އަންނަ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު  ބޭއްވުން ފަސްކުރަން ތާއީދު ނުކުރައްވާ ކަމަށް، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އާއި އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހާމަކުރައްވައިފި އެވެ.

ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވީ ރިޔާސީ ޕްރައިމަރީއަށް ފަހު ޗެއާޕާސަންގެ އިންތިހާބު ބޭއްވުމަށެވެ. އެގޮތަށް އޭނާ ހުށަހެޅުއްވީ ޕާޓީގެ އެތެރޭގެ ގްރޫޕަކަށް ފޮނުއްވި މެސެޖެއްގަ އެވެ. އޭނާ ވިދާޅުވީ އިންތިހާބު ބާއްވާނެ ފައިސާ ޕާޓީގައި ނެތް ކަމަށާއި އެ ތާރީހުގައި އިންތިހާބު ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލިދާނެ ކަމަށެވެ.

ޣަފޫރު ވިދާޅުވީ ޕާޓީގެ އެތެރޭގެ މަސްލަހަތު ހިމާޔަތްކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް މެދުނުކަނޑާލައި ކުރިއަށްގެންދަން ޗެއާޕާސަންގެ އިންތިހާބު ފަސްކުރަން ޖެހޭ ކަމަށެވެ. 

މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މީކާއީލް ވިދާޅުވީ ޗެއާޕާސަން އިންތިހާބު ލަސްކުރަން އުޅޭ އުޅުމަކީ އޭނާ ވެސް އަދި ޕާޓީގެ އެއްވެސް މެންބަރެއްވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ޕާޓީން އިއުލާނުކޮށްފައިވާ ތާވަލާ އެއްގޮތަށް އިންތިހާބު ކުރިއަށް ގެންދަންޖެހޭ ކަމަށާއި ވަކި ބަޔަކަށް ފައިދާވާގޮތަށް އިންތިހާބާ ނުކުޅުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ. 

ކުރީގެ ޗެއާޕާސަން ފައްޔާޒު ވިދާޅުވީ އިންތިހާބު ލަސްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ޕާޓީއަށް ފައިސާ ހޯދޭނެ ގޮތްތައް އޮންނާނެ ކަމަށެވެ. އޭނާ ވަނީ އިންތިހާބު ހަމަޖެހިފައިވާ ތާރީހުގައި ބޭއްވުމަށް ގޮވާލައްވާފަ އެވެ.

މީކާއީލްގެ އިތުރުން އެމްޑީޕީ ޗެއަރޕާސަން އިންތިހާބުގައި ވާދަ ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. ރައީސް ނަޝީދު އަދި މީކާއީލް ވެސް ދަނީ މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި މި އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ފޯރިއާއެކު ހިންގަމުންނެވެ.