ރ. ރަސްމާދޫގައި ބަންޑާރަ ގޯތި ދޫކުރުމަށް ބިން ނެތް ކަމަށާއި، ހައުސިންގ ޔުނިޓް މަޝްރޫއަށް ވާނުވާ ނޭނގޭ ކަމަށް ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަމުން އާސިފް ވިދާޅުވީ، އެރަށުގެ ބިން ފުރިފައިވާ ކަމަށާއި، ގޯތި ދޭނެ ބިން ނެތް ކަމަށެވެ.

މިހާރު ރަށުގައި އޮތް ބިން އެންމެ އެކަށީގެންވާ ގޮތުގައި ބޭނުން ކުރުމަށްޓަކައި އެންމެ ރަނގަޅު ގޮތަކީ ގިނަ ބަޔަކަށް ބޭނުންކުރެވޭ ގޮތަށް އެބިން ތަކުގައި ފްލެޓު އެޅުން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އާސިފް ވިދާޅުވީ 22 ޖެނުއަރީ 2025 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެރަށަށް ވަޑައިގަންނަވާ ވަރަށް އަވަހަށް އެރަށުގައި ހައުސިންގ ޔުނިޓް މަޝްރޫއެއް ހިންގަވައިދެއްވާނޭ ކަމަށް ވިދާޅުވެފައިވާ ކަމަށާއި، ނަމަވެސް މިއަދާ ހަމައަށް އެ މަޝްރޫއުގެ އެއްވެސް އަމަލީ މަސައްކަތެއް ކުރިއަށް ނުދާ ކަމަށެވެ. 

އާސިފް ވިދާޅުވީ، އެރަށުގައި ބޯހިޔާވަހިކަމާއި، ބިމުގެ ދަތިކަން ވަރަށް ބޮޑު ކަމަށާއި، މިމައްސަލައަށް އަވަސް ހަލެއް ބޭނުންވާ ކަމަށެވެ. 

ގޯތި އަސްލުގައި ދެވޭކަށް ނެތް. ގާތްގަނޑަކަށް މިހާރު ޕްލޭން ހެދިފައި އޮތް ގޮތުން 16 ވަރަކަށް ގޯތި މިދެވެން އިނީ. ބިން އަނެހެން އެއްކޮށް ފުރިފައި. ދެން އަޅުގަނޑުމެން ކައުންސިލްގެ ވިސްނުމެއް ނެތް ހަގީގަތުގައި ގޯތި ދިނުމެއް. ދެން އަސްލުގައި ބެލީ ފްލެޓު އަޅައިގެން ގިނަ ބަޔަކަށްވާނެ ގޮތަކަށް ބިންތައް ރަނގަޅު ގޮތުގައި ބޭނުން ކުރަން. ދެން އެގޮތުން 50 ހައުސިން ޔުނިޓް ގެ މަސައްކަތެއް މިސަރުކާރުން 2025 ވަނަ އަހަރު ފެބްރުއަރީ މަހު 22 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ މިކޮޅަށް އައިސްފައި ދެންނެވި އެމަސައްކަތް ވެސް ކުރިއަށްދާނޭ. އޭރު ވެސް އަޅުގަނޑުމެން ވާނީ ބިން ދައްކާފައި. ބަޔަކާ ވެސް ހަވާލު ކުރެވިފައި އޮތް ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ.  
ރަސްމާދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް

ރަސްމާދޫ ހައުސިން މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް އާސިފް ވިދާޅުވެފައިވާއިރު،  22 ޖެނުއަރީ 2025 ގައި ރައީސް މުއިއްޒު އެރަށަށް ވަޑައިގަންނަވައި ވިދާޅުވީ، 2025 ވަނަ އަހަރު ފާސްކޮށްގެން ތަންފީޒު ކުރާ ބަޖެޓުގައި އެންމެ އިސްކަމެއް ދޭނީ އާ މަޝްރޫއުތަކުގައި ވެސް، މި މައްސަލަ ހައްލުކުރަން މަސައްކަތް ކުރުމަށް ކަމަށެވެ.

އެހެންކަމުން ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގެ ތެރެއިން، ރަސްމާދޫ ހައުސިން ޔުނިޓް މަޝްރޫއު ކުރިއަށް ގެންދިއުމުގައި އިސްކަންދޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.