއްލުމުގެ 75 މައްސަލަ މި މުއްދަތުގައި ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން ފުލުހުންނަށް މިދިޔަ މަހު ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އަނިޔާ ކުރުމުގެ 37 މައްސަލަ އާއި މުދަލަށް ގެއްލުން ދިނުމުގެ 37 މައްސަލަ ހިމެނެ އެވެ. ޖިންސީ ގޯނާގެ 24 މައްސަލަ އާއި ގެވެށި އަނިޔާގެ 22 މައްސަލަ ވެސް މި މުއްދަތުގައި ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.

މަކަރާއި ހީލަތް ހެދުމުގެ 16 މައްސަލަ އާއި ފޭރުމުގެ 16 މައްސަލަ އަދި ފޯޖް ކުރުމުގެ 2 މައްސަލަ ވެސް މިދިޔަ އޭޕްރީލް މަހު ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.

މި އަހަރުގެ މިހާތަނަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ފުލުހުންނަށް ހުށަހަޅާފައިވަނީ ޖުމްލަ 3،899 މައްސަލަ އެވެ. މި މައްސަލަތަކުގެ ތެރެއިން ވެސް އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކާއި އެކްސިޑެންޓްތަކާ ގުޅުންހުރި މައްސަލަތަކާއި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ. 

ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 71.2 އިންސައްތައަކީ މި ތިން ބާވަތުގެ މައްސަލަތަކެވެ.